ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ކޮމިޝަނުން ގެންދަނީ އަވަސްކަމާއެކު ބަލަމުން

22/1/2012

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅޭ ފަނޑިޔާރުންގެ ޝަކުވާތައް ބެލުމުގައި، ހުށަހެޅޭ ޝަކުވާތައް ވީހާވެސް އަވަހަށް ނިންމައި، ފިޔަވަޅު އެޅުމުގެ ކަންކަން ކޮމިޝަނުން ގެންދަނީ ކުރަމުންނެވެ. އަދި ޚާއްސަކޮށް ކޮމިޝަންގެ ހިންގާ ޤާވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ހުށަހެޅިފައިވާ ޝަކުވާތަކަށް އަވަސް ހައްލެއް ގެނައުމަށްޓަކައި، ކޮންމެ ހަފުތާއެއްގެ ބުދަދުވަހުގެ ޖަލްސާއަކީ މިކަމަށް ޙާއްސަކޮށްގެން ކުރިއަށް ގެންދެވޭ ޖަލްސާއެކެވެ.

އެގޮތުން މިހާތަނަށް ކޮމިޝަނަށް ހުށަހަޅާފައިވާ 336 ޝަކުވާގެ ތެރެއިން 208 ޝަކުވާވަނީ ކޮމިޝަނުން ބަލައި ނިންމާފައެވެ. އަދި މިހާތަނަށް ނުނިމިވާ 128 ޝަކުވާވެސް ނިންމުމަށްޓަކައި، ކޮމިޝަނުން މިހާރުވެސް ބުރަ މަސައަކަތްތަކެއެް ދަނީ ކުރަމުންނެވެ.

ކޮމިޝަނުން މިހާތަނަށް ބެލުނު ޝަކުވާތަކުގެ ތެރެއިން 38 ޝަކުވާއެއް  ވަނީ ތަޙުޤީޤުކުރުމަށް ނިންމާފައެވެ. އަދި މިކަން ހަލުވިކޮށް ކުރިއަށް ގެންދިއުމަށްޓަކައި ތަޙުޤީޤު ކޮމެޓީތަކެއް އެކުލަވާލެވި، އެކޮމެޓީތަކުން ގެންދަނީ މެދުނުކެޑި މަސައްކަތްކުރަމުންނެވެ. މި ކޮމިޝަންގެ ޤާނޫނީ މަސްޢޫލިއްޔަތުގެ ތެރޭގައި ފަނޑިޔާރުންނާ ބެހޭ ޝަކުވާތައް ބެލުން ހިމެނިފައިވުމާއެކު، ފަނޑިޔާރުންގެ ތެރެއިން ކޮމިޝނަށް ޝަކުވާ ހުށަހެޅިފައިވަނީ ހަމައެކަނި ކްރިމިނަލް ކޯޓުގެ އިސްޤާޟީ ގެ މައްޗަކަށް ނޫނެވެ.

ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދާގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތައް ތަޙުޤީޤުކުރުމަށްފަހު، ޤާނޫނުގައިވާގޮތުގެ މަތިން އެފަޑިޔާރަކު ޖަވާބުދާތީވުމުގެ ގޮތުން، ތަޙުޤީޤު ރިޕޯޓް ދިނުމުން، ޤާނޫނުގައި އެކަމަށް ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވުމުގެކުރިން، އެފަނޑިޔާރުވަނީ، އެ މައްސަލަ، ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އަދި މިކަމާގުޅިގެން އެކޯޓުން ވަކިއެއްޗެއް އަންގަންދެން، މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވުމަށް ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުންވަނީ ކޯޓުއަމުރެއް ނެރެފައެވެ.

މިކަމަކީ ސިވިލް ކޯޓުން ކުރިއަށްގެންދެވިދާނެ ކަމެއްކަމަށް ކޮމިޝަނުން ނުދެކޭތީ، މި އަމުރު ބާޠިލްކުރުމަށް، ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައެވެ. މިގޮތުން މި ކޮމިޝަންގެ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، މި މައްސަލައަކީ އިސްތިއުނާފީ މަރުޚަލާގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށް އެކޯޓުން ނިންމަވާފައިވުމާއެކު، މިކަމުގައި އިތުރަށް ކުރިއަށް ދިއުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކޮމިޝަނުން މިހާރުވެސް ގެންދަވަނީ ކުރަމުންނެވެ.

ފަނޑިޔާރުންގެ ޝަކުވާތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، މިކަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ށ) ނާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތާއި ބާރުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ވީ ހިނދު، އެއީ ދިވެހި ސިފައިންނާއި ފުލުހުންނަށް މިދެންނެވި ޤާނޫނީ އަސާސުތަކުގެ މައްޗަށް ބުރަވާއިރު، ޤާނޫނީ އެއްވެސް ހައިސިއްޔަތަކުން ބާރުލިބިދިފައިވާ ކަމެއް ނޫނެވެ.