ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމުގެ މަޤާމަށް އަޙުމަދު ސަޢީދު ޢަލީ އައްޔަން ކުރައްވައިފި

29/5/2014

ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމުގެ މަޤާމަށް ނ.ފޮއްދޫ ގުލްފާމުގެ އަޙުމަދު ސަޢީދު ޢަލީ މިއަދު އައްޔަންކުރައްވައިފިއެވެެ.

މިކަމަށްޓަކައި، މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ބޭއްވުނު ރަސްމިއްޔާތުގައި ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމުގެ މަޤާމަށް އައްޔަންކުރެއްވި އަޙުމަދު ސަޢީދު ޢަލީއަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ އަރީފެވެ. އަދި އެބޭފުޅާއަށް މަޤާމުގެ ފަތްކޮޅު ދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ދެއްކެވި ވާހަކަ ފުޅުގައި ފަނޑިޔާރުގެ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެންގެ ބައިވެރިވުން ބޭނުންވާކަމަށާއި، ފަނޑިޔާރުން އެބޭފުޅުންގެ ވާޖިބާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވަމުން ގެންދެވުމަށް އެދިވަަޑައިގެންނެވިއެވެ.

މިއީ މެޖިސްޓްރޭޓް  ކޯޓުތަކަށް ބޭނުންވާ 27 މެޖިސްޓްރޭޓުންގެ މަޤާމަށް ބޭފުޅުން ހޯދުމަށް 13 މާރޗް 2014 ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން ކުރިމަތިލި 12 ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވެ އިންޓަވިއުކޮށް މަޤާމަށް އައްޔަންކުރެވުނު ހަމައެކަނި ބޭފުޅާއެވެ.