ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ ބޭފުޅުން ޝޯޓްލިސްޓް ކުރައްވައިފި

9/1/2011

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ ބޭފުޅުން ޝޯޓްލިސްޓްކުރުމަށް، އެކުލަވާލައްވާފައިވާ ކޮމެޓީން ނިންމަވާފައިވާގޮތަށް ތިންފަރާތެއް ޝަރުޠު ހަމަނުވާކަމަށް ކޮމިޝަނުން މިއަދު ކަނޑައަޅުއްވާފިއެވެ.

ހައިކޯޓު ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާކަމަށް ކޮމިޝަނުން ނިންމަވާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް އުނިވުމުންނެވެ. އެގޮތުން ތަޢުލީމީ ބައިންނާއި ތަޖުރިބާގެ މުއްދަތު ހަމަނުވުމާއި، އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރުމުގެ ސަބަބުން ޖުމުލަ ތިންބޭފުޅަކުވަނީ  ޑިސްކޮލިފައި ކުރައްވާފައެވެ.

އަދި ޑިސްކޮލިފައި ކުރައްވާފައިވާ ތިންބޭފުޅުން ޑިސްކޮލިފައި ކުރެވިފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ 12 ޖަނަވަރީ 2011 ވާ ބުދަދުވަހުގެ 12:00 ކުރިން ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެފަރާތްތަކަށް ދެއްވާ އެކަންދަނީ އެފަރާތްތަކަށް ކޮމިޝަނުން އަންގަވަމުންނެވެ.

ހައިކޯޓަށް ފަނޑިޔާރުން ނެގުމަށް އެކުލަވާލައްވާފައިވާ ޕެނަލުން ވަނީ ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރާނެ ދާއިރާތައް ކަނޑައަޅުއްވައި، އެކަންވެސް ކޮމިޝަނުން ގެންދަވަނީ އެފަރާތްތަކަށް އަންގަވަމުންނެވެ. އަދި މިޕެނަލުން މިހާރު ކުރައްވަމުންގެންދަވަނީ  އެބޭފުޅުންނާ ކުރައްވާނެ ސުވާލުތައް ތައްޔާރުކުރުމުގެ މަސައްކަތެވެ.

ކުރިންއެކޭވެސް އެއްގޮތަށް ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ބޭފުޅުންނާ އިންޓަވިއުކުރެއްވުމަށް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ 15 ޖަނަވަރީ 2011 ވާ ހޮނިހިރު ދުވަހެވެ. އަދި ހައިކޯޓުގެ ބެންޗަށް ހޮވިވަޑައިގަންނަވާ ބޭފުޅުން ހުވާކުރެއްވުމަށް ހަމަޖައްސާފައިވަނީ 23 ޖަނަވަރީ 2011 ވާ އާދިއްތަ ދުވަހެވެ.