އާބާދީގައި 500 މީހުން ހަމަނުވާ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ތިއްބެވި މެޖިސްޓްރޭޓުންނަކީ އެ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ ގޮތުގައި އައްޔަންކުރުމަށް ކޮމިޝަނުން ނިންމަވައިފި

22/9/2011

އާބާދީގައި 500 މީހުން ހަމަނުވާ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ތިއްބެވި މެޖިސްޓްރޭޓުންނަކީ އެ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ ގޮތުގައި އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމެވީ ކޯޓްތަކުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް 67 މާއްދާގެ (ނ) ގެ ވާގޮތުން އާބާދީގައި 500 ހަމަނުވާ ރަށްރަށުގައި ތިއްބެވި މެޖިސްޓްރޭޓުން  އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ހަވާލުކުރެވިގެންވާ މެޖިސްޓްރޭޓް، އެމެޖިސްޓްރޭޓް ކޯޓު ނިސްބަތްވާ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ ގޮތުގައި ހަމަޖައްސަވަން ވާނެކަމަށް ބަޔާންކޮށްފައިވާތީއެވެ. އެހެންކަމުން  މި ގޮތުން އައްޔަންކުރައްވާ މެޖިސްޓްރޭޓުން ވަޒީފާ އަދާކުރަމުންދާނީ ކޯޓުތަކުގެ ޤާނޫނު އައިއިރު އެ މެޖިސްޓްރޭޓަކު މަސައްކަތް ކުރަމުންދާ ކޯޓުގައިކަމަށާއި، މިގޮތަށް އުފެދިފައިވާ މަގާމުތައް ދެމިއޮންނާނީ ފަނޑިޔާރުންގެ ޤާނޫނުގައި ފަނޑިޔާރެއްގެ މަޤާމު ހުސްވާނެކަމަށް ބުނާ ހާލަތުންކުރެ ހާލަތެއް ދިމާވެގެން އެ މަޤާމެއް ހުސްވުމާ ހަމަޔަށްކަމާއި، މިގޮތުން 500 މީހުން ހަމަނުވާ ރަށްރަށުގައި ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ ގޮތުގައި ހަމަޖައްސާ މެޖިސްޓްރޭޓުންނަށް އޮޓޮމިޓިކުން ކޯޓުގެ އިސް މެޖިސްޓްރޭޓުންގެ މަޤާމެއް ހަމައެއް ނުޖެއްސޭނެކަމަށާއި، އަދި  އެމީހުން ހަމަޖެހިގެންދާނީ އެ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ ގޮތުގައިކަމަށް ކޮމިޝަނުން ނިންމިއެވެ.