ކޮމިޝަންގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލަ އެޖެންޑާކޮށްދެވެން ނެތްކަމަށް ދަންނަވައި، ކޮމިޝަންގެ މެމްބަރު އައްޝައިޚް ޝުޢައިބް ޢަބްދުރަޙްމާނަށް ސިޓީފުޅެއް ފޮނުއްވައިފި

25/8/2013

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލަ އެޖެންޑާކޮށްދެވެން ނެތްކަމަށް ދަންނަވައި، އެކަމުގެ ޤާނޫނީ ސަބަބުތައް ބަޔާންކޮށްދީ ކޮމިޝަންގެ ރައީސްގެ ފަރާތްޕުޅުން މި މައްސަލަ އެޖެންޑާކުރުމަށް ހުށަހެޅުއްވި ކޮމިޝަންގެ މެމްބަރު އައްޝައިޚް ޝުޢައިބް ޢަބްދުރަޙްމާނަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ކޮމިޝަންގެރައީސްގެ ފަރާތްޕުޅުން ފޮނުއްވިސިޓީފުޅުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ” ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ށ) ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވުމުންނާއި،

އަދި ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ނ) ގައި ޖުޑީޝަލް ސަރވިސް ކޮމިޝަން ހިންގާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިންކަމަށާއި، އެ ޤާނޫނުގައި، އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އެ ކޮމިޝަނުގެ މަސައްކަތްތަކުގެ ދާއިރާއާއި، އެ ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި ހުންނަންވާނޭ ޝަރުތުތަކާއި ސުލޫކީ މިންގަނޑުތައް ކަނޑައަޅާފައި އޮންނަންވާނެކަމަށް ކަނޑައެޅި ބަޔާންވެފައިވުމުން،

ޖުޑީޝަލް ސަރވިސް ކޮމިޝަން ހިންގާނީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމާއި، އެ އުޞޫލުތަކުގެ ބޭރުން އެއްވެސް ކަމެއް ކުރުމުގެ ބާރެއް ނުވަތަ އިޚްތިޔާރެއް ކޮމިޝަނުގެ އެއްވެސް މެންބަރަކަށް ލިބިގެންނުވާނެކަން ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ށ) އާއި (ނ) އިން ވަރަށް ސާފުކޮށް އެނގެން އޮންނައިރު،

ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި ކޮމިޝަނުގެ ރައީސްއަކާއި، ނާއިބުރައީސަކު ޢައްޔަނުކުރާނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ މެންބަރުންކަމަށާއި، އަދި މި ގޮތުން ކޮމިޝަނުގެ ރައީސަކާއި ނާއިބުރައީސަކަށް ޢައްޔަނުކުރާ ބަޔަކު އެ މަޤާމަށް އައްޔަނުކުރާތާ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއުރުތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކޮމިޝަނުން އަންގަންވާނެކަމަށް ކަނޑައެޅި ބަޔާންކޮށްފައިވާއިރު ކޮމިޝަނުގެ ރައީސްއަކަށް އިންތިޚާބުކުރެވިފައިވާ ފަރާތަކީ ޤާނޫނު ނަންބަރު 2008/10 ގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތީން އެ މަޤާމަށް އިންތިޚާބުވެފައިވާ ފަރާތަކަށްވާއިރު،

ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ) 10 ވަނަ މާއްދާގެ (ށ) ގައި ކޮމިޝަންގެ ރައީސްގެ މަޤާމް ނުވަތަ ނާއިބު ރައީސްގެ މަޤާމު ހުސްވެއްޖެކަމަށް ބެލޭނީ، ކޮމިޝަންގެ މެންބަރުކަމުގެ މަޤާމު ހުސްވެއްޖެކަމަށް ބެލެވޭ ޙާލަތެއް ކުރިމަތިވުމުންކަމަށާއި، ނުވަތަ ރައީސާއި ނާއިބުރައީސްއާއި ދެމީހުންކުރެ މީހަކު އެމީހެއްގެ މަޤާމުން އިސްތިއުފާ ދިނުމުންކަމަށް ސާފު ޞަރީޙަ ބަހުން ކަނޑައަޅައި ބަޔާންކޮށްފައިވާއިރު،

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ކޮމިޝަނުގެ މެންބަރެއްގެ މަޤާމު ހުސްވެއްޖެކަމަށް ބެލެވޭ ޙާލަތުތައް ވަރަށް ސާފުކޮށް ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، އޭގެތެރޭގައި “ކޮމިޝަންގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަކުން ކޮމިޝަނުގެ މެންބަރުން ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުން ވަކިކުރުމަށް ނިންމުން” ހިމެނިފައިނުވާކަން ވަރަށް ސާފުކޮށް އެނގެން އޮތުމުން، ތިޔަފަރާތުގެ ހުށަހެޅުމަކީ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކުރާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ ޞަރީހަ ނައްޞާ ކަނޑައެޅިގެން ޚިލާފު ހުށަހެޅުމެއްކަމަށް ސާފުކޮށް އެނގޭތީ، ތިޔަ ފަރާތުގެ އެ ހުށަހެޅުއްވުމަށް އިޖާބަދެވެން ނެތްކަމަށް ދެންނެވީމެވެ.”