މެޖިސްޓްރޭޓް އަލްއުސްތާޛު ޝުޖާޢު އުޘްމާން އދ. އަތޮޅުގެ ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ހަމަޖެއްސުމަށާއި ކްރިމިނަލްކޯޓުގެ ގާޟީ އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން ސިވިލްކޯޓަށް ބަދަލުވުމަށް ކޮމިޝަނުން ނިންމައިފި

4/4/2011

ގއ. ވިލިނގިލީ ހިލިހިލާއާގޭ އަލްއުސްތާޛު ޝުޖާޢު އުޘްމާން އދ. އަތޮޅުގެ ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ހަމަޖެއްސުމަށް ކޮމިޝަނުން ނިންމަވައިފިއެވެ. މިގޮތަށް ކޮމިޝަނުން ނިންމެވީ 3 އެޕްރީލް 2011 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ ޖަލްސާއަށް އަލްއުސްތާޛު ޝުޖާޢު އުޘްމާންގެ ވަޒީފާއާގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލާގައި، ވަޒީފާއާބެހޭ ކޮމިޓީގެ ނިންމުމަށް ރިޢާޔަތްކުރުމަށްފަހު، އެނިންމުމުގައިވާ ފަދައިން އަލްއުސްތާޛު ޝުޖާއު އުޘްމާން ކުރިންހުންނެވި ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމުގައި އެހެންބޭފުޅަކު މިހާރު ހުންނެވުމާއެކު، އެންމެ ބޮޑަށް މިވަގުތަށް އިސްމެޖިސްޓްރޭޓަކު ބޭނުންވާ އެއް އަތޮޅަކީ އދ. އަތޮޅުގެ ދާއިރާކަމަށް ކޮމިޝަނަށް ފާހަގަކުރެވިފައި ވާތީއެވެ. މީގެ އިތުރުން ކޮމިޝަންގެ މި ޖަލްސާގައި ކްރިމިނަލްކޯޓުގެ ގާޟީ އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން ސިވިލްކޯޓަށް ބަދަލުވުމަށް އެދިހުށަހަޅާފައިވާ މައްސަލާގައި، ވަޒީފާއާބެހޭ ކޮމިޓީން އެމައްސަލާގައި ނިންމާވާފައިވާ ނިންމުމަށް ރިޢާޔަތްކުރުމަށްފަހު، 04 އޭޕްރީލް 2011 އިން ފެށިގެން އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން ސިވިލްކޯޓަށް ބަދަލުކުރުމަށްވެސް ކޮމިޝަނުން ނިންމެވިއެވެ. މިގޮތަށް ކޮމިޝަނުން ނިންމެވީ މިވަގުތު ސިވިލްކޯޓުގެ ޤާޟީންގެ ތެރެއިން ދެ ޤާޟީއަކު މަދުވެފައިވުމާ އެކު، ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ދިމާވާނެ ދަތިތައް ހައްލުމަށްޓަކައެވެ.