ކޮމިޝަނުން ތަޙްޤީޤުކޮށް ބަލަމުން ދާ ހައިކޯޓުގެ ފަނޑިޔާރުން ހުށަހެޅި ޝަކުވާތަކަކީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާާ މައްސަލަތަކާ ގުޅޭގޮތުން އެކޯޓުގައި އުފައްދާފައިވާ ބެންޗާ ގުޅިގެން ހައިކޯޓަށް މައްސަލައެއް ހުށަހެޅުމުން ކޮމިޝަނުން ކުއްލިއަކަށް ބަލަމުންދާ ޝަކުވާއެއް ނޫން- ކޮމިޝަން

23/5/2013

ކޮމިޝަނުން ތަޙްޤީޤުކޮށް ބަލަމުން ދާ ހައިކޯޓުގެ ފަނޑިޔާރުން ހުށަހެޅި ޝަކުވާތަކަކީ، 01 އެޕްރީލް 2013 ގައި ހައިކޯޓަށް ހުށަހެޅުނު، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން އެމައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗުގެ މައްސަލައާ ގުޅިގެން ކޮމިޝަނުން ބަލަމުންދާ، އަދި އެމައްސަލާއާ ގުޅުންހުރި ޝަކުވާތަކެއް ނޫންކަމަށް ކޮމިޝަނުން ހާމަކޮށްފިއެވެ.

މި ކަން އޮޅުން ފިލުވައިދެއްވުމުގެ ގޮތުން ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާންގައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާ ގުޅޭގޮތުން އެކޯޓުގެ އިސްފަނޑިޔާރު 16 މެއި 2012 ގައި ހުށަހަޅާފައިވާ ޝަކުވާއާއި 17 މެއި 2012 ގައި ހުށަހަޅާފައިވާ ދެ ޝަކުވާއަކާއި 20 މެއި 2012 ގައި ހުށަހަޅާފައިވާ ތިން ޝަކުވާއަކާއި އެކޯޓުގެ ހަތް ފަނޑިޔާރަކު އެކޯޓުގެ އިސްފަނޑިޔާރާ ގުޅޭގޮތުން 20 މެއި 2012 ގައި ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާގައި ފާހަގަކުރައްވާފައިވާ ކަންތައްތައް، ބަލާ ތަޙްޤީޤުކުރުމަށް ކޮމިޝަނުން ނިންމައި އެ ޝަކުވާތައް ބެލުމަށް ކޮމިޝަނުގެ މެމްބަރުން ހިމެނޭ ކޮމިޓީއެއް ވަނީ އެކުލަވާލެވިފައިވާކަމަށާއި، މި ކޮމެޓީން މިހާތަނަށް 24 ބައްދަލުވުމެއް ބާއްވައި، ޝަކުވާ ހުށަހަޅާފައިވާ ބޭފުޅުންނާއި އަދި ރައްދުވާ ބޭފުޅުންގެ ބަޔާންތައް ނަގަމުންދާކަމަށެވެ.

މިގޮތުން 19 ޖުލައި 2012 ވަނަ ދުވަހާއި 24 ޖުލައި 2012 ވަނަ ދުވަހާއި 25 ޖުލައި 2012 ވަނަ ދުވަހާއި އަދި  16 މެއި 2013 ގައި މި ޝަކުވާއާގުޅިގެން ހައިކޯޓުގ ބައެއް ފަނޑިޔާރުން ކޮމިޝަނަށް ހާޞިލްކުރެވިފައިވާނެކަމަށާއި، މީގެ އިތުރުން 15 މެއި 2013 ވަނަ ދުވަހާއި 21 މެއި 2013 ވަނަދުވަހު ހައިކޯޓުގެ އިސްފަނޑިޔާރު ކޮމިޝަނަށް ހާޟިރުކޮށް ބަޔާން ނަގާފައިވާނީވެސް ކުރިން ބަލަމުން އަންނަ ހައިކޯޓުގެފަނޑިޔާރުންނާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެންނެވެ. އެހެންކަމުން މިއީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާާ މައްސަލަތަކާ ގުޅޭގޮތުން އެކޯޓުގައި އުފައްދާފައިވާ ބެންޗާ ގުޅިގެން ހައިކޯޓަށް މައްސަލައެއް ހުށަހެޅުމުން ކޮމިޝަނުން ކުއްލިއަކަށް ބަލަމުންދާ ޝަކުވާއެއް ނޫންކަމާއި އޭގެ މާކުރިން، ހައިކޯޓުގެ އިސްފަނޑިޔާރާއި އަދި އެކޯޓުގެ ބައެއް އެހެން ފަނޑިޔާރުން ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތަކަކާ ގުޅިގެން ތަޙްޤީޤުކުރުގެ މަރުޚަލާގައި ކުރިއަށްދާ ޝަކުވާތަކެކެވެ.

މީގެ އިތުރުން ޤާނޫނުއަސާސީގެ 159 ވަނަ މާއްދާއިންނާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 22 ވަނަ މާއްދާއިން ފަނޑިޔާރަކާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަކީ ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ސާފުކޮށް އެނގެންއޮތް ހިނދު، ކޮމިޝަނަށް ފަނޑިޔާރަކާގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާތައް ތަޙްޤީޤުކުރުމަށް ކޮމިޝަނުން ނިންމައި ތަޙްޤީޤުކުރަމުން ދަނިކޮށް، ކޮމިޝަނުން ނިންމި ނިންމުމަކާމެދު ކަމާބެހޭ ފަރާތަކުން އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ އެ ފަނޑިޔާރަކު، ބަލަމުންދާ ދިއުމަކީ، އެ ފަނޑިޔާރަކާ ބެހޭގޮތުން ކޮމިޝަނަށް ކުރިން ހުށަހެޅި ތަޙްޤީޤުކޮށް ބަލަމުންދާ ޝަކުވާތަކާއި އަދި އެ ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާ ގުޅުމެއްނެތް ގޮތުގައި އެ ފަނޑިޔާރެއްގެ މައްޗަށް ފަހުން ހުށަހެޅޭ ޝަކުވާތައް ކޮމިޝަނުން ބަލައި ގޮތެއް ނިންމުމަށް އެއްވެސް މިންވަރަކަށް ހުރަސްއެޅޭފަދަ ދުސްތޫރީ އަދި ޤާނޫނީ ސަބަބެއް ނޫންކަމަށް އެ ބަޔާނުގައި ވެއެވެ.