އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާ ބައްދަލުކުރައްވައިފި

8/5/2013

އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލެންސީ މިސް މިޝަލް ޖޭ.ސިސަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ ސަފީރު މިޝަލް ދެއްކެވި ވާހަކަ ފުޅުގައި ބަޖެޓްގެ ތާށިކަމާއި ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ހާލަތާއި މިފަދަ ތަފާތު ގޮންޖެހުންތަކާއެކުވެސް ޝަރުޢީދާއިރާ ހަދުރަނާކޮށް، ޤާބިލް ފަނޑިޔާރުން ހޯދުމާއި، ދާއިރާ ރަނގަޅުކުރުމަށް ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތަކާ މެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ނާޒުކު ދުވަސްވަރެއްގައި ކޮމިޝަނުން މަސައްކަތްކުރަމުން ގެންދަނީ ކުރެވެން އޮތް އެންމެ ރަނގަޅަށްކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އެގޮތުން ރާއްޖޭގެ ޝަރުޢީ ނިޒާމު ހަރުދަނާކުރުމުގައި ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތުގައި އެމެރިކާއިން ވެދެވެންހުރި އެހީތެރިކަމަކާއި އެއްބާރުލުމެއް ވެދެމުން ގެންދަވާނެކަމުގައި ސަފީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމިޝަނުންވަނީ ކޮމިޝަންގެ މެންޑޭޓް ޙާސިލްކުރުމަށް މަސައްކަތްތައްކުރިއަށް ދާގޮތާއި، މެޖިސްޓްރޭޓުން ނެގުމުގައި ޢަމަލުކުރަމުންދާ އުސޫލުތަކާއި އަދި ފަނޑިޔާރުންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބެލުމުގައި ޢަމަލުކުރަމުންދާ އުސޫލްތައް ހިމެނޭގޮތުން ޕްރެޒެންޓޭޝަނެއް ދީފައެވެ.

މިއަދުގެ މި ބައްދަލުކުރެއްވުމުގައި ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲއާއި ކޮމިޝަންގެ މެމްބަރު އަދި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ފަޙްމީ ޙަސަނާއި ކޮމިޝަންގެ ސެކްރެޓްރީ ޖެނެރަލް އަލްފާޟިލް އަބޫބަކުރު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.