ނޫސްބަޔާން

26/5/2013

ޤާނޫނުއަސާސީގެ 159 ވަނަ މާއްދާއިންނާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާއިން ފަނޑިޔާރަކާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަކީ ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވަރަށް ސާފުކޮށް އެނގެއެވެ. ހަމައެއާއެކު ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާއިން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހާޒިރުކުރަންެހޭ މީހުންނާއި ހެކިން ހާޒިރުކޮށް ހެކިބަސްނެގުމުގެ ޤާނޫނީ ބާރުވަނީ މިކޮމިޝަނަށް ދީފައެވެ. ހަމައެއާއެކު ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 36 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި އަދި 38 ވަނަ މާއްދާއިން ސާފުކޮށް އެގެން އޮތްގޮތުގައި ފަނޑިޔާރުންނާ ގުޅޭގޮތުން ތައުދީބީ ފިޔަވަޅުއެޅުމާއި އަދި ތައުދީބީ މައްސަލަތަކާމެދު ގޮތެއް ކަނޑައެޅުމުގެ ބާރުވަނީ ކޮމިޝަނަށް ލިބިދީފައެވެ.

އެހެންކަމުން އިސްވެ އިޝާރާތްކުރެވުނު ޤާނޫނީ ނައްސުތަކަށް ރިޢާޔަތްކޮށް ފަނޑިޔާރުންނާ ބެހޭގޮތުންއުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަޤާމުން ވަކިކުރުމަށް ހުށަހެޅުމަކީ މި ކޮމިޝަނާ މަތިކޮށްފައިވާ ދުސްތޫރީ އަދި ޤާނޫނީ މަސްއޫލިއްޔަތެކެވެ. އެހެންކަމުން މި ޤާނޫނީ ވާޖިބު އަދާކުރުމުގެ ގޮތުން ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތައް ކުރުމަކީ  ފަނޑިޔާރުންނަށް ބިރުދެއްކުން ނުވަތަ ނުފޫޒު ފޯރުވުން ކަމަށް މާނަކުރުމުގެ އެއްވެސް ފުރުސަތެއް ދުސްތޫރީ އަދި ޤާނޫނީ އެއްވެސް ނައްސަކުން އެއްވެސް ފަރާތަކަށް ލިބިދީފައެއް ނުވެއެވެ.

އެގޮތުން ފަނޑިޔާރަކާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ޤާނޫނުއަސާސީއާއި ހެދިފައިވާ ޤާނޫނުތަކުން ސާފުކޮށް އެނގެންއޮތް ހިނދު، ކޮމިޝަނަށް ފަނޑިޔާރަކާގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާއެއް ނުވަތަ ޝަކުވާތައް ތަޙްޤީޤުކުރުމަށް ކޮމިޝަނުން ނިންމައި ތަޙްޤީޤުކުރަމުން ދަނިކޮށް، ކޮމިޝަނުން ނިންމާފައިވާ ނިންމުމަކާމެދު ސުވާލުއުފައްދައި އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ އެ ފަނޑިޔާރަކު، ބަލަމުންދާ ދިއުމަކީ، އެ ފަނޑިޔާރަކާ ބެހޭގޮތުން ކޮމިޝަނަށް ކުރިން ހުށަހެޅި ތަޙްޤީޤުކޮށް ބަލަމުންދާ ޝަކުވާތަކާއި އަދި އެ ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާ ގުޅުމެއްނެތް ގޮތުގައި އެ ފަނޑިޔާރެއްގެ މައްޗަށް ފަހުން ހުށަހެޅޭ ޝަކުވާތައް ކޮމިޝަނުން ބަލައި ގޮތެއް ނިންމުމަށް އެއްވެސް މިންވަރަކަށް ހުރަސްއެޅޭފަދަ ދުސްތޫރީ އަދި ޤާނޫނީ ސަބަބެއް ނޫންކަމަށް މިފުރުސަތުގައި ދަންނަވަމެވެ.

އެހެންކަމުން ކޮމިޝަންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކޮމިޝަނާ މަތިކޮށްފައިވާ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި އެންމެހާ ފަރާތްތަކުން ކޮމިޝަނަށް އެއްބާރުލުން ދެއްވުމަށާއި އަދި ކޮމިޝަންގެ ދުސްތޫރީ އަދި ޤާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި އެފަދަ އެއްވެސް ޢަމަލެއްގައި އެއްވެސް ފަރާތަކުން ބައިވެރިނުވުމަށް އެންމެހާ ފަރާތްތަކަށް ޢިލްތިމާސްކުރަމެވެ.