ގއ. އަދި ގދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓުކަމަށް ހަމަޖެއްސެވި ދެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުވުން

2/7/2014

ގއ. އަދި ގދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓުކަމަށް ހަމަޖެއްސެވި ދެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު 26 ޖޫން 2014 ގައި އަރުވައިފިއެވެ.

މިކަމަށްޓަކައި ގއ. އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވުނު ރަސްމިއްޔާތުގައި ގއ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް ޢައްޔަންކުރެއްވި ޙަސަން ނަޖީބާއި، ގދ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް ޢައްޔަންކުރެއްވި އއަޙްމަދު ޝަރީފަށް މަޤާމުގެ ފަތްކޮޅު އެރުވީ ކޮމިޝަންގެ ނާއިބުރައީސް އަލްއުސްތާޛު ޢަބްދުﷲ ދީދީއެވެ. 26 ޖޫން 2014 ގައި ބޭއްވުނު މި ރަސްމިއްޔާތުގައި ކޮމިޝަންގެ ނާއިބުރައީސް ފަނޑިޔާރުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސްގެ ފަރާތްޕިޅުން ޚިޠާބެއް އިއްވަވާފައިވެއެވެ. ކޮމިޝަނުގެ ރައީސްގެ ޚިޠާބު އިއްވަވައިދެއްވީ ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު މުޙައްމަދު ފައިޞަލްއެވެ.

މި ރަސްމިއްޔާތުގައި ރަށުގެ ބައެއް ޢިއްޒަތްތެރި ބޭފުޅުންނާއި އަދި ކައިރި ރަށްރަށުގެ ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި އެބޭފުޅުންގެ އާއިލާއާއިތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިގެ އިތުރުން މި ޖުލައި މަހުގެ 3 ވަނަ ދުވަހު ޏ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެއްވި އިބްރާހީމް ޝަރީފަށް މަޤާމުގެ ފަތްކޮޅު އެރުވުން ފުވައްމުލަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަހުގެ 5 ވަނަ ދުވަހު ހއ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެއްވި މުޙައްމަދު ޢަލިދީދީއާއި ށ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެއްވި މުޙައްމަދު އިސްމާޢީލަށް މަޤާމުގެ ފަތްކޮޅުއެރުވުން ހއ.ދިއްދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އދ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެއްވި މުޙައްމަދު އާމިރާއި ކ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެއްވި މޫސާ ނަސީމަށް މަޤާމުގެ ފަތްކޮޅު އެރުވުން މިމަހުގެ 11 ގައި އދ.މަހުބަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުތައް ކުރުމުގެ މައިގަނޑު މަޤްޞަދަކީ ފަނޑިޔާރުންނަށް އެބޭފުޅުންގެ އާއިލާއާއި ވީހާވެސް ގާތުން މިފަދަ ޝަރަފެއް އެރުވުމެވެ. މިއީ، ޖުޑީޝަލް ދާއިރާތަކުގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކޮމިޝަނުން 11 ޖޫން 2014 ގައި ހަމަޖެއްސެވި ފަރާތްތަކަށް ފަތްކޮޅު އެރުވުމުގެ ގޮތުން 25 ޖޫން 2014 ގައި ކޮމިޝަނުން ނިންމުމާ ގުޅިގެން ކުރެވެމުންދާ ދަތުރެކެވެ.