ހައިކޯޓުގެ ފަނޑިޔާރުކަމަށް 05 ބޭފުޅަކު ކޮމިޝަން ކަނޑައަޅުއްވައިފި

19/1/2011

ހައިކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެންމެ މަތީން މާކްސް ލިބިވަޑައިގެންނެވި ތަރުތީބުން ވޯޓަށް އައްސަވާ 05 ބޭފުޅަކު ހައިކޯޓުގެ ފަނޑިޔާރުކަމަށް 19 ޖަނަވަރީ 2011 ވަނަ ދުވަހުގެރޭ ބޭއްވި ކޮމިޝަނުންގެ ޖަލްސާއިން ކަނޑައަޅުއްވާ، ފާސްކުރައްވައިފިއެވެ.

އެގޮތުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ހޮވިވަޑައިގެންނެވި 05 ބޭފުޅުންނަކީ:

 1. އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
 2. ޑރ. އަޒްމިރާލްދާ ޒާހިރު
 3. އަލްއުސްތާޛު ޢަބްދުއްރަޢޫފު އިބްރާހީމް
 4. އަލްއުސްތާޛު ޢައްބާސް ޝަރީފް
 5. އަލްއުސްތާޛު ޢަލީ ސަމީރު

މި 05 ބޭފުޅުންގެ ތެރެއިން ޑރ. އަޒްމިރާލްދާ ޒާހިރު ފިޔަވައި ދެންތިއްބެވި 04 ބޭފުޅުން ހައިކޯޓުގެ ބެންޗަށް ހޮއްވަވާފައިވަނީ ކޮމިޝަންގެ ޖަލްސާގެ އިއްތިފާޤުންނެވެ. ޑރ. އަޒްމިރާލްދާ ޒާހިރު ހޮވިވަޑައިގެންނެވީ ކޮމިޝަންގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 09 މެމްބަރުންގެތެރެއިން 08 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޑރ. އަޒްމިރާލްދާ ޒާހިރަށް ވޯޓް ނުދެއްވީ ކޮމިޝަންގެ މެމްބަރު އައްޝައިޙް ޝުޢައިބް ޢަބްދުއްރަޙްމާނެވެ. ކޮމިޝަންގެ މެމްބަރު އައްޝައިޙް ޝުޢައިބް ޢަބްދުއްރަޙްމާން ވޯޓް ނުދެއްވި ސަބަބެއް ކަމަށް ވިދާޅުވީ، އިސްލާމީ މަޒުހަބުތަކުގެ ތެރެއިން ސުންނަތް ޖަމާޢަތުގެ 04 މަޒުހަބުންކުރެ އެއްވެސް މަޒުހަބަކުން އަންހެނުން ހުރިހާ ބާވަތެއްގެ މައްސަލަ ތަކެއްގައި  ޤާޟީކަން ކުރުމަކީ ހުއްދަކަމެއް ކަމުގައި ނުދެކޭތީ ކަމުގައެވެ.

ހައިކޯޓް ފަނޑިޔާރުކަމަށް ބޭފުޅުން ކަނޑައެޅުއްވުމުގައި ކޮމިޝަނުން ފާސްކުރައްވާފައިވާ އުސޫލުގެ 06 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅުންނަށް ވޯޓު ދެއްވުމުގައި އެއްވެސް ބޭފުޅަކު ވޯޓު ނުދެއްވާނަމަ، ވޯޓު ނުދެއްވި ސަބަބު ބަޔާންކުރަން ވާނެ ކަމަށެވެ.

ކޮމިޝަންގެ މިރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައި ގެންނެވި މެމްބަރުންނަކީ:

 1. އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ
 2. ޑޮކްޓަރ އަފްރާޝީމް ޢަލީ
 3. އަލްފާޟިލް ޢަބްދުﷲ ޝާހިދު
 4. އަލްއުސްތާޛު ޢަބުދުލްޣަނީ މުހަންމަދު
 5. އަލްފާޟިލް ޢަބްދުﷲ ދީދީ
 6. އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން
 7. އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން
 8. ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު
 9. އަލްއުސްތާޛު އަޙްމަދު ރަޝީދު

މި ޖަލްސާގައި ބައިވެރިވެ ވަޑައި ނުގަންނަވަނީ ކޮމިޝަންގެ މެމްބަރު އަލްފާޟިލާ ޢާއިޝަތު ވެލެޒިނީއެވެ.