ނޫސްބަޔާން

2/6/2013

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަރީފުގެ މައްޗަށް އެ ކޯޓުގެ 7 ފަނޑިޔާރަކު ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު JSC-B1/12/190 (21 މެއި 2012) ނިންމުމުގައިވާ ގޮތުގެ މަތީން ތަޙްޤީޤުކުރެވި ހުށަހެޅިފައިވާ ޝަކުވާގެ ބާވަތަށާއި، ޝަކުވާއާ ގުޅިގެން ހުށަހެޅިފައިވާ ކަންކަމަށް ބަލައި، އެ ޝަކުވާތަކާ ގުޅޭ ތަޙްޤީޤު ނިމެންދެން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަރީފު 29 މެއި 2013 އިން ފެށިގެން ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ކޮމިޝަނުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައި ވާގޮތުގެ މަތިން ދުސްތޫރީ އަދި ޤާނޫނީ ހަމަތަކަށް ރިޢާޔަތްކޮށްގެންނެވެ.

އެގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ހިންގާ ޤަވާއިދުގެ 17 ވަނަ މާއްދާގެ (ޅ) ގައި ވާގޮތުގެމަތިން މި މައްސަލައަކީވެސް ދަންނަވާފައިވާ ޖަލްސާ ފެށުމުގެ 12 ގަޑިއިރު ކުރިން އެޖެންޑާކުރެވި، މިގޮތުން ކުރެވުނު އެޖެންޑާ މެމްބަރުންނަށް ފޮނުވިފައިވާ މައްސަލައެކެވެ. ހަމައެއާއެކު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނަންބަރު 2013/58 ވަނަ ބައްދަލުވުމަކީ،  ޤާނޫނުއަސާސީގެ 163 ވަނަ މާއްދާއާއި ކޮމިޝަންގެ ޤާނޫނޫގެ 20 ވަނަ މާއްދާގައި ބުނެފައިވާ ޤާނޫނީ އަދަދުހަމަވެގެން ކުރިއަށް ގެންގޮސްފައިވާ ކޮމިޝަންގެ ރަސްމީ ޖަލްސާއެކެވެ. ޤާނޫނުއަސާސީގެ 163 ވަނަ މާއްދާގައި ބުނެފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޖަލްސާއެއް ބޭއްވޭނީ ކޮމިޝަންގެ މެމްބަރުންގެ ދެ ބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންކަމާއި އަދި ކޮމިޝަނުން އެއްވެސްކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު އެކަމަށް ލިބިގެންނެވެ. އަދި ހަމައެއާއެކު ކޮމިޝަންގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގައި ސާފުބަހުން ބުނެފައިވަނީވެސް  ކޮމިޝަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތު އެކަމަކަށް ލިބިގެންކަމަށެވެ. އެހެންކަމުން އިސްވެ އިޝާރާތްކުރި ޤާނޫނީ ނައްސުތަކުން އޮޅެއްނެތި އެގިގެންދަނީ ޤާނޫނީގޮތުން ކޮމިޝަންގެ ޖަލްސާއެއް ބޭއްވޭނީ ރިޔާސަތާއެކު މަދުވެގެން 6 މެމްބަރުން ތިބެގެންކަމާއި މިގޮތުން ބޭއްވޭ ޖަލްސާއަކުން ކަމެއް ފާސްވެގެންދާނީ ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ ތެރެއިންވެސް ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުކަން ވަރަށް ސާފުކޮށް އެނގެއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަރީފު 29 މެއި 2013 އިން ފެށިގެން ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ކޮމިޝަނުން ނިންމި ނިންމުން ނިންމާފައިވަނީވެސް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނަންބަރު 2013/58 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 08 މެންބަރުންގެ ތެރެއިން ވޯޓަށް އެއްސެވިއިރު ޖަލްސާގައި ބައިވެރިވެވަޑައިގެން ތިއްބެވި 07 މެންބަރުންގެ ތެރެއިން ރިޔާސަތު ފިޔަވައި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 05 މެންބަރުންގެ ތެރެއިން 03 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ޤާނޫނުއަސާސީގެ 163 ވަނަ މާއްދާއާއި ކޮމިޝަންގެ ޤާނޫނުގެ 20 ވަނަ މާއްދާގައި ބުނެފައިވާ ޤާނޫނީ ހަމައިގެމަތިންނެވެ. އެހެންކަމުން މިކަމުގައި ޝައްކުއުފައްދާ ސުވާލު އުފެދޭ ގޮތަށް ބައެއް ބޭފުޅުން ވާހަކަ ދައްކާދެއްކުމަކީ ކަނޑައެޅިގެން ޤާނޫނުއަސާސީއާއި ކޮމިޝަންގެ ޤާނޫނުގައި ސާފުބަހުން ބުނެފައިވާކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ދައްކާ އެއްވެސް އަސާސެއްނެތް ވާހަކައެއްކަމަށް މިކޮމިޝަނުން ދެކެމެވެ.

ހަމައެއާއެކު ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 38 ވަނަ މާއްދާގެ (ރ) ބުނެފައިވަނީ ކޮމިޝަނަށް ހުށަހެޅޭ ފަނޑިޔާރެއްގެ މައްސަލައެއް ތަހްޤީޤުކުރާއިރު، އަޑުއެހުމެއް ބޭއްވުމަށްފަހު ކޮމިޝަނުން ތަޙްޤީޤުކުރަމުންދާ މައްސަލާގެ ބާވަތަށާއި، ފަނޑިޔާރު މައްސަލާގައި ބުނާއެއްޗަކަށް ރިޢާޔަތްކޮށް އެފަނޑިޔާރަކު ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާކަމަށެވެ. މި މައްސަލާގައި ކޮމިޝަނުން ޢަމަލުކޮށްފައިވާނީ އިސްވެ އިޝާރާތްކުރި ދުސްތޫރީ އަދި ޤާނޫނީ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަކުރުމަށް ފަހުގައެވެ.

ކަންމިހެން އޮތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަރީފު 29 މެއި 2013 އިން ފެށިގެން ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ކޮމިޝަނުން ނިންމި ނިންމުމާމެދު ސުވާލުއުފައްދާ ބައެއްފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަކީ ކޮމިޝަނުން ޤަބޫލުކުރާގޮތުގައި ކޮމިޝަނާ ހަވާލުކޮށްފައިވާ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ކުރަމުންގެންދާކަމެވެ. އަދި ކޮމިޝަނުން އެދެނީ މިފަދަ ކަންކަން ހުއްޓާލައި، ކޮމިޝަނުން ކުރައްމުންގެންދާ ދުސްތޫރީ އަދި ޤާނޫނީ ވާޖިބު އަދާކުރުމުގައި ހުރިހާފަރާތެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ދިއުމެވެ. އަދި މައްސަލާގެ ހަޤީޤަތް އޮޅި، އާންމުގެ ހިތުގައި ކޮމިޝަނާ މެދު ނަފުރަތު އުފެދޭގޮތަށް ވާހަކަތައް ދެއްކުން ހުއްޓާލުމެވެ.