ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ ސިޓީފުޅާ ގުޅިގެން ކޮމިޝަންގެ ރައީސް ކަންބޮޑުވުން ފާޅުކޮށްފި

7/3/2013

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ކޮމިޝަން ހާޟިރުވެފައި ނުވާ ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ކޮމިޝަންގެ ރައީސް ފޮނުއްވެވި ސިޓިއަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރެއްގެ ހައިސްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ ސިޓީފުޅާ ގުޅިގެން ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

މިސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ނަންބަރު 57-F/MM/195/2013/16 ( 06 މާޗރް 2013) ސިޓީ މި ކޮމިޝަނަށް ލިބިފައިވަނީ 6 މާރޗް 2013 ވަނަ ދުވަހުގެ 15:05 ކަމާއި، އެ ސިޓީގައިވާގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މި ކޮމިޝަންގެ މެމްބަރުން ހާޟިރުވުމަށް ވިދާޅުވެފައިވަނީ އެ ރޭގެ 20:30 ގައިިކަމަށްވެފައި، މިއީ މިފަދަ ގޮތަކަށް ޤާނޫނުއަސާސީން ކަނޑައަޅާފައިވާ ކޮމިޝަނަކަށް މަޖިލީހުގެ ކޮމެޓީއަކަށް ދައުވަތު ދެއްވުމުގައި އެކަށީގެންވާ ވަގުތެއް ނޫންކަމަށް ވީނަމަވެސް މިދެމެދުގައި ކޮމިޝަންގެ މެމްބަރުންނަށް ކުއްލި ޖަލްސާއަކަށް ދަންނަވައި، މެމްބަރުންނާ މަޝްވަރާކޮށް ގޮތެއް ނިންމުމަށް މަސައްކަތްކުރެވިފައިވާކަމާއި އެހެންނަމަވެސް މިދެންނެވި ކުއްލިޖަލްސާއަށް ޚުދު ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ހިމެނިވަޑައިގަންނަވާގޮތުން ކޯރަމް ހަމަވާ މިންވަރަށް މެމްބަރުން ވަޑައިގެންފައި ނުވާކަން ހިތާމަޔާއެކު ފާހަގަކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން، ވަކިކަމަކާބެހޭގޮތުން ކޮމިޝަން ހާޟިރުކުރުމަށް ދެންނެވުމުން، އެކަމުގައި ޤާނޫނީގޮތުން ކޮމިޝަންގެ މެމްބަރުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވިނަމަވެސް، ކޮމިޝަންގެ ރައީސެއްގެ ހައިސިއްޔަތުން ޖަވާބެއް ދޭންޖެހޭ ކަމަށް ފެންނާތީ، އެކަމުގައި ޤާނޫނީގޮތުން ފާހަގަކުރެވޭ މުހިންމު ކަންތައްތަކެއް ހުރުމުން އެކަންކަން ފާހަގަކޮށް ސިޓީއަކުން ދެންނެވީކަމާއި އެކަމުގައި ފެންނާން ހުރި، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ)އާއި  ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 20 ވަނަ މާއްދާގެ (ށ) އާއި ސުޕްރީމްކޯޓުގެ ނަންބަރު 2012/SC-SJ/05 އަމުރުގައި ކަނޑައެޅި ބަޔާންވެފައިވާ ދުސްތޫރީ އަދި ޤާނޫނީ އަސާސްތަކުގެ މައްޗަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި މިނިވަން މުއައްސަސާތަކުގެ މެންބަރުން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކަށް ހާޟިރުކޮށް ސުވާލުކުރުމުގައި ޢަމަލުކުރުމަށް އެޤަވާއިދުގެ 61 ވަނަ މާއްދާއިން ފެށިގެން 68 ވަނަ މާއްދާއާއި އަދި 69 ވަނަ މާއްދާގެ (ބ) ގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުންދޭ ޖަވާބެއްގެ ގޮތުގައިކަމަށް ވިދާޅުވެފައިވެއެވެ.