ސުޕީރިއާ ކޯޓުތަކާ، މެޖިސްޓްރޭޓް ކޯޓުތަކުގައި ފަނޑިޔާރުން މަދުވުމާއި ގުޅިގެން ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން އެކޯޓުތަކަށް ފަނޑިޔާރުން ނެގުމުގެ މަސައްކަތް ކުރުމަށް ކޮމިޝަނުން ޕެނަލެއް އެލުލަވައިލައްވައިފި

2/7/2011

ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގައި ފަނޑިޔާރުން މަދުވުމާއި ގުޅިގެން ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން ސުޕްރީމްކޯޓުން ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށާއި ކޮމިޝަންގައި ހުރި މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، ސުޕީރިއާ ކޯޓުތަކަށާއި މެޖިސްޓްރޭޓް ކޯޓްތަކަށް ބޭނުންވާ ފަނޑިޔާރުން ހޯދުމަށް އިޢުލާންކޮށް، އެކަމަށް ކުރިމަތިލާފަރާތްތަކާ އިންޓަވިއުކުރުމާއި، އައްޔަނުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ޕެނަލެއް އެކުލަވާލެއްވިއެވެ.
2011 ޖޫން 30 ވަނަ ދުވަހު ބޭއްވެވި ކޮމިޝަންގެ ޖަލްސާގައި މިކަމާމެދު މެމްބަރުން ބަހުސްކުރެއްވުމަށްފަހު، އެކުލަވާލެއްވި ޕެނަލުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ، ކޮމިޝަންގެ މެމްބަރު އަލްފާޟިލް ޤާސިމް އިބްރާހީމް، ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު ޢަބްދުﷲ ދީދީ، ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު ޢަބުދުﷲ މުޢިއްޒު، ކޮމިޝަންގެ މެމްބަރު އައްޝައިޚް ޝުޢައިބު ޢަބްދުރަޙުމާން އަދި ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު އަޙްމަދު ރަޝީދެވެ.
އެގޮތުން އެކުލަވާލި މި ޕެނަލުން ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ނެގުމުގެ އިތުރުން ކޯޓުތަކުގެ ޤާނޫނުގެ 54 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސުޕްރީއާ ކޯޓުތަގައި ތިބޭނެ ފަނޑިޔާރުންގެ އަދަދު ކަނޑައަޅައި ރިޕޯޓެއް ކޮމިޝަނަށް ހުށަހެޅުމަށާއި އަދި މި ދެ މަސައްކަތްވެސް 2011 އޯގަސްޓް 15 ގެ ކުރިން ނިންމައި ކޮމިޝަނަށް ހުށަހެޅުމަށް ވަނީ ނިންމަވާފައެވެ.