ނޫސްބަޔާން

22/5/2013

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާ ގުޅޭގޮތުން އެކޯޓުގެ އިސްފަނޑިޔާރު 16 މެއި 2012 ގައި ހުށަހަޅާފައިވާ ޝަކުވާއާއި 17 މެއި 2012 ގައި ހުށަހަޅާފައިވާ ދެ ޝަކުވާއަކާއި 20 މެއި 2012 ގައި ހުށަހަޅާފައިވާ ތިން ޝަކުވާއަކާއި އެކޯޓުގެ ހަތް ފަނޑިޔާރަކު އެކޯޓުގެ އިސްފަނޑިޔާރާ ގުޅޭގޮތުން 20 މެއި 2012 ގައި ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާގައި ފާހަގަކުރައްވާފައިވާ ކަންތައްތައް، ބަލާ ތަޙްޤީޤުކުރުމަށް ކޮމިޝަނުން ނިންމައި އެ ޝަކުވާތައް ބެލުމަށް ކޮމިޝަނުގެ މެމްބަރުން ހިމެނޭ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. މި ކޮމެޓީން މިހާތަނަށް 24 ބައްދަލުވުމެއް ބާއްވައި، ޝަކުވާ ހުށަހަޅާފައިވާ ބޭފުޅުންނާއި އަދި ރައްދުވާ ބޭފުޅުންގެ ބަޔާންތައްވެސް ދަނީ ނަގަމުންނެވެ.

މިގޮތަށް މިކަންއޮތްއިރު މި މަހުގެ 15 ވަނަ ދުވަހު ބައެއް މީޑިއާތަކުން ކޮމިޝަންގެ މެމްބަރަކާ ހަވާލާދީ ޝާއިޢުކޮށްފައިވާ ބައެއް ޚަބަރުތަކަށާއި އަދި މިހާރުވެސް މީޑިއާތަކުގައި ފެތުރެމުންދާ ޚަބަރުތަކަށްބަލާއިރު، މިއީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން އެމައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗާމެދު ސުވާލުއުފައްދައި 01 އެޕްރީލް 2013 ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅިފައިވާ އެ ކޯޓުގެ ނަންބަރު 2013/HC-A/116 ޤަޟިއްޔާއާ ގުޅިގެން ކޮމިޝަނުން ބަލަމުންދާ މައްސަލައެއްކަމަށް ދޭހަވާ ފަދަ ގޮތަަކަށް ޝާއިޢު ކުރެވެމުންދާ ޚަބަރުތަކެއްކަމަށް ފާހަގަކުރެވޭތީ މިކަމުގައި ކަންއޮތްގޮތް ހާމަކޮށް ޢާންމުންނަށް ސާފުކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ.

01 އެޕްރީލް 2013 ގައި ހައިކޯޓަށް ހުށަހެޅުނު މިދެންނެވި މައްސަލައާ ގުޅިގެން ހައިކޯޓުގެ އިސްފަނޑިޔާރު ނެރެފައިވާ ވަގުތީ އަމުރުގައި އިދާރީ އިޖުރާޢަތުތަކެއް ފުރިހަމަކޮށްފައި ނުވާކަމަށް ބުނެ އެ ކޯޓުގެ 08 ފަނޑިޔާރުން 2 އެޕްރީލް 2013 ގައި މި ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން، މި ކޮމިޝަނުންވާނީ ކޮމިޝަންގެ ނަންބަރު JSC-B1/13/140 (04 އެޕްރީލް 2013) ގެ ނިންމުމުން 02 އޭޕްރީލް 2013 ގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ 8 ފަނޑިޔާރުން، އެ ކޯޓުގެ އިސްފަނޑިޔާރާމެދު މި ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އިސްފަނޑިޔާރު ނެރެފައިވާކަމަށްބުނާ އަމުރުގެ މައްސަލައަކީ އަދި މިހާތަނަށް އެއްވެސް ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި، އެއާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއްކަމަށް ނުވުމާއި އަދި މި އަމުރުގެ މައްސަލައަކީ މި ކޮމިޝަނުން ނިންމާފައިވާ ނިންމުމަކާމެދު އެކޯޓަށް ހުށަހެޅިފައިވާކަމަށް ބުނާ މައްސަލައަކާ ގުޅޭ ގޮތުން ނެރެފައިވާކަމަށް ބުނާ އަމުރަކަށްވުމާއެކު ހައިކޯޓުގެ 8 ފަނޑިޔާރުން 02 އެޕްރީލް 2013 ގައި މި ކޮމިޝަނަށް ހުށަހެޅި މި ދެންނެވި މައްސަލަ ކޮމިޝަނުން ބަލައިގަނެވެން ނެތްކަމަށް ނިންމައި އެ މައްސަލަ ހުށަހެޅި ދިވެހިރާއްޖޭގެ ހައިކޯޓުގެ 8 ފަނޑިޔާރުންނަށް ޖަވާބުދީ ނިންމާފައެވެ.

އެހެންނަމަވެސް މި މަހުގެ 15 ވަނަ ދުވަހު ބައެއް މީޑިއާތަކުން ކޮމިޝަންގެ މެމްބަރަކާ ހަވާލާދީ ޝާއިޢުކޮށްފައިވާ ޚަބަރަށާއި އަދި މިހާރުވެސް މީޑިއާތަކުގައި ފެތުރެމުންދާ ޚަބަރުތަކަށް ބަލާއިރު މި ދެ ޝަކުވާ އޮޅޭފަދަ ގޮތަކަށް މައުލޫމާތު އާންމު ކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ ދަންނަވަމެވެ. 16 މެއި 2012 އިން ފެށިގެން މިއަދާ ހަމައަށްވެސް ކޮމިޝަނުން ތަޙްޤީޤުކޮށް ބަލަމުން ދާ ހައިކޯޓުގެ ފަނޑިޔާރުން ހުށަހެޅި ޝަކުވާތަކަކީ، 01 އެޕްރީލް 2013 ގައި ހައިކޯޓަށް ހުށަހެޅުނު  އެކޯޓުގެ ނަންބަރު 2013/HC-A/116 ޤަޟިއްޔާއާ ގުޅިގެން ކޮމިޝަނުން ބަލަމުންދާ، އަދި އެމައްސަލާއާ ގުޅުންހުރި ޝަކުވާތަކެއް ނޫންކަމުގައި ދަންނަވަމެވެ. އަދި ހަމައެއާއެކު މި ކޮމިޝަނުން ބަލަމުންދާ ހައިކޯޓުގެ ފަނޑިޔާރުންގެ ޝަކުވާތައް ތަޙްޤީޤުކުރުމުގައި 15 މެއި 2013 ވަނަ ދުވަހާއި 21 މެއި 2013 ވަނަދުވަހު ހައިކޯޓުގެ އިސްފަނޑިޔާރު ކޮމިޝަނަށް ހާޟިރުކޮށްފައިވަނީ 01 އެޕްރީލް 2013 ގައި ހައިކޯޓަށް ހުށަހެޅުނު މި ދެންނެވުނު އެކޯޓުގެ ނަންބަރު 2013/HC-A/116 ޤަޟިއްޔާ އެކޯޓަށް ހުށަހެޅުމުގެ މާކުރިން، ހައިކޯޓުގެ އިސްފަނޑިޔާރާއި އަދި އެކޯޓުގެ ބައެއް އެހެން ފަނޑިޔާރުން ހުށަހެޅި ޝަކުވާތައް ބަލައި ތަޙްޤީޤުކުރުމަށް ކޮމިޝަނުން 21 މެއި 2012 ގައި ނިންމުމާ ގުޅިގެން އެ ޝަކުވާތައް ބަލައި ތަޙްޤީޤުކުރުމުގެ ގޮތުން 25 ފެބްރުއަރީ 2013 ގައި ހައިކޯޓުގެ އިސްފަނޑިޔާރަށް ދެވިފައިވާ ނޯޓިހާ އެއްގޮތްވާ ގޮތުގެ މަތިންކަމުގައިވެސް ދަންނަވަމެވެ. މީގެ އިތުރުން 19 ޖުލައި 2012 ވަނަ ދުވަހާއި 24 ޖުލައި 2012 ވަނަ ދުވަހާއި 25 ޖުލައި 2012 ވަނަ ދުވަހާއި 16 މެއި 2013 ގައި މި ޝަކުވާއާގުޅިގެން ހައިކޯޓުގެ އެހެން ބައެއް ފަނޑިޔާރުންވެސް ކޮމިޝަނަށް ހާޞިރުކުރެވި ބަޔާން ނެގިފައިވާކަން މިފުރުސަތުގައި ފާހަގަކުރަމެވެ.

މީގެ އިތުރުން ޤާނޫނުއަސާސީގެ 159 ވަނަ މާއްދާއިންނާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 22 ވަނަ މާއްދާއިން ފަނޑިޔާރަކާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަކީ ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ސާފުކޮށް އެނގެންއޮތް ހިނދު، ކޮމިޝަނަށް ފަނޑިޔާރަކާގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާތައް ތަޙްޤީޤުކުރުމަށް ކޮމިޝަނުން ނިންމައި ތަޙްޤީޤުކުރަމުން ދަނިކޮށް، ކޮމިޝަނުން ނިންމި ނިންމުމަކާމެދު ކަމާބެހޭ ފަރާތަކުން އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ އެ ފަނޑިޔާރަކު، ބަލަމުންދާ ދިއުމަކީ، އެ ފަނޑިޔާރަކާ ބެހޭގޮތުން ކޮމިޝަނަށް ކުރިން ހުށަހެޅި ތަޙްޤީޤުކޮށް ބަލަމުންދާ ޝަކުވާތަކާއި އަދި އެ ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާ ގުޅުމެއްނެތް ގޮތުގައި އެ ފަނޑިޔާރެއްގެ މައްޗަށް ފަހުން ހުށަހެޅޭ ޝަކުވާތައް ކޮމިޝަނުން ބަލައި ގޮތެއް ނިންމުމަށް އެއްވެސް މިންވަރަކަށް ހުރަސްއެޅޭފަދަ ދުސްތޫރީ އަދި ޤާނޫނީ ސަބަބެއް ނޫންކަމަށް މިފުރުސަތުގައި ދަންނަވަމެވެ.