ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކޮމިޝަނަށް އައްޔަންކުރައްވާފައިވާ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބުރާހީމް ސިޔާސީ މަޤާމަކަށް ކުރިމަތިލައްވާފައިވުމުން ކޮމިޝަންގެ މެމްބަރުންކަމުން ވަކިވެފައިވާކަން ރައްޔިތުންގެ މަޖިލީހުން ކޮމިޝަނަށް އަންގައިފި

30/7/2013

ޤާނޫނުއަސާސީއާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކޮމިޝަނަށް އައްޔަންކުރައްވާފައިވާ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބުރާހީމް ސިޔާސީ މަޤާމަކަށް ކުރިމަތިލައްވާފައިވުމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި، ބުނެފައިވާ ގޮތުގެ މަތިން ކޮމިޝަންގެ މެމްބަރުކަމުން ވަކިވެފައިވާތީ އެކަން ރައްޔިތުންގެ މަޖިލީހުން ކޮމިޝަނަށް އަންގައިފިއެވެ.

މިކަން ކޮމިޝަނަށް އެންގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހިމެނިވަޑައިގެންނެވި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމާއި ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި، ކޮމިޝަނުގައި ހިމެނޭ މެންބަރަކު، ޤާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ސިޔާސީ މަޤާމަކަށް ކުރިމަތިލައިފި ނަމަ އެ މެންބަރަކު ކޮމިޝަންގެ މެންބަރުކަމުގެ މަޤާމު ހުސްވެއްޖެ ކަމުގައި ބެލެވޭނެ ކަމަށް ވިދާޅުވެފައިވުމާއި، 7 ސެޕްޓެމްބަރ 2013 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ކުރިމަތިލައްވާފައިވާ ކަމާއި، އެ މަނިކުފާނުގެ ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ޤާބޫލުކުރައްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.