ހއ، އަދި ހދ، އަތޮޅުގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން އެބޭފުޅުންގެ މަސައްކަތައް އަޙުލުވެރިކުރުމުގެ ސެމިނަރއެއް މިއަދު ކުޅުދުއްފުށީގައި ޖުޑީސަލް ސަރވިސް ކޮމިޝަނުން ފަށައިފި

21/6/2012

ހއ، އަދި ހދ، އަތޮޅުގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން އެބޭފުޅުންގެ މަސައްކަތައް އަޙުލުވެރިކުރުމުގެ އެއްދުވަހުގެ ސެމިނަރއެއް މިއަދު ކުޅުދުއްފުށީގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަށައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ކުޅުދުއްފުށީގައި ކުރިއަށްގެންދާ މި ސެމިނަރގައި ހއ، އަދި ހދ، އަތޮޅުގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންގެ ތެރެއިން 18 މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގަންނަވައެވެ. މި ސެމިނަރގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި، ފަނޑިޔާރުންނާ ގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި، ފަނޑިޔާރުން ޝަރީޢަތްކުރުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި އުސޫލުތައް ހިމެނެއެވެ.

މި ސެމިނަރގައި ކަނޑައެޅިފައިވާ މަޢުލޫތަކަށް މެޖިސްޓްރޭޓުންނަށް މަޢުލޫމާތުދެއްވާނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު އަދި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި، ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު އަޙުމަދު ރަޝީދުގެ އިތުރުން ކޮމިޝަންގެ ޑެޕިއުޓީ ލީގަލް އޮފިސަރ އަލްއުސްތާޛު ޢަބްދުލްފައްތާޙު ޢަބްދުލްޣަފޫރެވެ.

މިޓީމުގެ ފަރާތުން ރޭވަނީ ކުޅުދުއްފުށީ ޖަލާލުއްދީން ސުކޫލްގެ ސާނަވީ މަރުޚަލާގައި ކިޔަވަމުންދާ ކުދިންނަށް ފަނޑިޔާރުންގެ މަސައްކަތާއި، ފަނޑިޔާރުން އަދާކުރައްވަމުންގެންދަވާ ދީނީ އަދި ޤައުމީ ވާޖިބާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނާގުޅޭގޮތުން މަޢުލޫމާތު ދީފައެވެ.