ފަނޑިޔާރުންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް އަވަހަށް ނިންމުމަށްޓަކައި ގެނެވުނު ބަދަލާއެކު، ކޮމިޝަނަށް ހުށަހެޅޭ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ހެޔޮބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭ

23/8/2011

ފަނޑިޔާރުންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް އަވަހަށް ނިންމުމަށްޓަކައި ގެނެވުނު ބަދަލާއެކު، ކޮމިޝަނަށް ހުށަހެޅޭ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ހެޔޮބަދަލުތަކެއް އަންނަކަން ފާހަގަކުރެވެއެވެ.

އެގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ އަދި ހުށަހެޅޭ ޝަކުވާތައް އަވަހަށް ނިންމުމަށްޓަކައި، ކޮމިޝަންގެ ހިންގާ ޤަވާއިދަށް 2011 މެއި 01 ވަނަ ދުވަހު ޢަމަލުކުރަން ފެށުމާގުޅިގެން ޝަކުވާކޮމެޓީ އުވާލައި، ކޮމިޝަންގެ ކޮންޕްލެއިންސް ޝެކްޝަނުން މައްސަލަތައް ދިރާސާކޮށް، މި ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ވަނީ 27 މައްސަލަ ދިރާސާކޮށް ރިޕޯޓް ކޮމިޝަނަށް ހުށަހަޅާފައެވެ. އަދި ކޮމިޝަނުން އެރިޕޯޓްތައް ބެއްލެވުމަށްފަހު، މި މުއްދަތުގެ ތެރޭގައި 23 ޝަކުވާއަކަށްވަނީ ކޮމިޝަނުން ގޮތެއް ނިންމަވާފައެވެ.  މީގެ ތެރޭގައި ތަޙުޤީގު ކުރަންޖެހޭ ކަމަށް ކޮމިޝަނުން ނިންމާފައިވަނީ 4 ޝަކުވާއެކެވެ.

2011 މެއި 01 ވަނަ ދުވަހު ކޮމިޝަންގެ ހިންގާ ޤަވާއިދަށް ޢަމަލުކުރަން ފެށިއިރު ކޮމިޝަނަށް ހުށަހެޅި ނުނިމިވާ 177 ޝަކުވާގެ ތެރެއިން މިހާރު ނުނިމިވަނީ 154 ޝަކުވާއެވެ. ހުށަހެޅި ނުނިމިވާ ޝަކުވާތައް އަވަހަށް ނިންމުމަށްޓަކައި ކޮމިޝަންގެ ކޮންޕްލެއިންސް ސެކްޝަނުން ދިރާސާކޮށް، ކޮންމެ ހަފުތާއަކު ކޮމިޝަނަށް 10 ޝަކުވާގެ ރިޕޯޓް ގެންދަނީ ހުށަހަޅަމުންނެވެ. އެރިޕޯޓްތައް ދިރާސާކޮށް ބެއްލެވުމަށްފަހު ފިޔަވަޅު އެޅުމަށް ކޮމިޝަނުންވަނީ ކޮންމެ ހަފުތާއަކު އެއްދުވަހުގެ ޖަލްސާ ޙާއްސަ ކޮށްފައެވެ. މިބަދަލާއެކު އަދިވެސް ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދަނީ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމުގެ މަސައްކަތް އިތުރަށް އަވަސްކޮށް، ހަލުވިކުރުމަށެވެ.