“ފަނޑިޔާރުންގެ ޤާބިލްކަން އިތުރުކުރުމަށް ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ އުސޫލު” ކޮމިޝަނުން ފާސްކޮށްފި

16/6/2014

ފަނޑިޔާރުންގެ ޤާބިލްކަން އިތުރުކުރުމަށް ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ އުސޫލެއް ކޮމިޝަނުން އެކުލަވާލައިފިއެވެ.

ކޮމިޝަނުން އެކުލަވާލާފައިވާ މި އުސޫލަކީ، ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމަށްޓަކައި،ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ހ) އިންނާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 21 ވަނަ މާއްދާގެ (ހ) އިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިދޭ ބާރާއި އިޚްތިޔާރު ތަންފީޛުކުރުމުގައި،ޤާނޫނު ނަންބަރު 2010/13(ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ ދަށުން ފުރިހަމަކުރާންޖެހޭ އިޖުރާއާތު ފުރިހަމަ ކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ އުސޫލެކެވެ. މި އުސޫލުގެ މަޤުޞަދަކީ ފަނޑިޔާރުންގެ ޝަރުޢީ އަދި ޤާނޫނީ ހުނަރާއި،ޤާބިލްކަމާއި،ތަޖުރިބާ އިތުރުކުރުމާއި ކުރިއެރުވުމާއި، ޤާނޫނީ އަދި ޝަރުޢީ ދާއިރާއަށް އަންނަންޖެހޭބަދަލުތަކާއި ކުރިއެރުންތަކާ އެއް ހަމައެއްގައި ޝަރުޢީ ދާއިރާ ކުރިއަރުވައި ހަރުދަނާކުރުމާއި، ޢަދުލު އިންޞާފުގެ ފެންވަރު ހަރުދަނާކޮށް އަދި ހަލުވިކުރުމަށްޓަކައި،އެއިރަކަށް ގެންނަންޖެހޭ ބަދަލުތަކެއްކަމުގައި ބަލައި ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރެވޭނޭ ނިޒާމެއް އެކަށައެޅުމާއި، ރައްޔިތުންގެ މެދުގައި ޝަރުޢީ ދާއިރާއަށް އިތުބާރު ބޮޑުކުރުމެވެ.

މި އުސޫލް މިހާރުވަނީ ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv ގައި ޝާއިޢުކޮށްފައެވެ.