ސަނާވީ މަރުޚަލާގައި ކިޔަވައިކުދިންނަށް އަމާޒުކޮށްގެން ފަނޑިޔާރުންގެ މަސައްކަތާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސައްކަތް އަންގައިދިނުމަށް ހޭލުންތެރިކުރުވުގެ ޕްރޮގްރާމެއް މިއަދު ފަށައިފި

29/4/2012

ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިންތިޒާމުކޮށްގެން ފަނޑިޔާރުންގެ މަސައްކަތާއި، ކޮމިޝަންގެ މަސައްކަތް އަންގައިދީ، ހޭލުންތެރިކުރުވުމަށް ސާނަވީ ސުކޫލުތަކުގެ ގްރޭޑް 8،9، އަދި 10 ގެ ކުދިންނަށް އަމާޒުކޮށް، މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މިއަދު ފެށި މި ޕްރޮގްރާމްގައި ދަރުމަވަންތަ ސުކޫލާއި އަމީނިއްޔާ ސުކޫލުގެ ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން ހިންގުނު މިޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ ކުއްލިޔަތު ދިރާސާތުލް އިސްލާމިއްޔާގެ ޑީން ޑރ. އިބްރާހީމް ޒަކަރިއްޔާ މުސާއާއި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބް ހުސައިން ޒަކަރިއްޔާގެ އިތުރުން ކޮމިޝަންގެ ޤާނޫނީ ޓީމުގެ ފަރާތުން އަލްއުސްތާޛު ޢަބްދުލްފައްތާޚް ޢަބްދުލްޣަފޫރާއި، އަލްއުސްތާޛު ޙަސަން ފަހީމް އިބްރާހީމެވެ.

މި ދެސުކޫލުގައި ވަކިވަކިން ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ދަރިވަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވާފައިވަނީ މަޢުލޫމާތު ދެއްވުމަށްވަޑައިގެންނެވި ޓީމުގެ ފަރާތުންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރިއަށް ގެންދާ މިޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ މުޖުތަމަޢުގައި އަމަން އަމާންކަން ގާއިމުކުރުމަށްޓަކައި އިސްލާމްދީނުގައި ފަނޑިޔާރުންނަށް ދީފައިވާ އަހަންމިއްޔަތާއި، ފަނޑިޔާރުންނަށް ޤާނޫނީގޮތުން ދީފައިވާ ހާއްޞަ އަހައްމިއްޔަތު އޮޅުން ފިލުވައިދީ، ފަނޑިޔާރުންނަކީ ދިވެހިރާއްޖޭގައި އުފެދެމުން އަންނަ ޒުވާން ޖީލް އަދަބުއިޙުތިރާމް އަދާކުރާ ބަޔަކަށް ހެދުމެވެ.