މެޖިސްޓްރޭޓުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް ދެއްކެވި ފާހަކަ ފުޅު

24/3/2013

الحمد لله القائل فى محكم كتابه العزيز ” يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّـهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِ‌مَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَ‌بُ لِلتَّقْوَىٰ ” وقال عزوجل: ” لَقَدْ أَرْ‌سَلْنَا رُ‌سُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ ” والصلاة والسلام على سيدنا ومولانا محمد رسول الله صلى الله عليه وسلم الذى أرسى دعائم الحق والعدل بسنة الشريفة وعلى آله وأصحابه الذين آووا ونصروه فى إعلاء كلمة الحق والعدل فى ربوع العالم بأسره .

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން، ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޢިއްޒަތްތެރި މެންބަރުން، ހަމަދެންމެއަކު ފަނޑިޔާރުކަމުގެ ހުވާކުރެއްވި، މެޖިސްޓްރޭޓުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިން، މިރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން .

السلام عليكم ورحمة الله وبركاته ،،،

މިއަދު، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެންމެ ފަހުން މެޖިސްޓްރޭޓްކަމަށް ޢައްޔަނުކުރުމަށް ކަނޑައެޅި ބޭފުޅުން، އެބޭފުޅުންގެ އެމަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު ފަޅުފިލުވައި ދެއްވުމުގެ ގޮތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން މިރަސްމިއްޔާތަށް ވަޑައިގެންނެވީތީ އެކަމަށްޓަކައި އަޅުގަނޑުގެ އަމިއްލަ ނަމުގައާއި އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަމުގައި އެމަނިކުފާނަށް ޝުކުރާއި ތަހުނިޔާ އަރިސްކުރުން. އެއަށްފަހު ހަމަދެންމެއަކު، މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓްކަމަށް ޢައްޔަނުކުރުމަށް ކޮމިޝަނުން ކަނޑައެޅުނު ބޭފުޅުން އެބޭފުޅުންގެ މަޤާމާ ޙަވާލުވަޑައިގަތުމުގެ ގޮތުން ފަނޑިޔާރުކަމުގެ ހުވާކުރެއްވުމާ ގުޅިގެން އެބޭފުޅުންނަށް ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމުގައި ދެކެން. އަޅުގަނޑުގެ އިޚްލާސްތެރި ދުޢާއަކީ މާތްﷲ ތިޔަބޭފުޅުންނާ މަތިކުރެއްވި މިމަތިވެރި އަމާނާތް (އާދެ! ޢަދުލު އިންސާފުން މީސްތަކުންނާމެދުގައި ޙުކުމްކުރުމުގެ މަތިވެރި އަމާނާތް) އަދާކުރުމުގައި، މާތްﷲ ތިޔަބޭފުޅުންނަށް ހެޔޮމަގަށް ތައުފީޤާއި މަދަދު ދެއްވުން.

އާދެ! މީސްތަކުންގެ މެދުގައި ޢަދުލު އިންޞާފުން ޙުކުމްކުރުމަކީ ވަރަށް މަތިވެރި އަމާނާތެއް އެއަމާނާތް ހެޔޮގޮތުގައި އަދާކުރުމަށް އަމުރުކުރައްވަމުން މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ: ” إِنَّ اللَّـهَ يَأْمُرُ‌كُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ  ” (النساء: 58) މިފަދައިންނެވެ. މާނައަކީ: “ހަމަކަށަވަރުން ކޮންމެ އަމާނާތެއް އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިހީމުންނަށް އަމުރުކުރައްވަތެވެ. އަދި މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާނަމަ، ޢަދުލަށް ޙުކުމް ކުރުމަށްވެސް، އަމުރުކުރައްވަތެވެ.”

އިންސާފުވެރިކަމާއެކު ޙުކުމްކުރުމުގެ މަސައްކަތަކީ އިންސާނުންނަށް ކެއުން ބުއިމާއި، އަދި އެބައިމީހުންގެ ޟަރޫރީ އެހެނިހެން ކަންތައްތަކަށް ބޭނުންޖެހޭ ފަދައަކުން އެކަމަށް އެބައިމީހުން ނުހަނު ބޭނުންޖެހިފައިވާ ޟަރޫރީ ކަމެއް. އެހެނީ، އިންސާނާއަކީ މާތްﷲ އޭނާ ޚަލްޤުކުރައްވައި، އޭނާގެ ކިބައިގައި ލައްވާފައިވާ ޠަބީޢަތުގައިވެސް ޢިޖްތިމާޢީ ކާއިނެއް. އެހެންކަމުން އޭނާއަކީ، އެކަހެރިކޮށް، އެކަނިމާއެކަނި، އެހެންމީހަކަށް ބޭނުންނުޖެހޭގޮތަށް ﷲ ޚަލްޤުކުރައްވާފައިވާ ކާއިނެއްނޫން. އަދި ކިއެއްތަ!! ﷲ އިންސާނާ އުފައްދަވާފައިވަނީ އިންސާނީ ޖަމާޢަތެއްގައި އޭނާ ދިރިނޫޅޭހާ ހިނދަކު އޭނާގެ ދިރުއުޅުމަށް އުފާފާގަތިކަމާއި، ހިތްހަމަޖެހުން ނުލިބޭފަދަ ގޮތެއްގައި. އިންސާނުންނަށް ފުރިހަމަ ދިރިއުޅުމަކަށް މަގުފަހިވެގެންދަނީ އެބައިމީހުން ޖަމާޢަތެއްގެ ގޮތުގައި ދިރިއުޅުމަށް މަގުފަހިވެގެން ދިއުމުންކަމަށްވާއިރު، އެފަދަ އިންސާނީ މުޖުތަމަޢެއްގައި އެބައިމީހުން ދިރިއުޅޭހިނދު، ބައެއްކަންތައްތަކާމެދު އެބައިމީހުންގެ މެދުގައި ޚިޔާލުތަފާތުވުންތަކާއި، ދެބަސްވުންތައް އުފެދުން އެއީ ވަރަށް ގާތްކަމެއް. އެއީ އެބައިމީހުންގެ އެއްބައެއްގެ މަސްލަޙަތުތަކާއި އެދޭއެދުންތައް އަނެއް ބައެއްގެ މަޞްލަޙަތުތަކާ އެދޭއެދުންތަކާ ތަޢާރުޟުވެ ފުށުއަރާގޮތްވުމުގެ ނަތީޖާއެއްގެ ގޮތުން. މިފަދަ ދަނޑިވަޅުތަކުގައި، ކޮންމެ އިންސާނީ ޖަމާޢަތެއްގެ ތެރޭގައި އެބައިމީހުން ޤަބޫލުކުރާ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތީން އެބައިމީހުންގެ މެދުގައި އުފެދޭ ޚުޞޫމާތްތަކާއި ދެބަސްވުންތައް ޙައްލުކޮށް އިންޞާފު ލިބިދިނުމުގެ އުސޫލުތައްވަނީ ހަމަޖެހި ޤާއިމްކުރެވިފައި.

އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންމިދާ ޤާނޫނުއަސާސީ، އެއުޞޫލުތަކުގެ ތަރަހައިގެ މަތީގައި ޤާއިމްވެފައިވާ މާތްވެގެންވާ އިސްލާމީ ޝަރީޢަތުގެ މަތިވެރި އުޞޫލުތަކަށް ނަޒަރު ހިންގާލާއިރު، އިންސާނީ ތާރީޚުގެ ދިގު ޒަމާންތަކުގައި މާތްﷲ ގެ ހިދާޔަތާއި ތެދުމަގު ދެއްކެވުމަށް އެކަލާނގެ ފޮނުއްވި ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ފޮނުވައި އެބޭކަލުންގެ މައްޗަށް އެކަލާނގެ ސަމާވީ ފޮތްތައް ބާވައިލެއްވުމުގެ މައިގަނޑު މަޤްޞަދަކީވެސް މީސްތަކުންގެ މެދުގައި ޢަދުލު އިންސާފު ޤާއިމްކުރައްވައި، މީސްތަކުން އިންޞާފުގެ މަތިވެރި އުޞޫލުގެ މަތީގައި ދެމިތިބުމަށް ބާރުއެޅުއްވުން. މިކަމަށް އިޝާރާތްކުރައްވައި އަލްޙަދީދު ސޫރަތުގެ 25 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ ” لَقَدْ أَرْ‌سَلْنَا رُ‌سُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ ” މާނައީ: “ހަމަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެ ރަސޫލުންނާއެކު، ފޮތާއި، ޢަދުލުއިންޞާފުގެ ތިލަފަތް ބާވާލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައެވެ.”

އަދި ވަކިން ޚާއްސަގޮތެއްގައި އެންމެހައި މީސްތަކުންގެ ގާތަށް ރަސޫލެއްގެ ގޮތުގައި ފޮނުއްވި އެންމެ ފަހުގެ ރަސޫލާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަޞައްލަމް) މީސްތަކުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވައި ކީރިތި ޤުރުއާން އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވީވެސް ﷲ ޝަރީޢަތުން މީސްތަކުންގެ މެދުގައި ޙުކުމްކުރެއްވުމަށްކަން ކީރިތި ޤުރުއާނުގެ ޞަރީޙަ ބަސްފުޅުން އެނގި ހާމަވާން އެބައޮތް. އެކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރުއާނުގެ އައްނިސާއު ސޫރަތުގެ 105 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ ” إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَ‌اكَ اللَّـهُ ” “ހަމަކަށަވަރުން، ޙައްޤުގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވާލެއްވީ، ކަލޭގެފާނަށް ﷲ އަންގަވާފައިވާ ގޮތުގެމަތިން، މީސްތަކުންގެ މެދުގައި ޙުކުމްކުރެއްވުމަށެވެ.”

އެހެންކަމުން، މީސްތަކުންގެ މެދުގައި ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގައި ޙުކުމް ކުރުމަކީ ވަރަށް މަތިވެރި އަމާނާތެއްކަމާއި އަދި އެއީ، ﷲ ގެ ހިދާޔަތް މީސްތަކުންގެ ގާތަށް ވާޞިލްކުރެއްވުމަށްޓަކައި އެކަލާނގެ ފޮނުއްވި ރަސޫލުބޭކަލުންނާއި، ނަބީބޭކަލުންގެ މައިގަނޑު ވަޒީފާކަން އެއްވެސް އޮޅުމެއްނެތި އެނގި ހާމަވެގެންދޭ. އެހެންކަމުން، މިފަދަ މުހިންމު މަޤާމަކަށް އިސްކުރެވޭ ކޮންމެ ބޭފުޅަކުމެ އަބަދުގެ ހަނދާނުގައި ބަހައްޓަންޖެހޭ ކަންތައްތަކެއް ވާނެކަން ކަށަވަރު. އެކަންކަމުގެ މައިގަނޑު އުޞޫލުތައް ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައި ވަރަށް ތަފްޞީލުކޮށް މިހާރުވަނީ ލިޔެވި ބަޔާންކުރެވިފައި. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ތަކާއި، ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ގޮތުގައި އެޤާނޫނުގައި ބަޔާންކުރެވިފައިވާ ކަންތަައްތައް. މިގޮތުން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ ގޮތުގައި ކަނޑައެޅިފައިވާ އުޞޫލުތައް އެޤާނޫނުގެ 29 ވަނަ މާއްދާގައި ވަރަށް ތަނަވަސް ގޮތެއްގައި ބަޔާންކުރެވިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. އޭގެ ތެރޭގައި ޤާނޫނުއަސާސީގައާއި ޤާނޫނުގައިވާގޮތުގެ މަތީން ކަންކަންކުރުމާއި، އެއްވެސް މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ޤައުމަށް ނުވަތަ ކުލައަށް ނުވަތަ ޖިންސަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަށް ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަން ރަށަށް ނުވަތަ ވާހަކަދައްކާ ބަހަށާއި، އިޖްތިމާޢީ ދަރަޖަ، ނުވަތަ މަޤާމަށް ބަލައި، ތަފާތުނުކުުރުމާއި، އެއްވެސް ފަރާތަކަށް ޖެހިލުންނުވެ ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި ތަޢައްޞުބުން އެއްކިބާވެ ތިބެ މުސްތަޤިއްލުކަމާއެކު ފަނޑިޔާރުންގެ މަސައްކަތްތައް ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ކުރުމާއި، ފަނޑިޔާރުންގެ ހުރިހައި ވަގުތެއްގައިވެސް އަދި ހުރިހައި ޢަމަލެއްގައިވެސް މުޖުތަމަޢު ޤަބޫލުކުރާ ފެންވަރުގައި، އޭނާގެ އަޚްލާޤާއި އަބުރުގެ ރައްކާތެރިކަން ދެމެހެއްޓުމާއި އަދި މިނޫނަސް ވަރަށް ގިނަ ކަންތައްތަކެއް އެމާއްދާގައި ބަޔާންކުރެވިފައިވާކަން އަޅުގަނޑު ފާހަގަކުރަން. އަދި މީގެ އިތުރުން، ފަނޑިޔާރުންގެ މަސްއޫލިއްޔަތުގެ ގޮތުގައި އެޤާނޫނުގެ 30 ވަނަ މާއްދާގައި ވަރަށް މުހިންމު ކަންތައްތަކެއް ފާހަގަކުރެވިފައިވޭ. އޭގެ ތެރޭގައި ޤާނޫނުއަސާސީއާއި ހެދިފައިވާ ޤާނޫނުތަކާ އެއްގޮތަށް އިންސާފުވެރިކަމާ ތެދުވެރިކަމާއެކު ހާމަކަން ބޮޑުގޮތަކަށް ޝަރީޢަތުގެ މަޖިލިސް ހިންގުމާއި، ފަނޑިޔާރުކަމުގެ މަސައްކަތުގެ ފަންނީ މިންގަނޑުތައް ހިފެހެއްޓުމާއި، މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވާ ޤާނޫނީ ވަކީލުންނާއި، ހެކިވެރިންނާއި، ޢާންމުންގެ މީހުންނާ މުޢާމަލާތުކުރުމުގައި ކެތްތެރިކަމާއި މަސްއޫލުވެރިވެ އަދި ޚިދުމަތްތެރި ބަޔަކަށްވެ، ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށް މަސައްކަތްކުރުމާއި، އަދި މިނޫނަސް މިފަދަ ވަރަށް މުހިންމު ކަންތައްތަކެއް މިމާއްދާގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭ. އަދި މީގެ އިތުރުން ފަނޑިޔާރުކަން ކުރުމުގައި ފަނޑިޔާރުންނަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި އަބަދުވެސް ރިޢާޔަތްކުރަންޖެހޭ މަތިވެރި އުޞޫލުތަކެއް އެޤާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭ. އޭގެ ތެރޭގައި، ފަނޑިޔާރުންގެ ދައުރު އަދާކުރުމުގައި ވަކި ފަރާތަކަށްނުޖެހި، އަދި ވަކި ތަޢައްޞުބެއްނެތި، ޢަދުލުވެރި ގޮތުގައި ފަނޑިޔާރުންނަށް ލިބިފައިވާ އިޚްތިޔާރުގެ ބޭނުންކުރުމާއި، ފަނޑިޔާރުންގެ ދައުރު އަދާކުރުމުގައި، ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތައި، އެޙައްޤުތައް ޙިމާޔަތްކުރުން ހިމެނިފައިވާކަން ފާހަގަކުރަން.

އަދި މިދަންނަވާލި ކަންތައްތަކުގެ އިތުރުން ފަނޑިޔާރުންގެ މިނިވަންކަމާއި، މުސްތަޤިއްލުކަމާއި ނަޒާހަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުންނާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުން ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލެވިފައިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކުގައި ބަޔާންކުރެވިފައިވާ މިނިވަންކަމާއި، ވަކިފަރާތަކަށް ނުޖެހުމާއި، އިންޓެގްރިޓީއާއި، ހިތްތިރިކާމާއި ރިވެތި އަޚްލާޤާއި، ހަމަހަމަކަމާއި، ހުނަރާއި ކުޅަދާނަކަމާއި، ސިޔާސީ ހަރަކާތުން އެއްކިބާވުމާއި، މިފަދަ އެންމެހައި މިންގަނޑުތަކުގައި ކަނޑައެޅިފައިވާ އެންމެހައި އުޞޫލުތައް ފުރިހަމައަށް ނަގަހައްޓައި އެއުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޢަމަލުކުރުމަކީ މުޅި ޖުޑީޝަރީއާއި ފަނޑިޔާރުގޭގެ މަސައްކަތްތައް ހަރުދަނާވެ ފަނޑިޔާރުންނާމެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރު އެތައް ގުނައަކަށް ބޮޑުވެގެންދާނެކަމެއްކަން ފާހަގަކުރާހިނދު، އަޅުގަނޑަކީވެސް ފަނޑިޔާރެއްކަމަށް ވުމާއެކު އަޅުގަނޑުވެސް ހިމެނޭ ގޮތުން މިދަންނަވާލި އެންމެހައި ކަންތައްތަކަށް ރިޢަޔަތްކޮށްދެއްވައި، ފަނޑިޔާރު ގެތައް ހަރުދަނާކަމާއި، ޕްރޮފެޝަނަލް ކަމާއެކު ހިނގާކަން ކަށަވަރުވާނޭ މިފަދަ އެންމެހައި އުޞޫލުތަކަށް ޢަމަލުކޮށް އެއުޞޫލުތައް ނެގެހެއްޓުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަބޭފުޅުންނަށް އިޚްލާސްތެރިކަމާއެކު އިލްތިމާސްކޮށް ވަޞިއްޔަތް ކުރުމަކީ އަޅުގަނޑުގެ ކޮނޑުގައި އެޅިފައިވާ މުހިންމު ވާޖިބެއްކަމުގައި ދެކެން.

ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުން!

ފަނޑިޔާރު ގެތަކާއި ފަނޑިޔާރުންނަކީ މުސްތަޤިއްލުކަމާއެކު، ވަކިފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުންނުވެ ތަޢައްޞުބުން އެއްކިބާވެ ތިބެ މަސައްކަތްކުރަންޖެހޭ ބައެއްކަމުގައާއި ތަންތަންކަމުގައި ހެދުން ގެރެންޓީކުރުމުގެ ގޮތުން ދުސްތޫރީ މަބާދިއުތަކެއް ޤާނޫނުއަސާސީގައި ކަޅާއި ހުދުން ވަނީ ކަނޑައަޅައި ބަޔާންކޮށްފައި. މިގޮތުން ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި އަމިއްލަ ފަރުދަކުވިޔަސް ދައުލަތުގެ ކަމެއް ހިންގުމާއި ހަވާލުވެހުރި މީހެއްކަމުގައި ވިޔަސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށާއި އަދި ހަމަ އެމާއްދާގެ (ރ) ގައި ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދީ، އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަތައް ހުށަހެޅި، ވަކިފަރާތަކަށް ނުޖެހި، ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަންކަމަށް ހެދުމަށްޓަކައި، ޤާނޫނާއި ޤަވާއިދުތަކުގެ ޛަރީޢާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންކަން ހިންގުމާ ޙަވާލުވެ ތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރި ވާންވާނެކަމަށާއި، އަދި ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެއްކަމަށާއި، ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއަށާއި، ޤާނޫނަށްކަމަށާއި ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމަންވާނީ ވަކިފަރާތަކަށް ބުރަނުވެ ވަކިފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުންނުވެ ތަޢައްޞުބުން އެއްކިބާވެ ތިބެ ކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވުމުން އެއްވެސް ސިފައެއްގައި ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒުފޯރާފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން (އަފުރާދުންނާއި ދަޢުލަތުގެ މުއައްސަސާތަކުންނާއި، އަދި އަމިއްލަ ޖަމާޢަތްތައް ހިމެނޭގޮތުން) މިއިން އެއްވެސް ފަރާތަކުން ކުރުމަކީ ޤާނޫނުއަސާސީ މުޅިން މަނާކޮށްފައިވާ ކަމެއްކަމާއި، އެފަދަ އެއްވެސް ކަމެއް ކުރުމަކީ ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ހުއްދަވާނޭކަމެއް ނޫންކަމާއި، ސީދާގޮތުންނާއި ނުސީދާ ގޮތުންނަމަވެސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރާނެ ނުވަތަ ފޯރަފާނެ އެއްވެސް ޢަމަލެއް ހިންގުމަކީ، ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފަށް ހިންގޭނެ ޢަމަލެއްކަމަށް މެނުވީ ނުވާނެކަން ޤާނޫނުއަސާސީގެ މިދެންނެވި 141 ވަނަ މާއްދާގެ (ނ) ގެ ޞަރީޙަ ނައްސުން އެނގޭ. އެހެންކަމުން ފަނޑިޔާރުން އެބައިމީހުންގެ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރާ އެއްވެސް ކަމަކަށް ކިތަންމެ ކުޑަ ނަމަވެސް ނުފޫޒެއް ފޯރާފާނެ އެންމެހާ ކަންތައްތަކުން ދުރުވެގަނެ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން ޢަމަލުކުރުމަށް އެންމެހައި އަފުރާދުންނާއި ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ގޮވާލަން.

ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުން!!

ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީންކަމަށާއި އަދި ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ ޤާނޫނުއަސާސީގައި ބަޔާންވެގެންވާގޮތުގެ މަތީންކަމަށާއި މި ޤާނޫނުއަސާސީއިން ލާޒިމުކުރާ އެންމެހައި ކަންކަން ފުރިހަމަކުރަންވާނެކަމަށާއި، މި ޤާނޫނުއަސާސީއާ ޚިލާފަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ވާނީ ބާޠިލް އެއްޗަކަށްކަމަށާއި އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެކަމަށާއި، މި ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލް ކަމެއްކަމަށް ސާފުބަހުން ކަނޑައެޅި ބަޔާންވެފައިވާއިރު، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަކި ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ ތަޢައްޞުބުން އެއްކިބާވެތިބެ މުސްތަޤިއްލު ގޮތުގައި ފަނޑިޔާރުން އެބައިމީހުންގެ މައްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުންމަތީ ދެމިތިބުން ގެރެންޓީ ކުރުމުގެ ގޮތުން ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ)ގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުޞޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހާ ހިނދަކު ފަނޑިޔާރަކު މަޤާމުން ވަކިކޮށްގެން ނުވާނެކަމަށާއި އަދި އެމާއްދާގެ (ށ) ގައި ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެމީހަކު ޤާބިލު ނޫންކަމަށް، ނުވަތަ އެ މަޤާމާ އެކަށީގެންނުވާފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންކަމަށް ސާފުބަހުން ކަނޑައެޅި ބަޔާންވެފައިވުމުން ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މި އުޞޫލާ ޚިލާފަށް ޤާނޫނަކަށް އިޞްލާޙެއް ގެނެސްގެންކަމަށްވިޔަސް އަދި އެ ނޫން ގޮތަކުން ކަމަށްވިޔަސް ފަނޑިޔާރަކު އޭނާގެ މަޤާމުން ވަކިކުރުމަށް މަސައްކަތްކުރުމަކީ، ޤާނޫނުއަސާސީގައި ބަޔާންވެގެންވާ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގޭ ޣައިރުދުސްތޫރީ ޢަމަލަކަށް މެނުވީ ނުވާނެކަން ސާފުކޮށް އެނގޭ. އެހެންކަމުން ޤާނޫނުއަސާސީގައި ފަނޑިޔާރުން އެބައިމީހުންގެ މަގާމުގައި ދެމިތިބުން ގެރެންޓީކޮށް ކަށަވަރުކޮށްދީފައިވާ އުޞޫލުތަކާ ޚިލާފަށް އެބައިމީހުންގެ މަސައްކަތާބެހި ނުފޫޒުފޯރާފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ގޮވާލަން. އަދި ހަމަ މި ނޭވާގައި، ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށް ފަނޑިޔާރުން، އެބައިމީހުންގެ މަޤާމުތަކުން ވަކިކުރުމަށް ހިނގާ އެއްވެސް ކަމަކާމެދު ކުޑަ ނަމަވެސް ޖެހިލުންވުމެއް ނެތި ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން މީސްތަކުންނަށް އިންޞާފު ލިބިދިނުމަށް އެއްވެސް ބިރެއް ޖެހިލުންވުމެއްނެތި މާތް ﷲ ގެ ޙަޟްރަތުން ވާގިއެެދި ތިބެ މަސައްކަތްކޮށްދެއްވުމަށް ދިވެހިރާއްޖޭގެ ހުރިހާ ފަނޑިޔާރުންނަށް އިލްތިމާސްކޮށް ނަޞޭހަތްތެރިވަން. އަދި ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން މީސްތަކުންނަށް އަދުލުއިންސާފު ލިބިދިނުމަށްޓަކައި ތިޔަ ފަނޑިޔާރުން ތިޔަ ކުރައްވަނީ މާތް ﷲ ގެ މަގުގައި ވަރުގަދަވެގެންވާ ޖިހާދެއްކަން ތިޔަބޭފުޅުން އަބަދުވެސް ހަނދާންކުރެއްވުމަށްވެސް އަޅުގަނޑު ތިޔަ އެންމެހައި ބޭފުޅުންނަށް ވަޞިއްޔަތްކުރަން. ﷲ ގެ މަގުގައި ކެތްތެރިވެ އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާ ފަރާތްތަކަށް އެކަލާނގެ މަގަށް މަގުދައްކަވާނެކަމުގެ ހެޔޮ ޚަބަރު ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ ބަޔާންކުރައްވާފަ. އެކަމަށް އިޝާރާތްކުރައްވާ ޢަންކަބޫތު ސޫރަތުގެ 69 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވަނީ ” وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ اللَّـهَ لَمَعَ الْمُحْسِنِينَ ” މިފަދައިން މާނައީ: “ތިމަންރަސްކަލާނގެ މަގުގައި ޖިހާދު ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، އިޙްސާންތެރިންނާ އެކުގައިކަން ކަށަވަރެވެ.”

އަޅުގަނޑުގެ އިޚްލާސްތެރި ދުޢާއަކީ ދިވެހިރާއްޖޭގެ ހުރިހާ ފަނޑިޔާރުންނަށް ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން އެބައިމީހުންގެ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ހެޔޮ ތައުފީޤު މާތް ﷲ މިންވަރުކުރެއްވުން. އަދި ދިވެހިރާއްޖޭގެ ޢަދުލުއިންސާފު ޤާއިމްކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ﷲ ގެ ނަސްރާއި މަދަދު މިންވަރު ކުރައްވައި އެ ފަރާތްތަކަށް ﷲ ސާބިތުކަމާއި ހިއްވަރު ދެއްވުން. އާމީން.

ربنا آتنا من لدنك رحمة وهيئ لنا من أمرنا رشدا.

والسلام عليكم ورحمة الله وبركاته ،،،