މި ކޮމިޝަނުގެ މައްޗަށް ދައުވާ ލިބޭ ގޮތަށް ހައިކޯޓަށް ހުށަހެޅިފައިވާ މައްސާލައި ކޮމިޝަނުން ނަގާފައިވާ އިޖުރާއީ ނުކުތާތަކާމެދު ގޮތެއް ކަނޑައަޅުއްވައި ދެއްވުމަށްޓަކައި ޝަރީޢަތުގެ މަޖިލީހެއް އަވަހަށް ބާއްވައިދެއްވުމަށްް ކޮމިޝަނުން ހައިކޯޓުގައި އެދިއްޖެ

19/5/2013

މި ކޮމިޝަނުގެ މައްޗަށް ދައުވާ ލިބޭ ގޮތަށް ހައިކޯޓަށް ހުށަހެޅިފައިވާ އެކޯޓުގެ ނަންބަރު: 2013/HC-A/116 ޤަޟިއްޔާއާ ގުޅިގެން، 11 އޭޕްރީލް 2013 ގެ ތާރީޚުގައި މި ކޮމިޝަނުން ނެގި އިޖުރާއީ ނުކުތާތަކާމެދު ހައިކޯޓުން ގޮތެއް ކަނޑައެޅުއްވުން ލަސްވަމުން ދިޔުމާއެކު އިޖުރާއީ ނުކުތާތަކާމެދު ގޮތެއް ކަނޑައަޅުއްވައި ދެއްވުމަށްޓަކައި ޝަރީޢަތުގެ މަޖިލީހެއް އަވަހަށް ބާއްވައިދެއްވުމަށް އަނެއްކާވެސް ކޮމިޝަނުން ހައިކޯޓުގައި އެދިއްޖެއެވެ.

އެގޮތުން ކޮމިޝަނުން މިއަދު ހައިކޯޓަށް ފޮނުވި ސިޓީގައި މި ކޮމިޝަނުގެ ނަންބަރު 195-B2/95/2013/18 (22 އޭޕްރީލް 2013) ސިޓީއިން އެ މައްސަލައިގައި މި ކޮމިޝަނުން ނެގި އިޖުރާއީ ނުކުތާތަކާމެދު ގޮތެއް ނިންމަވައިދެއްވާ، އެ މައްސަލަ ހައިކޯޓުގެ ވިލާޔަތުގައި އޮތް އޮތުމަށް އަވަސް ނިމުމެއް ގެނެސްދެއްވުމަށް އެދިފައިވާނެކަމަށާއި، އަދި އޭގެ ފަހުން 12 މެއި 2013 ގެ ތާރީޚުގައި އެ މައްސަލައިގެ ޝަރީޢަތުގެ މަޖިލީހެއް ބާއްވައި، ކޮމިޝަނުން ނެގި އިޖުރާއީ ނުކުތާތަކާމެދު މައްސަލަ ހުށަހެޅި ފަރާތުން ޖަވާބުދާރީވުމަށްފަހު، ވަރަށް އަވަހަށް އެ އިޖުރާއީ ނުކުތާތަކާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ޝަރީޢަތުގެ މަޖިލީހެއް ބާއްވާނެކަމަށް އެ ދުވަހުގެ ޝަރީޢަތުގެ މަޖިލީހުން އިޢުލާން ކުރައްވާ، އެ ދުވަހުގެ އަޑުއެހުން ނިންމާލެއްވިތާ މިއަދާ ހަމައަށް 7 ދުވަސް ވޭތުވެފައިވާއިރުވެސް އެ މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަކަށް ކިޔުއްވާފައެއް ނުވާކަން ފާހަގަކުރައްވާފައިވެއެވެ.