ހައިކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވާކަމަށް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ފަރާތްތަކާ އިންޓަވިއުކުރައްވާފި

16/1/2011

ހައިކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވާކަމަށް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ފަރާތްތަކާ އިންޓަވިއުކުރައްވާފިއެވެ.

15 ޖަނަވަރީ 2011 ވަނަ ދުވަހުން ހެނދުން 9:00 ން ރޭގަނޑު 20:30 އަށް ކުރިއަށް ގެންދިއަ މި އިންޓަވިއުގައި  06 ދާއިރާއަކުން  ސުވާލުކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ޤާނޫނީ އަދި ދުސްތޫރީ ޢިލްމުގެ ހުނަރުވެރިކަންހުރި މިންވަރާއި، ޝަރުޢީ ޢިލްމުގެ ހުނަރުހުރި މިންވަރާއި، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް ފަރިތަވެފައިވާ މިންވަރާއި، ވާހަކަ ދެއްކުންތެރިކަމާ ރޭވުންތެރިކަމާ ލީޑަރޝިޕްގެ ހުނަރުހުރި މިންވަރާއި، މިނިވަންކަމާ މުސްތަޤިއްލުކަމާ ހަމަހަމަކަމާއި އިންސާފުވެރިކަމުގެ ސިފަހުރި މިންވަރުގެ އިތުރުން ހުށިޔާރުކަމާ މައްސަލަތައް ހައްލުކުރުމުގެ ހުނަރުހުރި މިންވަރުގެ މައްޗަށް ސުވާލުތައް އަމާޒުކުރައްވާފައިވެއެވެ.

ހައިކޯޓުގެ ބެންޗަށް ފަނޑިޔާރުން ކަނޑައަޅުއްވާނީ 19 ޖަނަވަރީ 2011 ގައި އޮންނަ ކޮމިޝަންގެ ޖަލްސާއިންނެވެ. އަދި ހޮވިވަޑައިގަންނަވާ ބޭފުޅުން ހުވާކުރެއްވުމާއި ފަތްކޮޅު ދެއްވުމަށް ހަމަޖައްސަވާފައިވަނީ 23 ޖަނަވަރީ 2011 ވަނަ ދުވަހެވެ.