ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ޙަމީދާގުޅޭ ގޮތުން ކޮމިޝަނަަށް ހުށަހެޅިފައިވާ މައްސަލަ ބަލަމުންދާ ކޮމިޓީން އިސްތިޢުފާ ދެއްވި ދެ މެންބަރުންގެ އިސްތިޢުފާ ޤަބޫލު ނުކުރުމަށް ކޮމިޝަނުން ނިންމެވުން.

23/7/2013

ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާ ދިރާސާ ކުރުމަށް އުފެއްދެވި ތަހުޤީޤު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މިކޮމިޝަނުގެ 03 މެންބަރުންގެ ތެރެއިން 02 މެންބަރަކު އިސްތިޢުފާ ހުށަހެޅުއްވި ނަމަވެސް އެބޭފުޅުންގެ އިސްތިޢުފާ ޤަބޫލުނުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ. ޖުޑީސަލް ސަރވިސް ކޮމިޝަނުން މިގޮތަށް ނިންމެވީ މިއަދު (22 ޖުލައި 2013 ) ހޯމަ ދުވަހުގެ ބޭއްވުނު ކޮމިޝަނުގެ 69 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 މިގޮތަށް ކޮމިޝަނުން ނިންމެވުމާ ގުޅިގެން ކުރިންވެސް ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިޔަ އުޞޫލުން ކުރިޔަށް ދާނެކަމުގައިވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.