ފަނޑިޔާރުންގެ ޤާނޫނާއި ކޯޓުތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ކޯޓް އިސްމެޖިސްޓްރޭޓުންނާއި ދާއިރާގެ އިސްމެޖިޖިސްޓްރޭޓުންނާއި ސްޕީރިޔާ ކޯޓު އިސް ޤާޟީން 12 ޖަނަވަރީ 2011 ގައި ބޭއްވުނު ކޮމިޝަންގެ ޖަލްސާއިން ކަނޑައަޅާނެ އުސޫލް ފާސްކޮށްފި

12/1/2011

ފަނޑިޔާރުންގެ ޤާނޫނާއި ކޯޓުތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ކޯޓް އިސްމެޖިސްޓްރޭޓުންނާއި ދާއިރާގެ އިސްމެޖިޖިސްޓްރޭޓުންނާއި ސްޕީރިޔާ ކޯޓު އިސް ޤާޟީން 12 ޖަނަވަރީ 2011 ގައި ބޭއްވުނު ކޮމިޝަންގެ ޖަލްސާއިން ކަނޑައަޅާނެ އުސޫލް ފާސްކޮށްފިއެވެ.

އެގޮތުން ކޯޓު އިސްމެޖިސްޓްރޭޓުން ކަނޑައަޅާނީ އެކޯޓެއްގައި އެންމެ މެޖިސްޓްރޭޓަކު ހުންނެވިނަމަ، އެއީ އެކޯޓުގެ، ކޯޓު އިސްމެޖިސްޓްރޭޓުގެ ގޮތުގައި ހަމަޖެއްސެވުމާއި، އެއްމެޖިސްޓްރޭޓަށްވުރެ ގިނަ މެޖިސްޓްރޭޓުން ތިއްބެވި ކޯޓުތަކުއި މަޤާމުގެ ސީނިޔަރިޓީއަށާއި މަސައްކަތުގެ އަޚުލާގަށް ބެއްލެވުމަށްފަހު، ކޯޓުގެ އިސްމެޖިސްޓްރޭޓުން ހަމަޖެއްސެވުމަށެވެ. ނަމަވެސް ދާއިރާ އިސްމެޖިސްޓްރޭޓުން ތިއްބަވާ މެޖިސްޓްރޭޓް ކޯޓްތަކުގައި ކޯޓު އިސްމެޖިސްޓްރޭޓެއް ނުހުންނާނެއެވެ.

ދާއިރާ އިސްމެޖިސްޓްރޭޓް ހަމަޖެއްސެވުމުގައި މިހާރު އަތޮޅު އިސްމެޖިސްޓްރޭޓްގެ ގޮތުގައި ތިއްބެވި މެޖިސްޓްރޭޓުންނަކީ ދާއިރާ އިސްމެޖިސްޓްރޭޓް ކަމުގައި ހަމަޖެއްސެވުމަށާއި، އަތޮޅު އިސްމެޖިސްޓްރޭޓުން ނެތް ދާއިރާތަކުގައި، އެދާއިރާތަކަށް ދާއިރާ އިސްމެޖިސްޓްރޭޓުން ހަމަޖައްސަވާނީ، ފަނޑިޔާރުންގެ ޤާނޫނުގެ 18 ވަނަ މާއްދާގެ(ށ) ގައި ބަޔާންކޮށްފައިވާ ގޮތާއި، ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓުން ކަނޑައެޅުމަށްޓަކައި އެ ދާއިރާއެއްގައި ތިއްބެވި މެޖިސްޓްރޭޓުންނަށް ފުރުސަތު ހުޅުވާލައި އެ ކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެ ކަމަށް ކުރިމަތިލެއްވި އެދާއިރާގެ މެޖިސްޓްރޭޓް ކޯޓްތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން، ތަޢުލީމާއި ތަޖުރިބާއާއި މަސައްކަތު އަހްލާގުގެ ބަޔަށް މާކްސް ދެވޭއިރު އެންމެ މަތީން މާކްސް ލިބޭ 3 ބޭފުޅަކު ޝޯޓްލިސްޓްކުރެވި ގެންނެވެ. އަދި އޭގެތެރެއިން އިންޓަވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ 75 އިން ފެށިގެން މަތީން މާކްސް ލިބޭ ފަރާތްތަކެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ބޭފުޅުންނާއި އިންޓަވިއު ކުރުމަށްޓަކައި ކޮމިޝަނުން ކަނޑައަޅާ 5 މެންބަރުންގެ ޕެނަލަކުން އެބޭފުޅުންނާއި އިންޓަވިއުކޮށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ގައިވާ ގޮތުގެ މަތީން އެންމެމަތީން މާކްސްލިބޭ ބޭފުޅުންގެ ތަރުތީބުން ވޯޓަށް އެހުމަށްފަހު އެންމެ ފުރަތަމަ ކޮމިޝަނުގެ އަގުލަބިއްޔަތު ލިބޭ ބޭފުޅަކު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ ގޮތުގައި ކޮމިޝަނުން ހަމަޖެއްސުމަށެވެ.

މީގެ އިތުރުން ސްޕީރިޔާ ކޯޓުތަކުގެ އިސް ޤާޟީން ކަނޑައެޅުމުގައި މިހާރުވެސް ސްޕީރިޔާ ކޯޓުތަކުގައި އިސް ޤާޟީންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެގޮތުގައި ތިއްބެވުމަށް ނިންމުނެވެ. އަދި އަލަށް ސްޕީރިޔާ ކޯޓެއްގެ އިސް ޤާޟީގެ މަޤާމު ހުސްވެއްޖެނަމަ، އެމަޤާމަށް އިސްޤާޟީއަކު ހަމަޖެއްސުމުގައި ކޯޓުތަކުގެ ޤާނޫނުގެ 54 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ގޮތަށް ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީންގެ މަޤާމަށް ބޭފުޅަކު ހަމަޖައްސާނީ ފަނޑިޔާރުންގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންތައްތަކަށް ބެލުމަށްފަހުއެވެ. އަދި ސްޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީން ކަނޑައެޅުމަށްޓަކައި، މާލެގައި ހުރި 4 ސްޕީރިއަރ ކޯޓުގެ ފަނޑިޔާރުން އެ މަޤާމަށް ކުރިމަތިލެއްވުމަށް ފުރުސަތު ހުޅުވާލަންވާނެއެވެ. މި ގޮތުން ފުރުސަތު ހުޅުވަލާއިރު ފުރުސަތު ހުޅުވާލާނީ އެ ސްޕްރީއަރ ކޯޓެއްގެ ޤާޟީކަމުގައި ތިއްބެވި ޤާޟީން، އެ ތިއްބެވި ސްޕީރިއަރ ކޯޓެއްގެ އިސްޤާޟީ ކަމުގެ މަޤާމަށް ކުރިމަތިލެވޭ ގޮތަށެވެ. މިގޮތުން ކުރިމަތިލާ ޤާޟީންގެ ތެރެއިން ކްރައިޓީރިގައިވާ ގޮތުގެމަތީން ތަޢުލީމާއި ތަޖުރިބާއާއި، މަސައްކަތު އަހްލާގުގެ ބަޔަށް މާކްސް ދެވޭއިރު އެންމެ މަތީން މާކްސް ލިބޭ 3 ބޭފުޅަކު ޝޯޓްލިސްޓް ކުރެވޭނެއެވެ. މި ގޮތަށް ހޮވާއިރު އިންޓަވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ 75 އިން ފެށިގެން މަތީން މާކްސް ލިބޭ ފަރާތްތަކެވެ. ޝޯޓްލިސްޓް ކުރެވޭ ބޭފުޅުންނާއި އިންޓަވިއު ކުރުމަށްޓަކައި ކޮމިޝަނުން ކަނޑައަޅާ 5 މެންބަރުންގެ ޕެނަލަކުން އެބޭފުޅުންނާއި އިންޓަވިއުކޮށް ކްރައިޓީރިއާ ގައިވާ ގޮތުގެމަތީން އެންމެމަތީން މާކްސްލިބޭ  ބޭފުޅުންގެ ތަރުތީބުން ވޯޓަށް އެހުމަށްފަހު އެންމެ ފުރަތަމަ ކޮމިޝަނުގެ އަގުލަބިއްޔަތު ލިބޭ ބޭފުޅަކު އެ ސްޕީރިއަރ ކޯޓެއްގެ އިސް ޤާޟީކަމުގެ މަޤާމަށް ހަމަޖައްސުމަށެވެ.

މިގޮތަށް ހަމަޖެހުމުން މަޤާމުތަކަށާއި މުސާރައަށް އައިބަދަލު، ލިޔުމުން އެފަރާތްތަކަށް އެންގެވުމަށް ފާސްކުރެއްވިއެވެ.