ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ހެއްކާއި ޤާރީނާ ލިބިފައިނުވާތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ހަމީދުގެ މައްޗަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ކޮމިޝަނުން ނިންމައިފި

25/6/2014

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ހަމީދު މުޙައްމަދުގެ މައްޗަށް ތުހުމަތު ކުރެވުނު ސުލޫކީ މައްސަލައާ ގުޅިގެން ތަޙްޤީޤް ކޮމިޓީން ކުރި ތަޙްޤީޤަށްފަހު ކޮމިޝަނަށް ހުށަހެޅި ރިޕޯޓާމެދު ކޮމިޝަންގައި މަޝްވަރާކޮށް ޝަރުއީ އަދި ޤާނޫނީގޮތުން އެކަށީގެންވާ މިންވަރަށް ހެކިލިބިފައިނުވާތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ހަމީދު މުޙައްމަދުގެ މައްޗަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލަ ޝާބިތުނުވާކަމަށް ކޮމިޝަނުން ނިންމައިފިއެވެ.

މިގޮތަށް ކޮމިޝަނުން ނިންމެވީ، މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ވީޑިއޯއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދުކަން ކަށަވަރު ކޮށްދެވެންނެތްކަމަށް ބުނެފައިވުމުން އެ ވީޑިއޯއިން ފެންނަ މީހާއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދުކަން ދިވެހިރާއްޖޭގައި ފޮރިންސިކް މައްސަލަތައް އެނެލައިޒް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ހަމައެކަނި ފަރާތް ކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރިންސިކް ސަރވިސް ޑައިރެކްޓަރޭޓަރޭޓަށްވެސް ކަށަވަރު ކޮށްދެވިފައިނުވާތީއާއި، ޤާނޫނޫއަސާސީގައި ބަޔާންވެގެންވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ތެރޭގައި ކުށެއްގެ ތުހުމަތުގައިވާ މީހާއަށް ކަށަވަރު ކޮށްދީފައިވާ ދުސްތޫރީ ގެރެންޓީތަކެއް ހިމެނޭކަމަށާއި، އޭގެ ތެރޭގައި ކޯޓުގެ ޙުކުމަކުން ކުށް ސާބިތުނުވާހާހިނދަކު ބަރީއަ މީހެއްކަމުގައި ބެލުން ހިމެނޭކަމަށް ސުޕްރީމްކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާގައި އޮންނައިރު، ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދުއާ ބެހޭގޮތުން ކުރެވިފައިވާ ތުހުމަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮށްފައިވާ ތަޙްޤީޤަށް ހެއްކާއި ޤަރީނާ ލިބިފައިނުވާތީ އެ މައްސަލައިގެ ތަޙްޤީޤް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަށަވަރު ކޮށްދީފައިވާކަމާއި، އަދި ކުށެއްގެ ތުހުމަތުގައިވާ މީހާއަށް ކަށަވަރު ކޮށްދީފައިވާ ދުސްތޫރީ ގެރެންޓީތައް ކަށަވަރު ކުރުމަށްޓަކައި ކޯޓުގެ ޙުކުމަކާ ހަމައަށް ވާސިލުވުމަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ޢަނާޞިރުތައް ފުރިހަމަވެފައި ނުވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސިޓީން އެނގެން އޮތް ހިނދު،

މިއީ، އިސްލާމީ ޝަރީޢަތުގައިވާ “البراءةالأصلية” ގެ މަބްދައު ނަފީކުރެވޭފަދަ ހާލަތެއް ކަމުގައި ނުބެލެވޭނެކަމާއި، އަދި ހަމަ އެ އުސޫލުން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލާއިރު އެ މައްސަލަ ބިނާވެފައިވާ ނުވަތަ އެ ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ސާބިތު ކުރުމަށް ބޭނުންވާ ކާފީ ހެއްކާއި ޤަރީނާ ލިބިފައިނުވާއިރު ފަނޑިޔާރަކާމެދު ސުލޫކީ ފިޔަވަޅެއް އެޅިދާނެކަމަށް ނުފެންނަކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވުނު ވީޑިއޯއަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ބަރަހަނާ ވީޑީއޯއެއްކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ބޭނުންކޮށްގެން އެ ފަނޑިޔާރު ބްލެކް މެއިލް ކުރުމުގެ މަސައްކަތް ބަޔަކު ކުރަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިގެން އެފަރާތްތައް ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި ގެނެވުނު ވީޑިއޯ އެއްކަމުގައި ފުލުހުން ބުނެފައިވާއިރު، އެ ވީޑިއޯއިން ފެންނަ މަންޒަރުތަކަކީ، އިސްލާމީ ޝަރީޢަތުގެ މަޤާޞިދުއްޝަރީޢާގެ ތެރެއިން އެއް މަޤްޞަދު ކަމުގައިވާ އިންސާނާގެ ނަސަބާއި އަބުރު ރައްކާތެރި ކުރުމަށް އަންގާފައިވާ އެއްމަޤްޞަދު އޭގައި ހިމެނޭ ކަމެއްކަމުގައި ވާއިރު، ކުށެއްގެ ތުހުމަތު ކުރެވިއްޖެނަމަ ޢަދުލުވެރި ޝަރީޢަތެއްކޮށް އެމީހެއްގެ މައްޗަށް ކުށް ސާބިތުނުވާހާ ހިނދަކު ބަރީއަ މީހެއްކަމުގައި ބަލަން ޖެހޭކަމީ އިސްލާމީ ޝަރީޢަތުގެ އަސާސެއްކަން އެނގެން އޮތްއިރު، ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހެއްގެ މައްޗަށް ކުށް ސާބިތުވަންދެން ނުވަތަ ސާބިތުވާ ކުށެއްއޮތްކަން ކަނޑައެޅެންދެން ކުރެވިފައިވާ ކުށުގެ ތުހުމަތާ ގުޅިގެން ހިންގާ އިޖްރާއާތު އެހެން ނިޒާމެއްގެ ތެރެއިން ހިންގުމަކީ އިސްލާމީ ޝަރީޢަތާ ޚިލާފު އުސޫލަކަށްވާތީ، އިސްލާމީ ޝަރީޢަތުގައި ޙަރާމްކުރައްވާފައިވާ ޒިނޭގެ ތުހުމަތާއި ޤަޛްފުގެ ތުހުމަތެއް މީހެއްގެ މައްޗަށް ކުރެވޭހިނދު، ފުރިހަމަވާންޖެހޭ ކުށުގެ ތުހުމަތުގެ ޢަނާޞިރުތައް ހޯދުމުގައި ޢަމަލުކުރުމަށް އޮންނަ ޖިނާއީ އިޖުރާއާތު ފުރިހަމަ ނުވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސިޓީން އެނގެން އޮންނާތީއާއި، އަދި ސިވިލް ކޯޓުގެ ނަންބަރު 2253/Cv-C/2011 (25 ޖުލައި 2012) ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، އެޙުކުމުގައި، އެކަމެއްގެ ބާވަތުން އެކަމެއް ސާބިތުވުމުގައި ބުރަވެވެންޖެހޭނީ އެކަމުގައި ފުރިހަމަވާންޖެހޭ ހެއްކާއި ޤަރީނާ ލިބިފައިހުރުމުގެ މައްޗަށްކަމާއި، ކަމެއް ތުހުމަތު ކުރެވުނު ގޮތަށް އެކަމެއް ހިނގާފައިވާކަން އަންގައިދޭ ދަލީލްތަކެއްގެ މައްޗަށްކަމަށް ފާހަގަކޮށްފައި އޮތްއޮތުމާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައި ކޮމިޝަނުން ނުވަތަ ތަޙްޤީޤުކުރާ ކޮމިޓީން މައްސަލަތައް ބަލަންވާނީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އަސާސްގެ މައްޗަށް ބިނާކޮށްކަމަށް ބަޔާންކޮށްފައި އޮތްއޮތުމަށް ބަލާއިރު، އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދުއާ ބެހޭގޮތުން ކުރެވިފައިވާ ތުހުމަތަކީ ސައްޙަ ތުހުމަތެއްކަން ކަށަވަރުކޮށްދޭ ހެކި ނުވަތަ ޤަރީނާ ލިބިފައިނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮމިޝަނަށް އަންގައި ކަށަވަރު ކޮށްދީފައިވާތީއާއި، ކޮމިޝަނުން ތަޙްޤީޤް ކުރަމުންދާ އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދުގެ މައްސަލަ ބިނާވެފައިވާ ވީޑިއޯއިން ފެންނަ މީހަކީ އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދުކަން ކަށަވަރު ކުރެވިފައިނުވާހިނދު، އެއީ ތުހުމަތު ކުރެވުނު ފަނޑިޔާރު އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދު ކޮށްފައިވާ ޢަމަލެއްކަން ސާބިތުވާވަރުގެ ހެކި ނުވަތަ ޤާރީނާ ނެތިސް އެ ފަނޑިޔާރުގެ މައްޗަށް ސުލޫކީ މައްސަލައެއް ބެލިދާނެކަމަށް ނުފެންނާތީއާއި، އަދި ވީޑިއޯ ކެމެރާތަކުން (ފޮޓޯއާއި އަޑު ހިމެނޭ ގޮތަށް) ރެކޯޑްކުރާ ކްލިޕްތަކާއި، ފޯން ކޯލްތަކަކީ މުއްތަހަމާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށްޓަކައި ޤާނޫނުގައި ވާގޮތުގެ މަތިން ތަޙްޤީޤްކުރާ ފަރާތްތަކުން ކުރި ކަމެއް ނަމަ މިއީ ޤާނޫނު ހުއްދަ ކުރާ ކަމެއްކަމާއި،

އެހެންނަމަވެސް އެކަން ކޮށްފައިވަނީ އެކަން ކުރުމުގެ އޮތޯރިޓީ ނެތްފަރާތަކުންނުވަތަ އެ ކަން ކުރީ އެ ކަން ކުރުމުގެ ހުއްދަ ނެތް ތަނެއްގައި ނަމަ އެއީ ކުރުން ހުއްދަވެގެންވާ ކަމެއް ނޫންކަމާއި، އެ ކަން ވާނީ ޝަރްޢުގައި މަނާ ކުރައްވާފައިވާ ޖާސޫސުކުރުމުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައިވާތީއާއި، އަދި ކޮމިޝަނުން ތަޙްޤީޤް ކުރަމުންދާ މި މައްސަލާގައި ހިމެނޭ ވީޑިއޯ ނަގާފައި ވަނީ ޤާނޫނީ ގޮތުން މި ކަން ކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުންކަން އެނގެން ނެތް ހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫންކަމާއި، އެގޮތަށް ހޯދާ ހެކި ޝަރީޢަތަށް ޤަބޫލުކޮށްގެން ނުވާނެކަމަށް ބުނެފައިވާތީއާއި، އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 2253/Cv-C/2011 ޤަޟިއްޔާއަށް ބަލާއިރު، އިދާރީ ގޮތުން އަޅާ ފިޔަވަޅުތަކަކީވެސް އެކަމަށް އެކަށީގެންވާ ހެކި ލިބިގެން އެކަމެއް ސާބިތުވެފައި އޮންނަ އޮތުމުގެ މައްޗަށް ބިނާކޮށް އަޅަންޖެހޭ ފިޔަވަޅެއްކަމުގައި ވީހިނދު ހަމައެކަނި ކަމެއް ހިނގާފައިވާ ގޮތުގެ މައްޗަށް ހުރި ޤަރީނާއަކީ އެކަމެއް ސާބިތު ކުރުމަށް ނުވަތަ އެމީހެއްގެ މައްޗަށް ފިޔަވަޅު އެޅުމަށް ބޭނުން ކުރެވިދާނެ އެއްޗެއް ނޫންކަން އެނގިގެންދާކަމާއި، އެހެންކަމުން އިސްވެ ހަވާލާދެވުނު ދެ ޤަޟިއްޔާއަށް ރިޢާޔަތް ކުރާއިރު، ފަނޑިޔާރުންގެ މައްޗަށް ސުލޫކީ ފިޔަވަޅެއް އެޅޭނީ އެ މައްސަލައެއް ބިނާވެފައިވާ ޢަމަލު ކުރިކަމުގެ މައްޗަށް އެކަށީގެންވާ ހެކި ނުވަތަ ޤަރީނާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ހުރެގެންކަން އެނގެން އޮތުމުންނާއި، އަދި މި މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދުގެ މައްޗަށް ތުހުމަތު ކުރެވުނު ސުލޫކީ މައްސަލަ ބިނާވެފައިވާ ވިޑީއޯއިން ފެންނަ މީހަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދުކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ހެއްކާއި ޤަރީނާ ލިބިފައިނުވާތީ، މި މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ޙަމީދު މުހައްމަދު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއް ކޮށްފައިވާކަމަށް ކޮމިޓީން ކުރިތަޙްޤީޤަށް ސާބިތުވެފައިނުވާތީ، ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ހަމީދު މުޙައްމަދުގެ މައްޗަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ކޮމިޝަނުން ނިންމައިފިއެވެ.