ސިވިލްކޯޓުގެ އިސްޤާޟީ ކަމުގެ މަޤާމަށް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު އަރުވައިފި

27/10/2013

ސިވިލްކޯޓުގެ އިސްޤާޟީ ކަމުގެ މަޤާމަށް އެކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން ޢައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅުއަރުވައިފިއެވެ.

މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ޙާއްޞަ ރަސްމިއްޔާތުގައި ސިވިލްކޯޓުގެ އިސްޤާޟީ ކަމުގެ މަޤާމަށް ޢައްޔަންކުރެއްވި އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނަށް މަޤާމުގެ ފަތްކޮޅުދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙުމަދު ފާއިޒު ޙުސައިނެވެ. ސްޕީރިއާ ކޯޓުގެ ޤާޟީކަމުގެ މަޤާމަށް އަލަށް ޢައްޔަންކުރެއްވި 7 ބޭފުޅުން މަޤާމުގެ ހުވާކުރެއްވުމާއި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުވުންވެސް އޮތެވެ.

މިރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ދެެއްކެވި ވާހަކަ ފުޅުގައި ފަނޑިޔާރުންގެ ޒިންމާއާ މަސްއޫލިއްޔަތު އުފުލުމުގައި މިއަދު ހުރި ގޮންޖެހުންތަކާއި، އުނދަގޫތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި ކޮމިޝަންގެ ރައީސްގެ ވާހަކަ ފުޅުގައިވެސް ފަނޑިޔާރުކަމުގެ ޒިންމާގެ ބޮޑުކަމާއި، މި މަސްއޫލިއްޔަތު އުފުލުމުގައި އެއްވެސް ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންމެއްނެތި ސާބިތުކަމާއި އެކު އިންސާފު ޤާއިމުކުރުމުގައި ދެމިތިބުމަށް ގޮވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ކޮމިޝަންގެ ނާއިބުރައީސް އަލްއުސްތާޛު ޢަބްދުﷲ ދީދީގެ އިތުރުން ބައެއް މެމްބަރުނާއި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިންނާއި ކޮމިޝަންގެ އިސްވެރިންވެސް ބައިވެރިން ލެއްވިއެވެ.

ސިވިލް ކޯޓުގެ ޤާޟީކަމުގެ މަޤާމަށް ބޭފުޅަކު ކޮމިޝަނުން ޢައްޔަންކުރައްވާފައި މިވަނީ  ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުގެ ޤާނޫނު)ގެ 54 ވަނަ މާއްދާގެ (ވ) ގެ ދަށުންނެވެ.