ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު އަޙްމަދު ޝަރީފް ހަމަޖައްސަވައިފި

26/4/2011

ޖުޑީޝަލް ސަރވިސް ކޮމިޝަނުން 26 އެޕްރީލް 2011 ވަނަ ދުވަހުގެ ރޭ (މިރޭ) ބޭއްވި ކޮމިޝަންގެ 54 ވަނަ ޖަލްސާއިން ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަޙުމަދު ޝަރީފު ހޮއްވަވާފިއެވެ.

އެމަޤާމަށް އަލްއުސްތާޛު އަޙުމަދު ޝަރީފު ހޮއްވެވީ މިކަމަށްޓަކައި ކޮމިޝަންގައި ބޭއްވި ޖަލްސާގައި، ހައިކޯޓުގެ އިސްފަނޑިޔާރަކު ނެގުމަށް އެކުލަވާލި ކޮމެޓީން ހުށަހެޅުއްވި ރިޕޯޓުގެ މައްޗަށް ބަލައި، އެރިޕޯޓުގައިވާ ގޮތުގެމަތިން މެމްބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުންނެވެ.

އެގޮތުން ކޮމިޝަންގެ މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 08 މެމްބަރުންގެ ތެރެއިން، މި މަޤާމަށް ކުރިމަތި ލެއްވި ހައިކޯޓުގެ ދެ ފަނޑިޔާރުންގެ ތެރެއިން އަލްއުސްތާޛު އަޙުމަދު ޝަރީފަށް ލިބިވަޑައިގެންނެވީ 06 ވޯޓެވެ. އަދި އަލްއުސްތާޛު އަބްދުލްޣަނީ މުޙަންމަދަށް ލިބިވަޑައިގެންނެވީ 02 ވޯޓެވެ.