ޖުޑީޝަލް ދިހަ ދާއިރާއަކަށް ދާއިރާ އިސްމެޖިސްޓްރޭޓުން ހޯދުމަށް އިޢުލާންކޮށްފި

12/1/2014

ދާއިރާ އިސްމެޖިސްޓްރޭޓުން ނެތް ޖުޑީޝަލް ދިހަ ދާއިރާއަކަށް ދާއިރާ އިސްމެޖިސްޓްރޭޓުން ހޯދުމަށް ކޮމިޝަނުން މިއަދު އިޢުލާންކޮށްފިއެވެ. މިގޮތުން ދާއިރާ އިސްމެޖިސްޓްރެޓުން ހޯދުމަށް އިޢުލާންކޮށްފައިވާ ދާއިރާތަކަކީ ހއ، ހދ، ށ، ނ، ރ، ކ، އދ، ގއ، ގދ، އަދި ޏ. ޖުޑީޝަލް ދާއިރާއެވެ.

މި މަޤާމަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓްތަކުގެ ޤާނޫނު) ގެ 68 ވަނަ މާއްދާއިން އެދާއިރާއެއްގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންގެ ތެރެއިން ކަނޑައަޅާ މަޤާމެކެވެ. އެގޮތުން މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ ދާއިރާއެއްގެ ކޯޓެއްގައި ކޯޓް އިސްމެޖިސްޓްރޭޓްކަން ނުވަތަ މެޖިސްޓްރޭޓްކަން ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަން ކުރައްވާ ފަރާތްތަކަށެވެ. މި މަޤާމުތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން މަޤާމަށް އެދޭ ފޯމް ފުރިހަމަކޮށް 27 ޖެނުއަރީ 2014 ގެ ރަސްމީގަޑި ނިމުމުގެކުރިން ކޮމިޝަނަށް ހުށަހަޅުއްވަންޖެހެއެވެ.