ކޮމިޝަންގެ ވަކިވަކި މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޟިރުވުމަށް ދަންނަވައި ފޮނުއްވާފައިވާ ސިޓީތަކާ ގުޅޭގޮތުން ކޮމިޝަނުން ގޮތެއް ކަނޑައަޅައި އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަވައިފި

11/3/2014

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ކޮމިޝަނުގެ ވަކިވަކި މެމްބަރުން ހާޟިރުވުމަށް ދަންނަވައި، ރައްޔިތުންގެ މަޖިލީހުން ފޮނުއްވާފައިވާ ސިޓީތަކާ ގުޅޭގޮތުން ގޮތެއް ނިންމުމަށްޓަކައި ކޮމިޝަންގެ ކުއްލި ޖަލްސާއެއް މިއަދު ބާއްވައި، ކޮމިޝަނުން ނިންމެވި ގޮތް ރައްޔިތުންގެ މަޖިލީހަށް ސިޓީއަކުން އަންގަވައިފިއެވެ.

މިއަދުގެ ޖަލްސާގައި މެމްބަރުން މަޝްވަރާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި ފާހަގަކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދާއި އަދި ކަމާބެހޭގޮތުން ހެދިފައިވާ އެހެން ޤަވާއިދުތަކުގައި މި ކޮމިޝަން ރައްޔިތުންގެ މަޖިލީހަށް ހާޟިރުކޮށް ޖަވާބުދާރީ ކުރުވުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކާއި މުއްދަތުތައް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން، ކޮމިޝަނުގެ މެމްބަރުންނަށް ފޮނުއްވާފައިވާ ސިޓީތަކުން މެމްބަރުންނަށް ލިބިވަޑައިގެންފައި  ނުވާތީ، އެ އިޖުރާއަތުތައް ފުރިހަމަ ކުރެއްވުމަށެވެ. އަދި މިގޮތުން އެ އިޖުރާއަތުތައް ފުރިހަމަކުރައްވައި ދެންނެވޭ ދެންނެވުމަކަށް ޤާނޫނީ އިމުގެތެރެއިން މި ކޮމިޝަނުން ޖަވާބުދާރީ ވުމަށް ތައްޔާރަށް ތިއްބެވިކަމުގައިވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.