ސުޕީރިޔާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރުމުގައި ޢަމަލުކުރާނެ ޤަވާއިދެއް އެކުލަވާލައި، އެކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އިޢުލާންކޮށްފި

6/7/2011

ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގައި ފަނޑިޔާރުން މަދުވުމާއި ގުޅިގެން ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން ސުޕީރިއާ ކޯޓުތަކަށާއި މެޖިސްޓްރޭޓް ކޯޓްތަކަށް ބޭނުންވާ ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން އެކުލަވާލާފައިވާ ޕެނަލުން ސުޕީރިޔާ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމުގައި ޢަމަލުކުރާނެ ޤަވާއިދެއް ކަނޑައަޅާ ފަނޑިޔާރުން ހޯދުމަށް އިޢުލާން ކޮށްފިއެވެ.

އެގޮތުން ފަނޑިޔާރުން ހޯދުމަށް އިޢުލާން ކޮށްފައިވަނީ ސުޕީރިޔާ ކޯޓުތަކުގެ ތެރެއިން ސިވިލްކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށެވެ. މި ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ކޯޓަށް 02 ފަނޑިޔާރުންނެވެ. އަދި ފެމެލީ ކޯޓަށް ނެގުމަށް ހަމަޖެހިފައިވަނީ 03 ފަނޑިޔާރުންނެވެ.

ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން ނެގުމުގައި ކޮމިޝަނުން އެކުލަވާލާފައިވާ ޕެނަލުން މަޝްވަރާކުރުމަށްފަހު، ސުޕްރީމް ކޯޓުން ހުށަހަޅާފައިވާ ހުށަހެޅުމާއި، އަދި ކޮމިޝަނުގައި ހުރި މަޢުލޫމާތަށް ރިޢާޔަތްކުރުމަށްފަހު، މިހާރުން މިހާރަށް މި ތިންކޯޓަށް ފަނޑިޔާރުން ބޭނުންވާކަމަށް ފެންނާތީ، އެގޮތުން، މިވަގުތު ކޯޓުގެ ޖާގައަށާއި، ބަޖެޓަށް ބެލުމަށްފަހު، މިވަގުތަށް މި އަދަދަށް ފަނޑިޔާރުން ހޯދުމަށް ނިންމެވީއެވެ.
ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން ނެގުމަށް ކޮށްފައިވާ އިޢުލާނާއި ފަނޑިޔާރުން ނެގުމުގައި ޢަމަލުކުރާނެ ޤަވާއިދާއި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމަށް އެދޭ ފޯމު މިކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv އިން ލިބިވަޑައި ގަންނަވާނެއެވެ.