ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާގެ 80 އިންސައްތަ ޝަކުވާ މުޅިން ނިންމައި، ކޮމިޝަންގެ ޖަލްސާތައް ބާއްވާ އަދަދު މަދުކޮށްފި

20/5/2013

ކޮމިޝަނަށް މިހާތަނަށް ހުށަހެޅިފައިވާ ޝަކުވާގެ ތެރެއިން 80 އިންސައްތަ ޝަކުވާ މުޅިންނިންމައި، ކޮމިޝަންގެ ޖަލްސާތައް ބާއްވާ އަދަދު މަދުކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމީ މިހާތަނަށް ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތައް ނިންމުމަށްޓަކައި އިދާރީގޮތުން ގެނެވުނު ބަދަލުތަކާއެކު، މަސައްކަތުގެ ދުވެލި ހަލުވިކޮށް، ކޮމިޝަންގެ ޖަލްސާތައް ހަފުތާއަކު ތިން ދުވަހު ބާއްވައިގެންނެވެ. އެގޮތުން މިހާރު ކޮމިޝަންގެ ލީގަލު އޮފިސަރުން ދިރާސާކުރުމުގެ މަރުޙަލާގައި ކުރިއަށްދަނީ 9 އިންސައްތަ ޝަކުވާއެވެ. އަދި ތަޙްޤީޤު މަރުޙަލާގައި ކުރިއަށްދާ ޝަކުވާގެ އިންސައްތައަކީ 11 އެވެ. އެހެންކަމުން ކޮމިޝަނުން މިހާރު ނިންމާފައިވަނީ ކޮމިޝަންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ހަލުވިކުރުމުގެ ގޮތުން ކޮމިޝަންގެ ޖަލްސާތައް މަދުކޮށް، ކޮމިޓީތަކަށް ވަގުތު ހުސްކުރުމެވެ. އެގޮތުންް މިހާރު ކޮމިޝަންގެ ރަސްމީ ޖަލްސާތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ ހަފުތާއަކު އެއްދުވަހުއެވެ.

ކޮމިޝަނުން ޤަބޫލުކުރާގޮތުގައި މިބަދަލާއެކު ކޮމިޝަނުން މިހާރު ތަޙްޤީޤުކުރަމުންދާ ޝަކުވާތައް ތަޙްޤީޤުކޮށް އަވަސް މުއްދަތެެއްގެ ތެރޭގައި ނިންމާލެވޭނެއެވެ. ކޮމިޝަނަށް މިހާތަަނަށް ހުށަހެޅިފައިވާ ޝަކުވާތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ލަސްވުމާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކެވެ. އެހެންނަމަވެސް ކޮމިޝަނުގެ މެންޑޭޓް ބުނާގޮތުން ކޮމިޝަނުން ބެލޭނީ ފަނޑިޔާރުންގެ ސުލޫކާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް އެކަންޏެވެ.