ކ.ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ސ.ފޭދޫ ބެލޫން، އަލްއުސްތާޛާ މަރްޔަމް ވަޙީދު ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ހަމަޖެއްސެވުން

28/3/2013

ކ.ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ސ.ފޭދޫ ބެލޫން، އަލްއުސްތާޛާ މަރްޔަމް ވަޙީދު ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް 01 އެޕްރީލް 2013 އިން ފެށިގެން ހަމަޖެއްސަވައިފިއެވެ.

ކޮމިޝަނުން މިގޮތަށް ހަމަޖެއްސެވީ، ސ.ފޭދޫ ބެލޫން، އަލްއުސްތާޛާ މަރްޔަމް ވަޙީދަކީ އަންހެން ބޭފުޅަކަށްވެފައި ބަދަލުވުމަށް އެދިވަޑައިގެންފައިވަނީ މަރްޔަމް ވަޙީދުގެ ރަށް ހިމެނޭ އަތޮޅަށް ކަމަށްވާތީއާއި، މަރްޔަމް ވަޙީދު މިހާރު ހުންނެވި ކ.ގާފަރުގެ އާބާދީއަށްވުރެ ބަދަލުވާން އެދިލައްވާފައިވާ ސ.ހިތަދޫގެ އާބާދީ ވަރަށް ބޮޑަށް އިތުރުވުމާއި، ވޭތުވެދިޔަ 2 އަހަރުގައި (2011 ވަނަ އަހަރާއި 2012 ވަނަ އަހަރުގައި) ކ.ގާފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ އަދަދަށްވުރެ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުމާއި މަރްޔަމް ވަޙީދު މިހާރު ހުންނެވި ކ.ޖުޑީޝަލް ދާއިރާ އާއި ބަދަލުވާން އެދިލައްވާފައިވާ ސ.ޖުޑީޝަލް ދާއިރާގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންގެ ޢަދަދު އެއްވަރު ނަމަވެސް ކ.ޖުޑީޝަލް ދާއިރާއަށްވުރެ ސ.ޖުޑީޝަލް ދާއިރާއަށް ގިނަ މެޖިސްޓްރޭޓުން ބޭނުންވާތީ، މަރްޔަމް ވަޙީދު އެދިވަޑައިގެންފައިވާ ގޮތުގެމަތިން ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ބަދަލުކުރަން ކޮމިޝަނުން ނިންމިއެވެ.