“ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ޤާބިލުކަން ވަޒަންކުރާ ކޮމިޓީ” އެކުލަވާލައިފި
“ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ޤާބިލުކަން ވަޒަންކުރުމުގެ ގަވާއިދު” ގެ 7 ވަނަ ނަންބަރުގެ (ހ) ގައި ބަޔާންކުރާ 05 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވާލައިފިއެވެ. އިއްޔެބޭއްވުނު ކޮމިޝަންގެ މިއަހަރުގެ 10 ވަނަ ބައްދަލުވުމުގައި މެމްބަރުން މަޝްވަރާކުރުމަށްފަހު އެކުލަވާލި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ޤާބިލުކަން ވަޒަންކުރާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ތިރީގައިވާ މެމްބަރުންނެވެ.
- ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު
- ކޮމިޝަންގެ މެމްބަރު ޑރ. މުޙައްމަދު ލަޠީފު
- ކޮމިޝަންގެ މެމްބަރު އައްޝައިޙް ޝުޢައިބް ޢަބްދުރަޙްމާން
- ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު ޝަމްސުލްފަލާޙް
- ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު އަޙްމަދު ރަޝީދު
18 ޑިސެމްބަރ 2013 ގައި ކޮމިޝަނުން ފާސްކޮށްފައި “ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ޤާބިލުކަން ވަޒަންކުރުމުގެ ގަވާއިދު” ގެ 7 ވަނަ ނަންބަރުގައިވާގޮތުން އެކުލަވާލި ކޮމިޓީން ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށް އެ ޤަވާއިދުގައި ވަނީ ކަނޑައަޅާފައެވެ. އެ ގަވާއިދު ބުނާގޮތުން މިކޮމިޓީގެ ރައީސާއި ނާއިބުރައީސް އައްޔަންކުރާނީ ކޮމިޓީގެ މެމްބަރުންގެ މެދުގައި ނެގޭ ސިއްރުވޯޓަކުންނެވެ.
“ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ޤާބިލުކަން ވަޒަންކުރުމަށް، ކޮމިޝަނުން އެކުލަވާލާފައިވާ މިޤަވާއިދަކީ ޤާނޫނު ނަންބަރު 2008/10 “ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު” އާއި، ޤާނޫނު ނަންބަރު 2010/13 “ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު” އިން ބާރުލިބިގެން ހަދާފައިވާ، ފަނޑިޔާރުންގެ މަސައްކަތާއި ފެންވަރާއި ޤާބިލުކަން ވަޒަންކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާބެހޭ ގަވާއިދެކެވެ. މި ޤަވާއިދު ކޮމިޝަންގެ ވެބްސައިޑް www.jsc.gov.mv ގައި ވަނީ ޝާއިޢުކޮށްފައެވެ.