ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުއަރުއްވައިފި

14/11/2012

ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުއަރުއްވައިފިއެވެ.

މިކަމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ބޭއްވެވި ރަސްމިއްޔާތެއްގައި ދާއިރާ އިސް މެޖިސްޓްރޭޓްކަމަށް އައްޔަންކުރެވި 5 ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުދެއްވީ ކޮމިޝަންގެ ނާއިބުރައީސް އަލްއުސްތާޛު ޢަބްދުﷲ ދީދީއެވެ.

މި ރަސްމިއްޔާތަށްފަހު،  އެބޭފުޅުންނާ ބައްދަލުކުރައްވާ ކޮމިޝަންގެ ނާއިބުރައީސާ ކޮމިޝަންގެ ބައެއް މެމްބަރުން ދެއްކެވި ވާހަކަފުޅުގައި މިއަދު ދާއިރާތަކާ ހަވާލުވެލައްވާ މެޖިސްޓްރޭޓުންނަކީ ވަރަށް ބޮޑު ޒިންމާއަކާއެކު އެމަޤާމުތަކާ ޙަވާލުވެލައްވާ ބޭފުޅުންކަމާއި، އެހެންކަމުން ދާއިރާ ހަރުދަނާކޮށް ހިންގުމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެ ތެރެއިން އެ ބޭފުޅެއްގެ ލަޔާގަތާއި ޤާބިލްކަން ތަންދިން އެންމެ މަތީދަރަޖައެއްގައި މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެގޮތުން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު މަސައްކަތްކުރެއްވުމަށާއި، ޢަދުލުވެރިކަމާއެކު ހަވާލުވެލެއްވި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަންގެ ނާއިބުރައީސް އަލުއުސްތާޛު ޢަބްދުﷲ ދީދީގެ އިތުރުން ކޮމިޝަންގެ  މެމްބަރުންކަމުގައިވާ  އަލުއުސްތާޛު ޢަބްދުﷲ ޙަމީދާއި، އަލުފާޟިލް ޤާސިމް އިބުރާހީމާއި، އަލުއުސްތާޛު އަޙްމަދު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. ދާއިރާ އިސްމެޖިސްޓްރޭޓްކަމުގެ ފަތްކޮޅު މިއަދު ދެއްވި ފަސްބޭފުޅުންނަކީ

  1. އަޙްމަދު މޫސާމަނިކު / ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓް
  2. ޢަބްދުލްރައްޒާޤު މުޙައްމަދު / ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓް
  3. ޙަސަން ޒަހީން / ތ.ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓް
  4. ޢަލީ ޝަރީފް / ލ.އިސްދޫ މެޖިސްޓްރޭޓް ކޯޓް
  5. މުޙައްމަދު ރާޣިބް އަޙްމަދު / ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓް