ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި އަލްއުސްތާޛު އަޙްމަދު ޝަރީފަށް މަޤާމުގެ ފަތްކޮޅު އަރުއްވައިފި

28/4/2011

ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް ކޮމިޝަނުން ޢައްޔަނުކުރެއްވި އަލްއުސްތާޛު އަޙްމަދު ޝަރީފަށް މަޤާމުގެ ފަތްކޮޅު އަރުވައިފިއެވެ. މިކަމަށްޓަކައި  މިއަދު (28 އޭޕްރީލް 2011) ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކޮމިޝަނުން އައްޔަންކުރައްވާފައިވާ އަލްއުސްތާޛު އަޙްމަދު ޝަރީފަށް ފަތްކޮޅު އެރުވީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ޤާނޫނީ ނިޒާމަށް އަންނަމުންދާ ހެޔޮބަދަލުތަކާއެކުގައި، ހައިކޯޓުގެ ބެންޗު ހަމަވެ، ޤާނޫނުގައި ބުނެފައިވާ ފަދައިން އެކޯޓަށް އިސްފަނޑިޔާރަކު އައްޔަންކުރެވުމުން، ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިވަޑައިގަންނަވާކަމަށާއި، މިބަދަލާއެކު، ހައިކޯޓަކީ މިހާރަށްވުރެވެސްް ބޮޑަށް ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެއްދެވުމަށާއި، ރައްޔިތުންގެ ޙައްޤުތައް ހޯއްދަވައިދެއްވުމުގައި، އިންޞާފުވެރިކަމާ، ތެދުވެރިކަމާ އިޙުލާސްތެރިކަމާއެކު، މަސައްކަތްޕުޅު ކޮށްދެއްވުމަށް އެދިވަޑައި ގެންނެވިއެވެ. އަދި އިސްފަނޑިޔާރެއްގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތައް ފުރިހަމައަށް އަދާކުރެއްވުމަށާއި، ހަލުވިކަމާއެކު ހައިކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ހައިކޯޓުގެ ބައެއް ފަނޑިޔާރުންނާއި، ކޮމިޝަންގެ ބައެއް މެމްބަރުނާއި ކޮމިޝަންގެ އިދާރީ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.