02 ޖަނަވަރީ 2011 އިން 06 ޖަނަވަރީ 2011 އަށް ކޮމިޝަނުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ ސްޓޭޓަސް

6/1/2011

02 ޖަނަވަރީ 2011 އިން 06 ޖަނަވަރީ 2011 އަށް ކޮމިޝަނުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ ސްޓޭޓަސްއަށް ބަލާއިރު، މި ހަފުތާގައި ބޭއްވިފައިވަނީ ކޮމިޝންގެ ތިން ޖަލްސާއެވެ. އެއީ 03 ޖަނަވަރީ 2011 ގައި ބޭއްވު ކޮމިޝަންގެ ކުއްލި ޖަލްސާއާއި 05 އަދި 06 ޖަނަވަރީ 2011 ގައި ބޭއްވުނު ކޮމިޝަންގެ ޖަލްސާއެވެ.

03 ޖަނަވަރީ 2011 ގައި ބޭއްވު ކޮމިޝަންގެ ކުއްލި ޖަލްސާއަކީ ކޮމިޝަންގެ މެމްބަރު އަލްފާޟިލާ އާޢިޝަތު ވެލެޒިނީއަށް ތޫނުއެއްޗަކުން ދެވުނު ހަމަލާއާގުޅިގެން ބޭއްވުނު ޖަލްސާއެވެ. އަދި 05 ޖަނަވަރީ 2011 ގައި ބޭއްވު ޖަލްސާގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ހައިކޯޓް ފަނޑިޔާރުންގެ ޕެނަލް ރިވިއުކުރުމާއި އެޕެނަލުން ކުރަންހުރި މަސައްކަތްތަކާގުޅޭ ގޮތުންނެވެ.

06 ޖަނަވަރީ 2011 (ބުރާސްފަތި) ބޭއްވު ކޮމިޝަންގެ ޖަލްސާގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ކޮމިޝަންގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކަށް ދެއްވަމުންގެންދަވާ އެލަވަންސާ ގުޅޭގޮތުންނާއި،  ހިންގާ ގަވާއިދުގެ މަސައްކަތަކާއި އޮފީސް ހިންގުމަށް އެކަށީގެންވާ އިމާރާތެއް ހޯދުމާ މެދުގައެވެ. އެގޮތުން ކޮމިޝަންގެ އަދި ކޮމިޓީގެ ބައްދަލުވުންތަކަށް ދެމުން ގެންދެވޭ އެލަވަންސް މިހާރެކޭ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމުނެވެ. މީގެއިތުރުން މިޖަލްސާގައި ކޮމިޝަންގެ ހިންގާ ގަވާއިދުގެ ފާސްކުރުމަށް ތާރީޚްތަކެއް ވަނީ ކަނޑައަޅުއްވާފައެވެ. އެތާރީޚްތަކަކީ 10 ޖަނަވަރީ 2011 ގައި ކޮމިޝަންގެ ހިންގާ ގަވާއިދަށް އިސްލާހު ހުށަހަޅާ، ބަހުސް ކުރުމާއި 12 ޖަނަވަރީ 2011 ގައިވެސް މިބަހުސް ކުރިއަށް ގެންދެވައި 13 ޖަނަވަރީ 2011 ގައި ހިންގާ ގަވާއިދު ފާސްކުރުމަށްވެސް ވަނީ  ނިންމަވާފައެވެ.

އަދި އޮފީސް ހިންގުމަށް އެކަށީގެންވާ އިމާރާތެއް ހޯދުމަށް ބަޖެޓް ދެއްވާފައިވާތީ،  އިމާރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށްވެސް ނިންމެވިއެވެ.

އަދި ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ މަސައްކަތް ކުރުމަށް އެކުލަވާލައްވާފައިވާ ޕެނަލްގެ މަސައްކަތް 08 ޖަނަވަރީ 2011 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:30 ފެށިގެން ކުރިއަށް ގެންދިއުމަށާއި، އަދި އެދުވަހުގެ މަސައްކަތް ޝޯޓްލިސްޓްކޮށް ނިމެންދެން ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ.

މީގެ އިތުރުން މިހަފުތާގައި ކުރިއަށް ގެންދެވިފައިވާ ކޮމެޓީތަކަށް ބަލާއިރު، ތަހުޤީގު ކޮމެޓީގެ 2 ބައްދަލުވުމަކާއި، ވަޒީފާ ކޮމެޓިގެ ބައްދަލުވުމެއް ބޭއްވިފައި ވެއެވެ. އަދި ކޮމިޝަނުން ތަޙްޤީޤް ކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ތަޙްޤީޤް ކޮމިޓީގެ ސަބްކޮމެޓީގެ 4 ބައްދަލުވުމެއް ކުރިއަށް ގެންދެވިފައިވެއެވެ.