ފ.ބިލެއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު އަޙްމަދު ޙަމްޒާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގެ 4 ވަނަ ނަންބަރުގައިވާގޮތުގެ މަތިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން ވަކިވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން ކޮމިޝަނަށް އަންގަވައިފި

20/2/2014

ފ.ބިލެއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު އަޙްމަދު ޙަމްޒާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގެ 4 ވަނަ ނަންބަރުގައިވާގޮތުގެ މަތިން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމުން ވަކިވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ނަންބަރު 57-J/195/2014/1 ސިޓީން މި ކޮމިޝަނަށް އަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު ސޮއިކުރައްވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސަށް ފޮނުއްވާފައިވާ މި މިސީޓީފުޅުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ސިޔާސީ މަޤާމަކަށް ކުރިމަތިލައިފިނަމަ، އެ މެމްބަރެއްގެ މެމްބަރުކަމުގެ މަޤާމު ހުސްވެއްޖެކަމަށް ބެލެވޭނެކަމަށް ބަޔާންކޮށްފައިވާކަމަށާއި 22 މާޗް 2014 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 9 ފެބުރުއަރީ 2014 ގައި ފ.ބިލެއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު އަޙްމަދު ޙަމްޒާ ފޯމުހުށަހަޅާފައިވާކަމަށާއި އަދި 10 ފެބުރުއަރީ 2014 ގައި އެކަން އެކޮމިޝަނުން ޤަބޫލުކޮށްފައިވާކަން އަންގަވާފައިވާކަމަށް ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ.