ފަސްމެޖިސްޓްރޭޓެއްގެ މަޤާމަށް ބަދަލު ގެންނަވައިފި

26/12/2012

ފަސްމެޖިސްޓްރޭޓެއްގެ މަޤާމަށް 1 ޖެނުއަރީ 2013 އިން ފެށިގެން ބަދަލު ގެންނަވަން ކޮމިޝަނުން ނިންމަވައިފިއެވެ.

އެގޮތުން މަޤާމަށް ބަދަލުގެންނެވި ފަސްބޭފުޅުންނަކީ، ލ.ގަމު މެޖިސްޓްރޭޓް ކޯޓް (ތުނޑީ އަވަށު ސެކްޝަން) ގެ މެޖިސްޓްރޭޓްކަމުގައި ހުންނެވި އަލްފާޟިލް ޢަބްދުﷲ އަފީފް މަޤާމުން މުސްކުޅި ކޮށްފައިވާތީ، އެ ސެކްޝަނުގައި ދެން ހުންނެވި އަލްފާޟިލް ޢަލީ މުޙައްމަދު ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓަކަށް ހަމަޖެއްސެވުމާއި،

ތ.ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމުގައި ހުންނެވި، އަލްފާޟިލް ޢަބްދުލްވައްޙާބު ޙަސަންފުޅު ތ.ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް ހަމަޖެއްސެވުމާއި،

ރ.ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގައި ދެ މެޖިސްޓްރޭޓުން ތިއްބަވަނިކޮށް، އެ ދެ ބޭފުޅުންގެ ތެރެއިން އަލްފާޟިލް ޢަބްދުއްޞަމަދު ޢަބްދުﷲ ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އެ ކޯޓުގައި ދެން ހުންނެވި މެޖިސްޓްރޭޓް އަލްފާޟިލް ޢަލީ މުޞްޠަފާ ރ.ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމަށް ހަމަޖެއްސެވުމާއި،

ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްގެ މަޤާމަށް އަލްފާޟިލް ޢަބްދުﷲ ފަހުމީ ހަމަޖެއްސެވުމާއި، އަދި ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގައި ދެ މެޖިސްޓްރޭޓުން ތިއްބަވަނިކޮށް، އެ ދެ ބޭފުޅުންގެ ތެރެއިން އަލްފާޟިލް ޢަބްދުލްޢަޒީޒު މޫސާ ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އެ ކޯޓުގައި ދެން ހުންނެވި މެޖިސްޓްރޭޓް އަލްފާޟިލް ޖަޢުފަރު ރަޝީދު ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް   ހަމަޖެއްސެވުމެވެ.