ނޫސްބަޔާން

31/10/2012

ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރަކީ ވަކި މުސްތަޤިއްލު ބާރެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7 ވަނަ މާއްދާއިން އެނގެން އޮންނާތީ އާއި، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާތީ އާއި،  އަދި ހަމަ މިމާއްދާގެ (ރ) ގައި ކޯޓުތަކުގެ މިނިވަންކަމާއި ރައްކާތެރިކަމަށާއި، ކޯޓްތަކުގެ ހައިބަތާއި ޤަރަދު ޙިމާޔަތްކޮށްދޭން ޖެހޭނެކަން ކަނޑައެޅި ބަޔާންކޮށްފައިވުމާއި، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެއްކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާތީ އާއި،

އަދި ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ) އިން ވެރިކަން ހިންގާ ފަރާތާއި ރައްޔިތުންގެ މަޖިލީހުންނާއި މުސްތަޤިއްލު ކޮމިޝަންތަކުންނާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ މަޤާމުތަކާއި ހަވާލުވެތިބި މީހުންނާއި އެންމެހާ ރައްޔިތުން މި ޤާނޫނުއަސާސީ އަށް ޢަމަލުކުރާން ފެށުމާއެކު މި ޤާނޫނުއަސާސީގައިވާ އެންމެހާ ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލުކުރަންވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާތީ އާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 9 ވަނަ މާއްދާގައި ފަނޑިޔާރަކު އޭނާގެ މަޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި، ދިން ރަޢުޔަކާ ގުޅިގެން ނުވަތަ ކުރި އަމުރަކާ ގުޅިގެން ނުވަތަ ކުރި ޙުކުމަކާ ގުޅިގެން، ޤާނޫނޫއަސާސީ އާއި ޤާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފުކުރުމުގެ އުސޫލުތަކުގެ ބޭރުން، ނުވަތަ ފަނޑިޔާރުންގެ ސުލޫކާ ގުޅޭގޮތުން ފިޔަވަޅުއެޅުމަށް ޤާނޫނުއަސާސީ އާއި ޤާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކުގެ ބޭރުން، އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބު ދާރީއެއް ނުކުރެވޭނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާތީ އާއި،

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އެއްވެސް ރޫލިންގއެއްގައި ނުވަތަ ނިންމުމެއްގައި ވިޔަސް ފަނޑިޔާރުން މި ކޮމިޝަން ފިޔަވައި އެހެން ފަރާތެއްގައި ޖަވާބުދާރީ ކުރެވޭނެކަމަށް ބުނެފައި ނުވާކަން އެނގޭތީ އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކުރާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވާ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ށ) ގައާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ށ) ގައި ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެ ފަރާތްތަކާމެދު އަޅާންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅާންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަޤާމުން ވަކިކުރުމަށް ހުށަހެޅުމުގެ ޤާނޫނީ ބާރު ލިބިދީފައިވާ ހަމައެކަނި ފަރާތަކީ މި ކޮމިޝަންކަން އެނގޭތީއާއި ޤާނޫނުއަސާސީގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދައިން ޣައިރު ޤާނޫނީ އެއްވެސް އަމުރަކަށް ތަބާވާން ނުޖެހޭނެކަމަށް ކަނޑައަޅާ ބަޔާންކޮށްފައިވާތީއާއި، އަދި ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނުއަސާސީއާއި ޚިލާފަށް ކުރާކޮންމެކަމަކީ ބާޠލްކަމެއްކަމަށް          ބަޔާންކޮށްފައިވުމުން، އިސްވެ ބަޔާންކުރެވުނު ދުސްތޫރީ އަދި ޤާނޫނީ އަސާސްތަކާ ޚިލާފަށް ދައުލަތުގެ އެހެން އެއްވެސް މުއައްސަސާ އަކުން ނުވަތަ ދައުލަތުގެ އެހެން އެއްވެސް ފަރާތަކުން ފަނޑިޔާރުންގެ މަސައްކަތާބެހި، އެ ފަނޑިޔާރުން ޖަވާބުދާރީ ކުރުމުގެ މާނާގައި ނުވަތަ އެ މާނަ ދޭހަވާ ފަދައަކުންވެސް އެއްވެސް ކަމެއް ކުރުމުގެ ބާރު ލިބިދީފައިނުވާ ކަމުގައި ދަންނަވަމެވެ.

އަދި ޤާނޫނުއަސާސީއާއި ހެދިފައިވާ ޤާނޫނުތަކުގެ ބޭރުން އެއްވެސް ފަރާތަކުން ކުރާ އެއްވެސް އަމުރަކަށް އެއްވެސް ފަނޑިޔާރަކު ތަބާވާން ނުޖެހޭކަމާއި، ފަނޑިޔާރުން ޢަމަލުކުރަންވާނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ އިމުގެ ތެރޭގައިކަމަށް ވުމާއެކު، ޝަރުޢީ ކޯޓަކުން ނުވަތަ މިކޮމިޝަނުން ނޫންފަރާތަކަށް ފަނޑިޔާރަކު އޭނާގެ މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުއަދާކުރުމުގައި ދިން ރަޢުޔަކާގުޅިގެން ނުވަތަ ކުރި ޙުކުމަކާގުޅިގެން، ފަނޑިޔާރުންގެ ސުލޫކާގުޅޭގޮތުން ފިޔަވަޅުއެޅުމަށް ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންވެގެންވާ އުޞޫލުން ބޭރުން ފަނޑިޔާރުން ހާޟިރުކޮށް ސުވާލުކުރުމުގެ ބާރު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ހެދިފައިވާ ޤާނޫނުތަކުން ލިބިދީފައި ނުވާ ވާހަކަ ދަންނަވައި، ޤާނޫނުއަސާސީއާއި ޤާނޫނުގެ ޙުކުމް ނެގެހެއްޓުމަށްޓަކައި ދައުލަތުގެ އެންމެހައި މުއައްސަސާތަނުންނާއި، އެންމެހައި ފަރާތްތަކުން މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކޮށް ގޮވާލަމެވެ.