ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ޤާބިލުކަން ވަޒަންކޮށް ފަނޑިޔާރުންނަށް ކުރިއެރުން ދިނުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާބެހޭ ގަވާއިދު ކޮމިޝަނުން އާންމުކޮށްފި

22/1/2014

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ޤާބިލްކަން ވަޒަންކޮށް ފަނޑިޔާރުންނަށް ކުރިއެރުން ދިނުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާބެހޭގޮތުން ކޮމިޝަނުން ޤަވާއިދެއް އެކުލަވާލައިފިއެވެ.

ކޮމިޝަނުން އެކުލަވާލާފައިވާ މިޤަވާއިދަކީ ޤާނޫނު ނަންބަރު 2008/10 “ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު” އާއި، ޤާނޫނު ނަންބަރު 2010/13 “ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު” އިން ބާރުލިބިގެން ހަދާފައިވާ، ފަނޑިޔާރުންގެ މަސައްކަތާއި ފެންވަރާއި ޤާބިލުކަން ވަޒަންކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާބެހޭ ގަވާއިދެކެވެ. މި ޤަވާއިދުގެ މަޤުޞަދަކީ ޝަރުޢީ ދާއިރާ ހަރުދަނާކުރުމާއި، ޝަރުޢީ ދާއިރާއިން ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޚިދުމަތް ހޯދާ ފަރާތްތަކުގެ ޙައްޤުތައް އިންސާފުވެރިކަމާއެކު ހޯދައިދިނުމާއި ފަނޑޔާރުންގެ ޤާބިލުކަމާއި ކުޅަދާނަކަން ދެނެގަނެ، އެކަންތައްތައް ހަރުދަނާ ކުރުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންނަށް ލިބިދޭންޖެހޭ ތަމްރީނުތަކާއި ދާއިރާތައް ދެނެގަތުމާއި ޚިދުމަތުގެ ފެންވަރު ރަނގަޅު ފަނޑިޔާރުންނަށް ކުރިއެރުންދިނުމެވެ. މި ޤަވާއިދުގެ ދަށުން ކޮންމެ ދެއަހަރުން އެއްއަހަރު، ވަޒީފާގައި ހުރި ކޮންމެ ފަނޑިޔާރެއްގެ ޤާބިލުކަމާއި މަސައްކަތުގެ ފެންވަރު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަޒަންކުރާނެއެވެ.

މި ޤަވާއިދު މިހާރުވަނީ ކޮމިޝަންގެ ވެބްސައިޑް www.jsc.gov.mv ގައި ޝާއިޢުކޮށްފައެވެ.