ޤާނޫނީ ވާޖިބު އަދާކުރުމުގެ ގޮތުން ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތައް ކުރުމަކީ ފަނޑިޔާރުންނަށް ބިރުދެއްކުން ނުވަތަ ނުފޫޒު ފޯރުވުން ކަމަށް މާނަކުރުމުގެ އެއްވެސް ފުރުސަތެއް ދުސްތޫރީ އަދި ޤާނޫނީ އެއްވެސް ނައްސަކުން އެއްވެސް ފަރާތަކަށް ލިބިދީފައެއް ނުވޭ- ކޮމިޝަން

27/5/2013

ޤާނޫނީ ވާޖިބު އަދާކުރުމުގެ ގޮތުން ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތައް ކުރުމަކީ  ފަނޑިޔާރުންނަށް ބިރުދެއްކުން ނުވަތަ ނުފޫޒު ފޯރުވުން ކަމަށް މާނަކުރުމުގެ އެއްވެސް ފުރުސަތެއް ދުސްތޫރީ އަދި ޤާނޫނީ އެއްވެސް ނައްސަކުން އެއްވެސް ފަރާތަކަށް ލިބިދީފައި ނުވާނެކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ކޮމިޝަނުން އެކަން ސާފުކޮށްދިނުމުގެ ގޮތުން ނެރެފައިވާ ނޫސްބަޔާނުގައިވަނީ، ފަނޑިޔާރުންނާ ބެހޭގޮތުންއުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަޤާމުން ވަކިކުރުމަށް ހުށަހެޅުމަކީ  ޖުޑީޝަލް ސަރވިސް ކޮމިޝަނާ މަތިކޮށްފައިވާ ދުސްތޫރީ އަދި ޤާނޫނީ މަސްއޫލިއްޔަތެއްކަމަށެވެ.

އެގޮތުން ޤާނޫނުއަސާސީގެ 159 ވަނަ މާއްދާއިންނާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާއިން ފަނޑިޔާރަކާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަކީ ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވަރަށް ސާފުކޮށް އެނގޭކަމަށާއި، ހަމައެއާއެކު ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާއިން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހާޒިރުކުރަންހޭ މީހުންނާއި ހެކިން ހާޒިރުކޮށް ހެކިބަސްނެގުމުގެ ޤާނޫނީ ބާރުވަނީ މިކޮމިޝަނަށް ދީފައިކަށް އެބަޔާނުގައި ބުނެފައިވެއެވެ. ހަމައެއާއެކު ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 36 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި އަދި 38 ވަނަ މާއްދާއިންވެސް  ސާފުކޮށް އެގެން އޮތްގޮތުގައި ފަނޑިޔާރުންނާ ގުޅޭގޮތުން ތައުދީބީ ފިޔަވަޅުއެޅުމާއި އަދި ތައުދީބީ މައްސަލަތަކާމެދު ގޮތެއް ކަނޑައެޅުމުގެ ބާރުވަނީ ކޮމިޝަނަށް ލިބިދީފައިވާކަމަށް ބަޔާނުގައި ވެއެވެ.

އެހެންކަމުން ކޮމިޝަންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކޮމިޝަނާ މަތިކޮށްފައިވާ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި އެންމެހާ ފަރާތްތަކުން ކޮމިޝަނަށް އެއްބާރުލުން ދެއްވުމަށާއި އަދި ކޮމިޝަންގެ ދުސްތޫރީ އަދި ޤާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި އެފަދަ އެއްވެސް ޢަމަލެއްގައި އެއްވެސް ފަރާތަކުން ބައިވެރިނުވުމަށް އެންމެހާ ފަރާތްތަކަށް ކޮމިޝަންގެ ނޫސްބަޔާނުގައިވަނީ ޢިލްތިމާސްކޮށްފައެވެ.