ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމާގުޅޭގޮތުން 09 މެއި 2012 ގައި ކޮމިޝަނުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމި ލަސްވަމުންދާތީ، އެމައްސަލަ އަނބުރާ ނެގުމަށް ކޮމިޝަނުން ނިންމައިފި
ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމާގުޅޭގޮތުން 09 މެއި 2012 ގައި ކޮމިޝަނުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމި ލަސްވަމުންދާތީ، އެމައްސަލަ އަނބުރާ ނެގުމަށް ކޮމިޝަނުން ނިންމައި އެމައްސަލައިގެ ދަޢުވާފޯމް ބާޠިލްކޮށްދެއްވުން އެދި އުއްތަމަ ފަނޑިޔާރަށް ދެންނެވުމަށް ކޮމިޝަނުން ނިންމައިފިއެވެ.
ކޮމިޝަނުން މިގޮތަށް ނިންމީީ މިމައްސަލަ ނުނިމި ލަސްވަމުން ދިއުމުގެ ސަބަބުން ސުޕީރިޔާ ކޯޓުތަކަށް ބޭނުންވާ ފަނޑިޔާރުން ނެގުމުގެ ޕްރޮސެސް ހުއްޓިފައިވުމާއި، އަދި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ދުވަހެއް ދުވަހެއް އިތުރު ވަމުން ދިއުމުގެ ސަބަބުން ކޯޓުތަކުން މައްސަލަތައް ނިންމުމުގައި ދަތިތައް ދިމާވެ، ރައްޔިތުންނަށް ޢަދުލުއިންޞާފު ޤާއިމްކޮށްދިނުމުގައި ދަތިތައް ކުރިމަތި ވަމުންދާކަން ކޮމިޝަނުގެ މެންބަރުންނަށް ފާހަގަ ކުރެވޭތީ 31 ޖުލައި 2013 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ 73 ވަނަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މިމައްސަލަޔާ މެދު ސުޕްރީމްކޯޓުން ގޮތެއް ނުނިމިލަސްވަމުންދާތީ، މިމައްސަލަ އަވަސްކޮށްދެއްވުން އެދި 08 ޖެނުއަރީ 2013 ވަނަ ދުވަހު ކޮމިޝަނުގެ ނަމްބަރ: B2/197/2013/03 ސިޓީއާއި 29 އޭޕްރީލް 2013 ގައި މިކޮމިޝަނުގެ ނަމްބަރ: 195-B2/197/2013/25 ސިޓީން ވާނީ ސުޕްރީމް ކޯޓުގައި ދެންނެވިފައެވެ.