ކޮމިޝަންގެ ނާއިބުރައީސްކަމުގެ މަޤާމަށް ކޮމިޝަންގެ މެމްބަރު ޢަބްދުﷲ ދީދީ ހަމަޖައްސަވައިފި

24/4/2012

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ހުސްވެފައިވާ ނާއިބުރައީސްކަމުގެ މަޤާމަށް ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ކޮމިޝަންގެ މެމްބަރުކަމަށް ހަމަޖައްސަވާފައި ހުންނަވާ، ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ހަމަޖައްސަވައިފިއެވެ.

އިއްޔެ ބޭއްވުނު ކޮމިޝަންގެ މިއަހަރުގެ 43 ވަނަ ބައްދަލުމުގައި މި މަޤާމަށް ޢަބްދުﷲ ދީދީ ހޮއްވެވީ، އެމަޤާމަށް ކުރިމަތި ލުމަށް އިއްޔެ ޖަލްސާގައި ފުރުސަތު ހުޅުވާލުމުން، ކޮމިޝަންގެ މެމްބަރު އަލްފާޟިލް ޢަބްދުﷲ ޝާހިދު، ޢަބްދުﷲ ދީދީގެ ނަން ހުށަހަޅުއްވައި، އެނަމަށް ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު މުޙައްމަދު ޝަލީމް (ރޭނިސް ސަލީމް) ތާއިދު ކުރެއްވުމުން، އަދި އެކަމަށް ޢަބްދުﷲދީދީ އިޢުތިރާޒު ނުކުރެއްވުމުން، މެމްބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓުންނެވެ. އެގޮތުން މި ޖަލްސާގައި ޢަބްދުﷲ ދީދީ ކޮމިޝަންގެ ނާއިބުރައީސްކަމުގެ މަޤާމަށް ހޮވިވަޑައިގެންފައިވަނީ، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 07 މެމްބަރުންގެ އިއްތިފާޤުންނެވެ.

އިއްޔެގެ ޖަލްސާގައި ކޮމިޝަންގެ ނާއިބުރައީސްކަމުގެ މަޤާމަށް އިތުރު އެހެން މެމްބަރަކު ކުރިމައްޗެއް ނުލައްވައެވެ. އަދި އިތުރު މެމްބަރެއްގެ ނަމެއް ހުށަހެއްވެސް ނޭޅެއެވެ. ކޮމިޝަންގެ ނާއިބުރައީސްކަމުގެ މަޤާމުގައި ކުރިން ހުންނެވީ، އޭރުގެ ބަންޑާރަނާއިބު އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒެވެ.