ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން، މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ކަނޑައެޅުމުގައި ޢަމަލުކުރާނެ އުސޫލު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފާސްކުރައްވައިފި

4/7/2011

ދިވެހިރާއްޖޭ ކޯޓުތަކުގެ ޤާނޫނުގެ ދަށުން، ޖުޑީޝަލް ދާއިރާތަކަށް މެޖިސްޓްރޭޓުން ހަމަޖެއްސުމާއި މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުންގެ އަދަދު ކަނޑައަޅެމުގައި ބަލަންވާނެ އުސޫލެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން 3 ޖުލައި 2011 ވަނަދުވަހުގެ ރޭ ބޭއްވި ކޮމިޝަންގެ މިއަހަރުގެ 75 ވަނަ ޖަލްސާއިން ފާސްކުރައްވާފިއެވެ.

މި ފާސްކުރެވުނު އުސޫލުގައި ވާގޮތުން މެޖިސްޓްރޭޓުންގެ އަދަދު ފެށިގެން އަންނަނީ އާބާދީގައި 500 ހަމަވުމުންނެވެ. ކޯޓުތަކުގެ ޤާނޫނުގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާބާދީގައި 500 މީހުން ހަމަވުމުން އެރަށެއްގައި ޤާއިމުވެ ހުންނަ މެޖިސްޓްރޭޓަކު ހުންނަން ޖެހެއެވެ. އަދި އާބާދީގައި 500 ހަމަ ނުވާރަށްރަށުގައި މެޖިސްޓްރޭޓް ކޯޓުތަކުގެ މަސައްކަތް ހަވާލުވެފައިވާ އެދާއިރާގެ މެޖިސްޓްރޭޓަކު ހުންނަން ޖެހެއެވެ. އެގޮތުން މެޖިސްޓްރޭޓް ކޯޓަކަށް މެޖިސްޓްރޭޓަކު ކަނޑައެޅުމުގައި ކޮމިޝަނުން ބަލާފައިވާ ބޭސްލައިނަކީ ހުށަހެޅޭ މައްސަލައިގެ އަދަދު 0 އާއި 120 ދެމެދު ހުރުމާއެކު އާބާދީގައި 500 އާއި 2500 ދެމެދު ހުރުމާއެކު އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ބަދަލުވާ ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ހުސް މަޤާމެއް ނެތުމެވެ.

މި އަސާސުގެ މައްޗަށް ބިނާކޮށް ދެމެޖިސްޓްރޭޓުން ނުވަތަ އެއަށް ވުރެ ގިނަ މެޖިސްޓްރޭޓުން މެޖިސްޓްރޭޓް ކޯޓަކަށް އައްޔަނުކުރެވޭނީ ނުވަތަ މަޤާމު އުފެއްދޭނީ ހުށަހަޅާ މައްސަލަތަކާއި އާބާދީގެ ބޭސްލައިން ނިސްބަތުން ތިންގުނައަށް އިތުރުވަމުންދިއުމާއެކު، އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ބަދަލުވާ ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ހުސް މަޤާމެއް ނެތުމުންނެވެ.

އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އެއްފަސްކޮށްފައިވާ ރަށްރަށުގައި ތިއްބެވި މެޖިސްޓްރޭޓުންނާމެދު ޢަމަލުކުރާނެ އުސޫލެއް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ކަނޑައަޅާފައިނުވި ނަމަވެސް، އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އެއްކޮށްލާފައިވާ ރަށްރަށުގައި ސަރުކާރުގެ އެހެން އިދާރާތަކުގެ މަގާމުތައްވެސް އެރަށެއްގައި ހުންނަ އެފަދަ އިދާރީ މަގާމުތަކަށް ހަމަޖައްސަވާ އުސޫލުން ޖުޑީޝަލްދާއިރާގެ މެޖިސްޓްރޭޓުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެ ބަދަލުވާ ރަށުގައި ހުންނަ މެޖިސްޓްރޭޓް ކޯޓުގައި ހުސް މަޤާމެއް ނެތްނަމަ މަޤާމު އުފައްދައި އެ ކޯޓެއްގެ މެޖިސްޓްރޭޓުންގެ ގޮތުގައި ހަމަޖެއްސެވިނަމަވެސް، އެކޯޓުގެ މެޖިސްޓްރޭޓުންގެ ތެރެއިން އެއްވެސް ބޭފުޅަކު ވަޒީފާއިން ވަކިވުން، ވަކިކުރުން، މުސްކުޅިކުރުން، ނިޔާވުން ނުވަތަ އެހެން ހާލަތެއް ދިމާވެގެން ނަމަވެސް، މަޤާމު ހުސްވެއްޖެނަމަ އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އުފައްދާފައިވާ މަޤާމު އުވިގެންދާނެއެވެ. އަދި އެކޯޓަކަށް މެޖިސްޓްރޭޓެއްގެ މަޤާމު ދެން އިތުރު ކުރާނީ ކޮމިޝަނުން ފާސްކޮށްފައިވާ އުސޫލުގައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ހަމަވާނަމައެވެ.

އެގޮތުން ފާސްކުރެވުނު މި އުސޫލުގައި ވާގޮތުން ކޮންމެ ޖުޑީޝަލް ދާއިރާއެއްގެވެސް ވެރިކަން ކުރާރަށުގައި ހުންނަ މެޖިސްޓްރޭޓް ކޯޓަކީ އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިތުރަށް އެ ދާއިރާއެއްގައި ހިމެނޭ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ސަލާމާއި ޗުއްޓީ އަދި ޙާޟިރީގެ ކަންތައްތައް ބެލެހެއްޓުމުގެ އިތުރުން މުއްދަތު އިތުރުކުރުމުގެ މައްސަލަތަކާއި އެގްރިމެންޓްގެ މައްސަލަތައް އެ އަތޮޅުގެ އެހެން ކޯޓުތަކަށްވުރެ ގިނައިން ހުށަހެޅޭ ކޯޓުތަކަށްވުމާއެކު މިކަންކަމަކީ ޢާއްމު ފަރާތްތަކާ ގުޅުންހުރި ކަންތައްތައް ކަމަށްވުމުން، އެ ދާއިރާއެއްގެ ދާއިރާ އިސްމެޖިސްޓްރޭޓް ޗުއްޓީ ނެގުމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އެހެން ކޯޓަކުން އެކޯޓަށް މެޖިސްޓްރޭޓަކު ގެނައުމުން އެގެންނަ މެޖިސްޓްރޭޓަކު ހަވާލުވެ ހުންނަ ދާއިރާގެ މައްސަލަތައް ބެލުމުގައިވެސް ދަތިތަކެއް ކުރިމަތިވާނެތީ  ޖުޑީޝަލް ދާއިރާގެ ވެރިކަން ކުރާ ރަށުގައި ހުންނަ ކޯޓުތަކުގެ ތެރެއިން ހުށަހެޅޭ މައްސަލައާއި އާބާދީއަށް ބަލާއިރު ހަމަޖެއްސި އުސޫލުގެ ދަށުން 2 މަގާމު އުފެދިފައިނެތް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ މަޤާމުގެ ޢަދަދަކީ 2 ކަމުގައި ކަނޑައެޅުއްވިއެވެ.

އުސޫލުގައިވާ ގޮތަށް މެޖިސްޓްރޭޓް ކޯޓުގެ މަޤާމްތަކަށް ބޭފުޅުން ހަމަޖެއްސުމުން 3 އަތޮޅަކުން ކޮންމެ އަތޮޅަކުން 1 މެޖިސްޓްރޭޓްގެ މަޤާމު އުނިވުމުގެ ސަބަބުން ވަޒީފާގައި ތިބެން ބޭނުންނަމަ އެ ތިން މެޖިސްޓްރޭޓުންނަށް އެހެން އަތޮޅަކަށް ދާންޖެހޭނެތީ، އެއީ ޚާއްސަ ޙާލަތެއް ކަމަށްބަލައި، އެތިން މެޖިސްޓްރޭޓުން އަތޮޅުން ބޭރަށް ދާންނުޖެހޭނެ ގޮތަކަށް އެ އަތޮޅުގެ ރަށްތަކުގެ ކޯޓުތަކުގެ ތެރެއިން އާބާދީ އެންމެ ބޮޑު އަދި އެންމެ ގިނައިން މައްސަލަ ހުށަހެޅޭ ކޯޓުތަކުގެ ތެރެއިން އެންމެ ބޭނުންތެރިކަމަށް ކޮމިޝަނަށް ފެނިވަޑައިގަންނަވާ ކޯޓެއްގައި އެ މެޖިސްޓްރޭޓުންނަށް މަޤާމެއް އުފެއްދުމަށް ވަނީ ނިންމަވާފައެވެ.

އެގޮތަށް އެމަޤާމުތައް އުފައްދާ ކޯޓުތަކުގައި ތިބި މެޖިސްޓްރޭޓުންގެ ތެރެއިން އެއްވެސް މެޖިސްޓްރޭޓެއް މުސްކުޅިކުރައްވައިގެން ނުވަތަ ނިޔާވެގެން ނުވަތަ މަޤާމުން ވަކިކުރައްވައިގެން ނަމަވެސް އެމަޤާމު ހުސްވެއްޖެނަމަ އިތުރަށް އެކޯޓުގައި އެ މަގާމު ދަމަހައްޓާނީ އުސޫލުގައި ކަނޑައަޅާފައިވާ ޝަތުރުތައް އެ ރަށެއްގައި ހަމަވާނަމައެވެ. މި ހާއްސާ ހާލަތު މެދުވެރިވާ ތިންއަތޮޅަކީ ވ، ފ އަދި ޏ އަތޮޅުގައެވެ.

މިހާރު ރާއްޖޭގައި ހުރި 193 މެޖިސްޓްރޭޓް ކޯޓުގައި އުފެދިފައިވާ މަޤާމުތަކުގެ އަދަދަކީ 214 އެވެ.

193 ކޯޓު ރާއްޖޭގައި ހުރިނަމަވެސް ކޮމިޝަނުން ފާސްކޮށްފައިވާ އުސޫލުން 206 މެޖިސްޓްރޭޓުންގެ މަޤާމު އާ އޮނިގަނޑުގައި އުފެދެނީ އާބަދީގައި 500 ހަމަވާ ރަށްރަށުގައި ހުރި 168 ކޯޓުގައެވެ. މިއީ ކުރީގެ މަޤާމުތަކާއި އަޅާބަލާއިރު  8 މަޤާމު ދަށް އަދަދެކެވެ.

މިހާރު ތިބީ 157 މެޖިސްޓްރޭޓުން ކަމަށްވުމުން އާ އޮނިގަނޑުގެ ދަށުން އިތުރަށް ބޭނުންވަނީ  49 މެޖިސްޓްރޭޓުންނެވެ.

އާބާދީގައި 500 ހަމަނުވާ 25 ރަށުގައި ހުރި މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން މެޖިސްޓްރޭޓުން ތިބީ 14 ކޯޓެއްގައެވެ.

އަދި މިއުސޫލުގެ ދަށުން މެޖިސްޓްރޭޓު ކޯޓުތަކަށް މަޤާމު އުފެއްދުމަށް ފުރުސަތު އޮތްނަމަވެސް މެޖިސްޓްރޭޓު ކޯޓުތަކަށް މެޖިސްޓްރޭޓުން އިތުރުކުރާނީ ރާއްޖޭގެ އިޤުތިސާދަށާއި އެރަށެއްގެ ކުށުގެ ވެއްޓަށާއި އެނޫންވެސް ކަންކަމަށް ކޮމިޝަނުން ރިޢާޔަތްކޮށްގެންނެވެ.

މި އުސޫލުގައި ވާގޮތުގެ މަތިން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަންފެށިއިރު އެއްފަސްގަނޑުގެ ގޮތުގައި ހުރި ރަށްރަށުގައި އަވަށްތަކުގައި ހިންގަމުން އައި ކޯޓުތަކާއި ސެކްޝަންތައް އެގޮތުގައި ހިނގަމުންދާނެއެވެ.

މި ޚަބަރާ ގުޅޭ އިތުރު މަޢުލޫމާތު ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv އިން ލިބިވަޑައި ގަންނަވާނެއެވެ.

މެޖިސްޓްރޭޓުން ކަނޑައެޅުމުގައި ބަލާނެ މިންގަނޑު

ކެޓަގަރީ މެޖިސްޓްރޭޓުންގެ އަދަދު ޝަރުޠުތައް ބޭސިސް
1 0 –      500 އާބާދީ ހަމަނުވާ
2 1 –      މައްސަލައިގެ އަދަދު 0 އާއި 120 އާ ދެމެދު

–      އާބާދީގައި 500 އާއި 2500 ދެމެދު

–      އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ބަދަލުވާ ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ހުސް މަޤާމެއް ނެތުން

–   މައްސަލައިގެ ނިސްބަތް ބެލުމުގައި ބެލި ބޭސްލައިނަކީ 120

–   އާބާދީގެ ބޭސްލައިނަކީ 2500

3 2 –      މައްސަލައިގެ އަދަދު 121 އާއި 360 އާ ދެމެދު

–      އަބާދީ 2501 އާއި 7500 ދެމެދު

–      ދާއިރާގެ އިސްމެޖިސްޓްރޭޓް ހުންނަ ކޯޓުގައި އުޞޫލުގެ ދަށުން 2 މަޤާމު އުފެދިފައިނުވުން.

–      އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ބަދަލުވާ ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ހުސް މަޤާމެއް ނެތުން

–       120X  3

–       2500X  3

4 3 –      މައްސަލައިގެ އަދަދު 361 އާއި 720 އާ ދެމެދު

–      އަބާދީ 7501 އާއި 15000 ދެމެދު

–      އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ބަދަލުވާ ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ހުސް މަޤާމެއް ނެތުން

–       120X  6

–       2500X  6

5 4 –      މައްސަލައިގެ އަދަދު 721 އާއި 1080 އާ ދެމެދު

–      އަބާދީ 15001 އާއި 22500 ދެމެދު

–      އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ބަދަލުވާ ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ހުސް މަޤާމެއް ނެތުން

–       120X  9

–       2500X  9

6 5 –      މައްސަލައިގެ އަދަދު 1081 އާއި 1440 އާ ދެމެދު

–      އަބާދީ 22501 އާއި 30000 ދެމެދު

–      އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ބަދަލުވާ ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ހުސް މަޤާމެއް ނެތުން

–       120X  12

–       2500X  12

ޖުޑީޝަލް ދާއިރާތަކުގެ ވެރިކަންކުރާ ރަށުގައި ހުންނަ މެޖިސްޓްރޭޓް ކޯޓުގައި 2 މެޖިސްޓްރޭޓްގެ މަގާމު އުފެއްދުން

–          ޝަރުޠުތަކުގެ ތެރެއަށް ޖުޑީޝަލް ދާއިރާގެ ވެރިކަންކުރާ ރަށުގައި ހުންނަ މެޖިސްޓްރޭޓް ކޯޓަށް 2 މެޖިސްޓްރޭޓްގެ މަގާމު އުފެއްދުމަށް ނިންމެވީ، ކޮންމެ ޖުޑީޝަލް ދާއިރާއެއްގެވެސް ވެރިކަން ކުރާރަށުގައި ހުންނަ ކޯޓަކީ އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިތުރަށް އެ ދާއިރާއެއްގައި ހިމެނޭ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ ދާއިރާތައް ހަވާލުކުރުމާއި އެ ޖުޑީޝަލް ދާއިރާއެއްގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ސަލާމާއި ޗުއްޓީ އަދި ޙާޟިރީގެ ކަންތައްތައް ބެލެހެއްޓެމުގެ އިތުރުން ދާއިރާ އިސްމެޖިސްޓްރޭޓް ޗުއްޓީ ނަގައިފިނަމަ ދެން އެކޯޓުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް އަތޮޅުގެ އެހެން ކޯޓަކުން އެކޯޓަށް މެޖިސްޓްރޭޓަކު ގެނައުމުން އެގެންނަ މެޖިސްޓްރޭޓަކު ހަވާލުވެ ހުންނަ ދާއިރާގެ މައްސަލަތައް ބެލުމުގައިވެސް ދަތިތަކެއް ކުރިމަތިވާނެތީއެވެ.

އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ބަދަލުވާ ރަށުގައި މަޤާމު އުފެއްދުން

–          އެއްފަސްކުރާ ރަށުގައި އިތުރު މެޖިސްޓްރޭޓެއްގެ މަގާމު ނެތްނަމަ އިސްތިސްނާ ހާލަތެއްގެ ގޮތުގައި ބަދަލުވާ ރަށުގައި އެބޭފުޅަކަށް މަގާމު އުފެއްދުމަށް ނިންމެވި ނަމަވެސް، އެކޯޓުގެ މެޖިސްޓްރޭޓުންގެ ތެރެއިން އެއްވެސް ބޭފުޅަކު މުސްކުޅިކުރެއްވުން، ނިޔާވުން ނުވަަތަ އެހެން ހާލަތެއް ދިމާވެގެން ނަމަވެސް، މަގާމު ހުސްވެއްޖެ ހާލަތެއްގައި އޮނިގަނޑުގައި ބަލާފައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ހަމަނުވާނަމަ އެމަގާމު އުވާލުން.