މިނިވަންކަން

11/1/2011

ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ދާއިރާގެ މިނިވަންކަމަކީ، ޤާނޫނުގެ ވެރިކަން ހިންގުމުގައާއި، ޢަދުލުވެރިކަމާއެކު ޝަރީޢަތް ކުރެވުނުކަން ކަށަވަރުކުރުމުގައި އެންމެ ފުރަތަމަ ޝަރުޠު ކަމަށްވުމާއެކު، ފަނޑިޔާރުން، އެމީހުންގެ އަމިއްލަ ޙައިޘިއްޔަތުންނާއި ފަނޑިޔާރެއްގެ ޙައިޘިއްޔަތުން ޢަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް، އަބަދުވެސް އިސްކަންދޭން ޖެހޭނެއެވެ.

ޢަމަލްކުރަންވީ ގޮތް

1.1     ޝަރީޢަތް ހިންގުމާއި ޢަދުލުއިންޞާފު ޤާއިމުކުރުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތެއް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރަންވާނެއެވެ. މީގެ އިތުރުން ފަނޑިޔާރުން އެމީހުންގެ ވާޖިބު އަދާކުރަންވާނީ މިނިވަންކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ވަކިފަރާތަކުން ކިޔާފާނެ ފާޑުކިޔުމަކަށް ނުވަތަ ދައްކަފާނެ ބިރަކަށް ޖެހިލުންވުމެއްނެތި، ޒާތީ ތަޢައްޞުބުން އެއްކިބާވެތިބެ، ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން،އެ ފަނޑިޔާރަކަށް ފެންނަ އެންމެ އިންސާފުވެރި ގޮތަކަށެވެ.

1.2     ފަނޑިޔާރުން ވާންވާނީ، އެންމެހައި ނުފޫޒުތަކުން އެއްކިބާވެ ތިބޭ، ޚާއްޞަކޮށް އެ ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ޚަޞްމުންގެ ކިބައިން ފުރިހަމައަށް މިނިވަންވެ ތިބޭ ބަޔަކަށެވެ.

1.3     އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވުމުގެ ފުރުޞަތު ދީގެންނުވާނެއެވެ. އަދި މިފަދަ ޢަމަލެއް ކުރުމުގެ ފުރުޞަތު އެއްވެސް މުވައްޒަފަކަށް ނުވަތަ ފަނޑިޔާރެއްގެ އަމުރުގެ ދަށުގައިވާ އެހެން ފަރާތަކަށްވިޔަސް، ދީގެން ނުވާނެއެވެ.

1.4     ފަނޑިޔާރަކު އޭނާގެ އަމިއްލަ މަޞްލަޙަތު އޮތް އެއްވެސް ޝަރީޢަތެއްގައި ފަނޑިޔާރުކަން ކޮށްގެން ނުވާނެއެެވެ.

1.5     ފަނޑިޔާރުން ވާންވާނީ، ވެރިކަން ހިންގުމުގެ ބާރާއި ޤާނޫނު ހެދުމުގެ ބާރުގެ ނުފޫޒުން ފުރިހަމައަށް އެއްކިބާވެގެންވާ ބަޔަކަށެވެ. އަދި އެ މީހެއްގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ފަނޑިޔާރުންގެ ޢަމަލުތައް ބަހައްޓަންވާނީ، އެފަނޑިޔާރަކީ ވަކިފަރާތަކަށް ނުޖެހޭ ތަޢައްޞުބުން އެއްކިބާވެފައިވާ ފަނޑިޔާރެއްކަން ޢާންމުކޮށް ޤަބޫލުކުރެވޭފަދަ ގޮތަކަށެވެ.

1.6     މައްސަލަތައް ބަލައި ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރަންވާނީ އެ މީހެއްގެ އަމިއްލަ ވިސްނުމުގެ މައްޗަށް ބުރަވެެ، ޤާނޫނުގައިވާ ގޮތުގެމަތިން، އެހެނިހެން ފަނޑިޔާރުންނާއި އެނޫންވެސް ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެ ތިބެ، ފުރިހަމަ މިނިވަންކަމާއި ތެދުވެރިކަމާއެކުގައެވެ.

1.7     ފަނޑިޔާރުން އެމީހުންގެ ވާޖިބު އަދާކުރުމުގައި، ފަނޑިޔާރެއްގެ މަޤާމުގެ ޤަދަރާއި، ހައިބަތާއި، މިނިވަންކަން ހިފެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ތެދުވެރިކަމާއެކު އަޅަންވާނެއެވެ.

1.8     ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ދާއިރާގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، އެ ނިޒާމާއި ދާއިރާގެ ހައިބަތާއި ޤަދަރު ޙިމާޔަތްކުރުމަށާއި، ޢާންމުންގެ މެދުގައި އިތުބާރާ ޔަޤީންކަން އުފައްދައި ދެމެހެއްޓުމަށްޓަކައި ކޮންމެ ފަނޑިޔާރަކުމެ،

އެ މީހެއްގެ ޢަމަލުތައް ބަހައްޓަންވާނީ އަޚްލާޤީގޮތުން އެކަށީގެންވާ ފެންވަރެއްގައެވެ. މިގޮތުން ޢާންމު ރައްޔިތަކަށްވީތީ އެމީހަކަށް ކުރެވޭނެކަމަށް މުޖުތަމަޢު ޤަބޫލުކުރާ، ނަމަވެސް ފަނޑިޔާރަކަށްވީތީ އެކަމެއް ކޮށްގެން ނުވާނެކަމަށް މުޖުތަމަޢު ޤަބޫލުކުރާ ކޮންމެ ޢަމަލަކުން ދުރުހެލިވާންވާނެއެވެ.