ފަނޑިޔާރުންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތައް އަވަހަށް ބަލައި ނިންމުމަށް ގޮތްތަކެއް ކަނޑައަޅުއްވައިފި

10/5/2011

2011 މެއި 01 ވަނަ ދުވަހުން ފެށިގެން ކޮމިޝަންގެ ހިންގާ ގަވާއިދަށް ޢަމަލުކުރަން ފެށިމާއެކު، ކޮމިޝަނަށް މިހާތަނަށް ހުށަހެޅިފައިވާ ޝަކުވާތަކާ އަދި ހުށަހެޅޭ ޝަކުވާތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ލީގަލް ސެކްޝަނުން ދިރާސާކޮށް، ހަފުތާއަކު މަދުވެގެން 10 ޝަކުވާ ކޮމިޝަނަށް ހުށަހެޅުމަށް ކޮމިޝަންގެ 56 ވަނަ ބައްދަލުވުމުން ނިންމަވައިފިއެވެ.

މިގޮތަށް ކޮމިޝަނުން ނިންމެވީ 2011 މެއި 09 ވަނަ ދުވަހު ބޭއްވުނު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޖަލްސާގައި، މެމްބަރުން ބަހުސްކުރެއްވުމަށްފަހު، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެގޮތުގައި ކޮމިޝަނަށް ހުށަހެޅޭ  އަދި ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކޮށް އެފަދަ ޝަކުވާތަކަށް އަވަސް ހައްލެއް ގެނައުމަށްޓަކައެވެ. މިގޮތަށް ޝަކުވާބެލުމަށް ހިންގާ ގަވާއިދުގައި އުސޫލުތަކެއް ކަނޑައެޅިފައިވާތީ، ޝަކުވާބެލުމަށް ކުރިން ކޮމިޝަނުން އެކުލަވާލައިފައިވާ ޝަކުވާކޮމެޓީ ވަނީ އުވާލާފައެވެ.

ކޮމިޝަންގެ މިޖަލްސާގައި ކޮމިޝަނަށް މިހާތަނަށް ހުށަހެޅިފައިވާ ޝަކުވާތަކާ އަދި ހުށަހެޅޭ ޝަކުވާތައް ލީގަލް ސެކްޝަނުން ދިރާސާކޮށް، ކޮމިޝަނަށް ހުށަހަޅަމުން ގެންދިއުމުގައި މެމްބަރުންގެ ފަރާތްޕުޅުން، މިކަމުގައި ލީގަލް ބޭފުޅުންނަށް އެހީތެރިވުމަށް ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ހަމަޖެއްސެވިއެވެ. އަދި މި މަސައްކަތް ހަލުވިކޮށް ކުރިއަށް ގެންދިއުމަށްޓަކައި މި މޭމަހު ކޮމިޝަންގެ ރަސްމީ ޖަލްސާތައް ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ، އަދި ބުރާސްފަތި ދުވަހު ބޭއްވުމަށާއި މިގޮތަށް ކުރިއަށްގެންދިއުމުގައި ބުދަދުވަހަކީ ފަނޑިޔާރުންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކަށް ގޮތެއް ނިންމުމަށް ޚާއްޞަ ކުރެވިފައިވާ ދުވަސްކަމުގައި ހަމަޖެއްސުމަށްވެސް މި ޖަލްސާގައިވަނީ ނިންމަވާފައެވެ.