ފ.ބިލެއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު އަޙްމަދު ޙަމްޒާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގެ 4 ވަނަ ނަންބަރުގައިވާގޮތުގެ މަތިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން ވަކިވެފައިވާއިރުވެސް، އެކަން ޤަބޫލުފުޅުނުކުރައްވައި، ކޮމިޝަންގެ މެމްބަރުކަމުގެ ހައިޘިއްޔަތު އޮތްކަމަށް ވިދާޅުވެ ކޮމިޝަނުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވަމުންދާތީ، އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި ކޮމިޝަންގެ ރައީސްގެ ހައިޘިއްޔަތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އަދި ފ.ބިލެއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު އަޙްމަދު ޙަމްޒާއަށް ސިޓީފުޅެއް ފޮނުއްވައިފި

17/2/2014

ފ.ބިލެއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު އަޙްމަދު ޙަމްޒާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގެ 4 ވަނަ ނަންބަރުގައިވާގޮތުގެ މަތިން އެ ޤާނޫނުގެ އެ މާއްދާގެ އެ އަކުރުގެ ބާރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން ވަކިވެފައިވާއިރުވެސް، އެކަން ޤަބޫލުފުޅުނުކުރައްވައި، ކޮމިޝަންގެ މެމްބަރުކަމުގެ ހައިޘިއްޔަތު އޮތްކަމަށް ވިދާޅުވެ އަލްއުސްތާޛު އަޙްމަަދު ޙަމްޒާ ކޮމިޝަނުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވަމުންދާތީ، އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްގެ ހައިޘިއްޔަތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އަދި ފ.ބިލެއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު އަޙްމަދު ޙަމްޒާ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

މިސީޓީފުޅުގައި ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ށ) ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި، އަދި ހަމައެމާއްދާގެ (ނ)ގައި ޖުޑީޝަލް ސަރވިސް ކޮމިޝަން ހިންގާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިންކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވެއިވާކަމަށް ވިދާޅުވެފައިވެއެވެ.

އަދި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 10 ވަނަ މާއްދާގެ (ހ) ގައި ކޮމިޝަނުގެ މެންބަރެއްގެ މަޤާމު ހުސްވެއްޖެކަމަށް ބެލޭނެ ޙާލަތްތައް ބަޔާންކުރެވިފައިވާއިރު، އެޙާލަތްތަކުގެ ތެރޭގައި ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ސިޔާސީ މަޤާމަކަށް ކުރިމަތިލުމުގެ ޙާލަތު ހިމެނިގެންވާކަން ދެންނެވުނު ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ޞަރީޙަ ނައްޞުން ސާފުކޮށް އެނގެކަމަށާއި، ކަންއޮތީ މިދެންނެވި ގޮތުގެ މަތިންކަމަށްވާއިރު، 22 މާރޗް 2014 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފ.ބިލެއްދޫ ދާއިރާގެ މެންބަރުކަމަށް އެދާއިރާގެ މިހާރުގެ މެންބަރު އަލްއުސްތާޛު އަޙްމަދު ޙަމްޒާ ކުރިމަތި ލައްވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން މި ކޮމިޝަނަށް ފޮނުވާފައިވާ ނަންބަރު 38-CA/195/2014/2 (17 ފެބްރުއަރީ 2014) ސިޓީއިން ވަނީ އަންގަވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ކަނޑައަޅާ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޤާސިމް އިބްރާހިމް ކަނޑައަޅުއްވާފައިވަނިކޮށް، 7 ސެޕްޓެމްބަރ 2013 ގައި ބޭއްވުމަށް ހަމަޖެހިފައިއޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އަލްފާޟިލް ޤާސިމް އިބްރާހިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާތީ، ޤާނޫނުއަސާސީއާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކުރިން ކަނޑައަޅުއްވާފައިވާ މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޤާސިމް އިބްރާހިމް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން މި ކޮމިޝަންގެ މެމްބަރުކަމުން ވަކިވެއްޖެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޙައިޘިއްޔަތުން މަޖިލީހުގެ ރައީސް ސޮއިކުރައްވައި މި ކޮމިޝަނަށް ފޮނުވާފައިވާ ނަންބަރު 57-J/195/2013/45 (28 ޖުލައި 2013) ސިޓީއިން އަންގާފައިވާކަމަށް ވިދާޅުވެފައިވެއެވެ.

ކޮމިޝަންގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގެ ދަށުން، އިންތިޚާބުކުރެވޭ ސިޔާސީ މަޤާމަކަށް ކުރިމަތި ލެއްވުމުން މަޤާމު ހުސްވާކަމަށް ބަޔާންކުރައްވާފައި ވީނަމަވެސް، މަޤާމުގެ ހައިސިއްޔަތުން ކޮމިޝަންގެ މެމްބަރުކަމުގައި ތިއްބަވާ ބޭފުޅުންނަކީ ކޮމިޝަންގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ މަޤާމުގައި ދެމިހުރިހާ ދުވަހަކު ކޮމިޝަންގެ މެމްބަރުކަމުގައިވެސް ދެމިތިއްބަވާނެ ބޭފުޅުންނެވެ. އެގޮތުން ކޮމިޝަންގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި، ބަންޑާރަނައިބެވެ.