ޔުރަޕިއަން ޔޫނިއަންގެ އިލެކްޝަން އެކްސްޕަރޓް މިޝަންގެ ފަރާތުން ކޮމިޝަންގެ ރައީސާ ބައްދަލުކޮށްފި

22/8/2013

ޔުރަޕިއަން ޔޫނިއަންގެ އިލެކްޝަން އެކްސްޕަރޓް މިޝަންގެ ޓީމް ލީޑަރ މރ.ޑޭވިޑް ވަރޑްއާއި އެޓީމުގެ މެމްބަރ އަދި ލީގަލް އެނަލިސްޓް މިސް މާރސޭ ކާސްޓެލްސް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގައި މިއަދު އޮތް މިބައްދަލުކުރެއްވުމުގައި، ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކާ ގުޅޭގޮތުންނާއި، ކޮމިޝަނުގައި ހިމެނިގެންވާ މެންބަރުންގެ ޢަދަދާއި، ޤާނޫނުން ކޮމިޝަނަށް މަތިކޮށްފައިވާ މަސައްކަތްތަކާ ލިބިދީފައިވާ ބާރުތަކާއި، ފަނޑިޔާރުން ޢައްޔަނުކުރުމާއި، ރިޓަޔަރ ކުރުމާއި، ފަނޑިޔާރުންނާ ދޭތެރޭ ފިޔަވަޅު އެޅުމާއި، އަދި ކޮމިޝަނުން ނިންމާ ނިންމުންތަކާ ގުޅިގެން އެކިއެކި ފަރާތްތަކުން ކޯޓަށް މައްސަލަ ހުށަހެޅުމާ، މިކަމުގެ ސަބަބުން ކޮމިޝަނުގެ މަސައްކަތްތައް ކުރުމަށް ހުރި ގޮންޖެހުންތަކާއި، ހެދިފައިވާ ޤާނޫނުތަކުގައި، އެ ޤާނޫނުތަކުގައި ހުރި ފުށުއެރުންތަކާ ގުޅިގެން ކޮމިޝަންގެ މަސައްކަތްކުރުމުގައި ދިމާވާ ދަތިތަކާއި، ކޮމިޝަނުގެ މެންބަރަކު ރިޔާސީ ކެނޑިޑޭޓެއްކަމަށް ކުރިމަތިލައިފިނަމަ، އެމެމްބަރަކު ޢަމަލުކުރަންޖެހޭނެ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރެވުނުނެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމިޝަންގެ ރައީސްގެ އިތުރުން ކޮމިޝަންގެ ސެކްރެޓްރީ ޖެނެރަލް އަލްފާޟިލް އަބޫބަކުރު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.