ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ޝޯޓްލިސްޓްކުރެވުނު ބޭފުޅުންނާ އިންޓަވިއުކުރުން އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ބާއްވާ ގޮތައް ހަމަޖައްސައިފި

29/8/2011

ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ޝޯޓްލިސްޓްކުރެވުނު ބޭފުޅުންނާ އިންޓަވިއުކުރުން އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ބާއްވާ ގޮތައް ހަމަޖައްސައިފިއެވެ.

ސުޕްރީއާ ކޯޓްތަކަށް ފަނޑިޔާރުން ނެގުމަށް އެކުލައްވާލާފައިވާ ޕެނަލުން ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ މަޢުލޫމާތު ސާފުކޮށް، ޝަރުތު ފުރިހަމަވާކަމަށް ޕެނަލަށް ފެނިވަޑައިގެންނެވި 39 ބޭފުޅުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވިފައިވަނީ އެންމެ މަތިން މާކްސް ހޯއްދެވި ބޭފުޅުންނެވެ. މިގޮތުން 17 ފަރާތަކާއި އިންޓަވިއުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެބޭފުޅުންނާއި އިންޓަވިއުކުރުމަށް ހަމަޖެހިފައިވާ ގަޑިތަކާއި، އިންޓަވިއުއަށް ބޭފުޅުން ހާޒިރުވާންޖެހޭ ތަރުރީބު 4 ސެޕްޓެމްބަރ 2011 ވަނަ ދުވަހުން ފެށިގެން އަންގަމުން ގެންދާ ގޮތަށް ވަނީ ޕެނަލުން ނިންމާފައެވެ. އަދި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ އިންޓަވިއުއަށް ނުހޮވުނު ބޭފުޅުންނާއި، ޝަރުތު ހަމަނުވާ ބޭފުޅުންނަށްވެސް އެކަން ލިޔުމުން އަންގާގޮތަށް ޕެނަލުންވަނީ ނިންމާފައެވެ.

ސުޕީރިޔާ ކޯޓުތަކުގެ ތެރެއިން ފަނޑިޔާރުން ނެގުމަށް ހަމަޖެހިފައިވަނީ ސިވިލްކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށެވެ. މި ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ކޯޓަކަށް 02 ފަނޑިޔާރުންނެވެ. އަދި ފެމެލީ ކޯޓަށް ނެގުމަށް ހަމަޖެހިފައިވަނީ 03 ފަނޑިޔާރުންނެވެ.

ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން ނެގުމުގައި ޢަމަލުކުރާނެ ޤަވާއިދު މިކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv އިން ލިބިވަޑައި ގަންނަވާނެއެވެ.